ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކްއާޓަރ ފައިނަލްގައި ނޯވޭ އާއި އިންގްލަންޑް ބައްދަލުކުރި މެޗުގައި އިންގަލަންޑްއިން ކާމިޔާބު ކުރި ފުރަތަމަ ލަނޑު ޖެހި ހަމަލާ އުފެއްދުމަށް ލިބުނު ފުރުސަތުގެ ތެރޭގައި ބޯޅަ ދަނޑު މަތިން އަޅާފައިވާ ކެމެރާތަކުގެ ކޭބަލްގައި ޖެހުނުކަމަށް ނޯވޭގެ ކޯޗު ސްޓާލް ސޮލްބަކެން ބުނެފިއެވެ.
އޭނާ މިހެން ބުނެފައިވަނީ މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުންނެވެ. ސޮލްބަކެން ބުނިގޮތުގައި އެހާދިސާ ހިނގާފައިވަނީ ނޯވޭގެ ކީޕަރ އޯޔާން ނައިލަންޑް ބޯޅައެއް ކްލިއަރ ކުރުމުގެ ތެރޭގައި ކަމަށާއި އަދި ކޭބަލްގައި ބޯޅަ ޖެހި މިސްރާބު ކޮށްމެވެސް ވަރަކަށް ބަދަލުވެ ލިބިފައިވަނީ އިންގްލަންޑްގެ ކުޅުންތެރިޔަކަށް ކަމަށެވެ. އަދި އެއީ އިންގަލަންޑްގެ ފުރަތަމަ ހަމަލާ ލަނޑު ޖެހުމުގެ ހަމަލާ ފެށުނު ހިސާބު ކަމަށް އޭނާ ބުންޏެވެ.
ސޮލްބަކެންވަނީ ފުރަތަމަ ހާފު ނިމުމާއެކު މިކަމުގެ ޝަކުވާ ރެފްރީ ކައިރީގައިވެސް ކޮށްފައެވެ. ނަމަވެސް މެޗުގެ ރެފްރީ ވަނީ އޭނާއަށް އެތަން ނުފެންނަ ކަމަށް ބުނުމުގެ އިތުރުން ވީއޭއާރުންވެސް އެފަދަ ކަމެއް ހިނގިކަމަށް އިޝާރާތް ކޮށްފައިނުވާކަމަށް ބުނެފައެވެ.
ސޮލްބަކެން ބުނީ ބޯޅަ ކުއްލިއަކަށް މަތިން ވެއްޓުނީ ކަމަށާއި އެހެން ކަމުން ބޯޅައިގެ މިސްރާބު ބަދަލުވިކަން އެނގޭ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އޭނާގެ ކުޅުންތެރިންނަށް އޮޅުން އަރައިގެން ދިޔަކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
ނަމަވެސް ފީފާއިން އާންމު ކުރި ބަޔާނެއްގައިވަނީ ބޯޅަ ކޭބްލްގައި ޖެހުނު ކަމެއް ނުވަތަ ބޯޅައިގެ މިސްރާބު ބަދަލުވިކަމުގެ އެއްވެސް ހެއްކެތް ފެއްނަން ނެތްކަމަށް ބުނެފައެވެ. ސޮލްބަކެން ބުނީ މިކަމުގައި ދެން ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށާއި އެއީ އެކަން އެހެން ވީއޭ ކިޔާފަ މިމެޗު އަލަކުން ނުކުޅޭނެކަމަށެވެ.
ސޮލްބަކެން ބުނީ މިމެޗުގެ އިތުރު ވަގުތުގައި އާލިންގ ހާލަންޑް ބާލަން ޖެހުނީ އޭނާ އެއްކޮށް ވަރުބަލިވެ އިތުރަށް ކުޅެވޭނެ ވަރުނެތުމުން ކަމަށެވެ.
ނޯވޭގެ ކޯޗު ބުނިގޮތުގައި ހާލަންޑް ވަނީ މިމުބާރާތުގައި ވަރަށް މޮޅު ކުޅުމެއް ހުރިހާ މެޗެއްގައިވެސް ދައްކާފައިކަމަށާއި އެހެން ކަމުން މިހާހިސާބަށް އައިއިރު ވަރުބަލި ކަމަށާއި ކުދި އަނިޔާގެ މައްސަލަ އޭނާއަށް ކުރިމަތިވެފައިވީކަމަށެވެ. އަދި ވޯލްޑް ކަޕްގެ ފަސް މެޗުގައި 7 ލަނޑު ޖެހުމަކީ ފާހަގަ ކޮށްލަންޖެހޭ ކަމެއް ކަމަށެވެ.
މީގެއިތުރުން ސޮލްބަކެން ބުނީ މިމެޗުގެ ނަތީޖާ އާމެދު ހިތާމަ ކުރާ ކަމަށާ އެއީ މިމެޗުން މޮޅުވުމުގެ ފުރުސަތު އެޓީމަށް އޮތް ކަން އެނގޭތީކަމަށް އޭނާ ބުންޏެވެ. ނަމަވެސް މުބާރާތް ފެށުމުގެ ކުރިން ނޯވޭއިން މިހާހިސާބަށް ދަތުރު ކުރާނެކަމަށް ބުނިނަމަ އޭނާ ހުންނާނީ ވަރަށް އުފަލުންކަމަށްވެސް ނޯވޭގެ ކޯޗު ބުންޏެވެ.