ޚަބަރު

އެމެރިކާގެ އަސްކަރީ ސާމާނުތަކަށް ލިބުނު ގެއްލުން 2.3 ބިލިޔަން ޑޮލަރުގައި


މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން އެމެރިކާ އަސްކަރިއްޔާގެ އެތައް ބިލިޔަން ޑޮލަރުގެ އަސްކަރީ ސާމާނަށް ގެއްލުން ލިބިފައިވާ ކަމަށް ސެންޓަރ ފޮރ ސްޓްރެޓީޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީޒް، ސީއެސްއައިއެސްގެ ހިސާބުތަކަކުން ދައްކައިފިއެވެ.

ސީއެސްއައިއެސްގެ މުޝީރެެއް ކަމަށްވާ މާކް ކަންސިއަން ތައްޔާރުކޮށްފައިވާ ދިރާސާއިން ދައްކާ ގޮތުގައި މިދިޔަ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު އެމެރިކާއާއި ޔަހޫދީން އީރާނަށް ޙަމަލާ ދިނުމުން ފެށުނު މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން 2.3 ބިލިޔަން އެމެރިކާ ޑޮލަރާއި 2.8 މިލިޔަން ޑޮލަރާ ދެމެދުގެ ގެއްލުން އެމެރިކާގެ އަސްކަރިއްޔާއަށް ވެފައިވެއެވެ. އެ ޢަދަދަކީ ހަމައެކަނި އަސްކަރީ ސާމާނަށް ލިބިފައިވާ ގެއްލުމުގެ އަގެވެ. އެ ޢަދަދުގެ ތެރޭގައި މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ލިބިފައިވާ ގެއްލުންތަކާއި ޚާއްޞަ އިކުއިޕްމަންޓަށާއި ކަނޑުގެ އެސެޓްތަކަށް ލިބިފައިވާ ގެއްލުން ނުހިމެނެއެވެ. އެހެންކަމުން، އަސްކަރިއްޔާއަށް ލިބިފައިވާ ހަޤީޤީ ގެއްލުމުގެ ޖުމްލަ ޢަދަދު އެ އަށްވުރެ އެތައް ގުނައެއް އިތުރުވާނެ ކަމަށް ބެލެވެއެވެ.

އެމެރިކާގެ އަސްކަރީ ސާމާނަށް ގެއްލުން ލިބުނު ހާދިޘާތަކުގެ ތެރެެއިން ފާހަގަކޮށްލެވޭ ބައެއް ޙަމަލާތައް އެބަ ހުއްޓެވެ. އެ ގޮތުން މާރިޗު މަހުގެ 27ވަނަ ދުވަހު ސަޢުދީ ޢަރަބިއްޔާގެ ޕްރިންސް ސުލްޠާން ވައިގެ އަސްކަރީ މަރުކަޒަށް އީރާނުން ދީފައިވާ ޙަމަލާއެއް ހިމެނެއެވެ. އެ ޙަމަލާގައި އެމެރިކާގެ އީ-3 އޭޑަބްލިޔުއޭސީއެސް/އީ7 މަރުކާގެ ރާޑަރު މަތިންދާބޯޓެއް ވަނީ ސުންނާފަތިވެފައެވެ. އެ އުޅަނދުގެ އަގު 700 މިލިޔަން ޑޮލަރަށް އަރައެވެ. އެ މަތިންދާބޯޓަކީ ދުރާލާ އިންޒާރުތައް ދެނެގަނެވޭ، އަދި ދުރު ރާސްތާތަކުގައި ވައިގެ ޙަރަކާތްތައް ކުރިއަށް ގެންދިޔުމުގެ ޤާބިލުކަން ލިބިފައިވާ ޚާއްޞަ އުޅަނދެކެވެ.

އޭގެ ކުރިން، މާރިޗު މަހުގެ 1ވަނަ ދުވަހު އެމެރިކާގެ މިސައިލް ދިފާޢީ ނިޒާމެއް ކަމަށްވާ ތާޑް ނިޒާމާ ގުޅުންހުރި ރާޑަރެއް ވެސް އީރާނުގެ ޙަމަލާއެއްގައި ސުންނާފަތިވެފައިވެއެވެ. ބައެއް ރިޕޯޓުތަކުން ވަނީ އީރާނުގެ ޙަމަލާގައި އޭގެ ދެ ރާޑަރު ސުންނާފަތިވެފައިވާ ކަމަށް ބުނެފައެވެ. އެހެންކަމުން ރާޑަރަށް ލިބުނު ގެއްލުމުގެ އަގު 485 މިލިޔަން ޑޮލަރާއި 970 މިލިޔަން ޑޮލަރާ ދެމެދުގެ ޢަދަދަށް އަރާނެ ކަމަށް ބެލެވެއެވެ.

އީރާނުގެ ޙަމަލާތަކުގެ އިތުރުން ރަޙްމަތްތެރި ޤައުމުތަކުން އޮޅުމަކުން ދެވިފައިވާ ޙަމަލާތަކުގެ ސަބަބުން އެމެރިކާގެ އަސްކަރީ ސާމާނަށް ގެެެއްލުން ލިބިފައިވެއެވެ. އެ ގޮތުން މާރިޗު މަހުގެ ކުރީކޮޅު ކުވައިތުގެ އަސްކަރިއްޔާއިން ވަނީ އެމެރިކާގެ ތިން އެފް-15 ފައިޓަރ ޖެޓް އޮޅުކަމުން ވައްޓާލައިފައެވެ.

ދައުޙާ އިންސްޓިޓިއުޓް ފޮރ ގްރެޖުއޭޓް ސްޓަޑީޒްގެ ސަލާމަތީ އަދި އަސްކަރީ ދާއިރާގެ ޕްރޮފެސަރެއް ކަމަށްވާ ޢުމަރު އާޝޫރު ވިދާޅުވީ އެމެރިކާއަށް ލިބިފައިވާ ބައެއް ގެއްލުންތައް އެ ޤައުމުން ހާމަކޮށްފައިވާ ނަމަވެސް ލިބިފައިވާ ގެއްލުމުގެ ފުރިހަމަ މަޢުލޫމާތު ސިޔާސީ ސަބަބުތަކަށްޓަކައި އެ ޤައުމުން ހާމަ ނުކުރާނެ ކަމަށެވެ. އެ މަޢުލޫމާތު ހާމަކޮށްފި ނަމަ އެމެރިކާގެ ސަރުކާރަށް ފާޑުކިޔުން އަމާޒުވެ އާންމުންގެ މެދުގައި މަޤުބޫލު ކަން ގެއްލިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ސަބަބުން ނޮވެމްބަރު މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ޤައުމުގެ މެދު ދައުރުގެ އިންތިޚާބުގެ ނަތީޖާ ގޯސްވުން އެކަށީގެންވެއެވެ.