ޚަބަރު

ޔަހޫދީންނާއި ޢަރަބި ޤައުމުތަކަށް 8.6 ބިލިޔަން ޑޮލަރުގެ ހަތިޔާރު


އެމެރިކާގެ ޤާނޫނުހަދާ މަޖިލިސް، ކޮންގްރެސްގެ ހުއްދައާ ނުލައި ޔަހޫދީންނަށާއި، ޤަޠަރު، ކުވަޔިތު އަދި އެކުވެރި ޢަރަބި ޢިމާރާތަށް (ޔޫއޭއީ) 8.6 ބިލިޔަން އެމެރިކާ ޑޮލަރުގެ ހަތިޔާރު ވިއްކުމަށް ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ނިންމައިފިއެވެ. ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ ކަނޑައަޅުއްވާފައިވަނީ އީރާނާ ދެކޮޅަށް ޓްރަމްޕް ފެށްޓެވި ހަނގުރާމައާ ގުޅިގެން ހުޅަނގު އޭޝިޔާ ސަރަޙައްދުގައި ކުއްލި ނުރައްކަލުގެ ޙާލަތެއް އޮތުމުގެ ސަބަބުން، ޤާނޫނީ ހުރަސްތައް ނައްތައިލައި މި މުޢާމަލާތު ވަގުތުން ކުރިއަށް ގެންދަން ޖެހޭ ކަމުގައެވެ. މި ނިންމުން ޢާންމުކޮށްފައި މި ވަނީ އެމެރިކާއާއި ޔަހޫދީން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ނުވަ ހަފުތާއަށްވުރެ ދިގު މުއްދަތަކަށް ދިގުލައިގެންގޮސްފައިވާ ދަނޑިވަޅެއްގައެވެ.

މި މުޢާމަލާތުގެ ދަށުން ޤަޠަރަށް 4.01 ބިލިޔަން ޑޮލަރުގެ ޕޭޓްރިޔަޓް މިސައިލް ޑިފެންސް ސިސްޓަމާއި 992.4 މިލިޔަން ޑޮލަރުގެ 'އޭޕީކޭޑަބްލިޔުއެސް' ރޮކެޓް ސިސްޓަމް ވިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި، ކުވަޔިތަށް 2.5 ބިލިޔަން ޑޮލަރުގެ ބެޓްލް ކޮމާންޑް ސިސްޓަމެއް ވިއްކުމަށް ހަމަޖެހިފައިވާއިރު، ޔަހޫދީންނަށް 992.4 މިލިޔަން ޑޮލަރުގެ އަދި ޔޫއޭއީއަށް 147.6 މިލިއަން ޑޮލަރުގެ ރޮކެޓް ސިސްޓަމް ފޯރުކޮށްދިނުމަށް ރޫބިޔޯ ވަނީ ހުއްދަދެއްވާފައެވެ. މި ހަތިޔާރުތައް އުފައްދާ މައިގަނޑު ކުންފުނިތަކަކީ ބީއޭއީ ސިސްޓަމްސް، އާރްޓީއެކްސް، ލޮކްހީޑް މާޓިން އަދި ނޯތުރޮޕް ގްރަމަންއެވެ.

ޞަހްޔޫނީން ރުއްސުމަށް ފެބުރުވަރީ 28 ގައި އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން ތެހްރާނުން ވެސް ވަނީ ރައްދުގައި ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. މި ޙަމަލާ ބަދަލުކުރުންތަކާއި، ލުބްނާންގައި ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ސަބަބުން މިހާތަނަށް އެތައް ހާސް ބަޔަކު ޝަހީދުވެ، މިލިޔަނުން މީހުން ވަނީ ހާލުގައި ޖެހިފައެވެ. ޚާއްޞަކޮށް ފަލަސްޠީނުގެ ޣައްޒާގައި ޔަހޫދީން ހިންގާފައިވާ ޤަތުލުޢާންމާ ގުޅިގެން އެކުވެރި ދައުލަތްތަކާއި (އދ) އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ދަނީ އެމެރިކާއިން ޔަހޫދީންނަށް ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

އެމެރިކާއިން އެހީތެރިވަމުންދާ ޢަރަބި ޤައުމުތަކުގެ އިންސާނީ ޙައްޤުތަކުގެ ޙާލަތާ މެދު ސުވާލު އުފެދިފައިވީ ނަމަވެސް، ވޮޝިންގްޓަނުން ދަނީ އެ ޤައުމުތަކުގެ ސަރުކާރުތަކާއި އަސްކަރިއްޔާތަކަށް ބޭނުންވާ އެއްބާރުލުން ފޯރުކޮށްދެމުންނެވެ. ނޫސްވެރިންނަށާއި މަސައްކަތްތެރިންނަށް ކުރާ އަނިޔާގެ ތުހުމަތުތަކަށް ކުވަޔިތާއި ޤަޠަރު ފަދަ ޤައުމުތަކުން އިންކާރު ކުރި ނަމަވެސް، ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ފާޑުކިޔުންތައް އެ ޤައުމުތަކަށް ވަނީ އަމާޒުވެފައެވެ. މި ހުރިހާ ގޮންޖެހުންތަކަކާއެކު ވެސް، ހުޅަނގު އޭޝިޔާ ސަރަޙައްދުގައި އެމެރިކާގެ އަސްކަރީ ނުފޫޒު ވަރުގަދަކުރުމުގެ މަސައްކަތް އެމެރިކާއިން ދަނީ ހުއްޓުމެއް ނެތި ކުރަމުންނެވެ.