ޚަބަރު

އެމެރިކާގެ 5،000 ސިފައިން ޖަރުމަންވިލާތުން ބާލަނީ


ހުޅަނގުގެ ދިފާޢީ އިއްތިޙާދުގެ (ނޭޓޯ) މެންބަރުންނާއި އެމެރިކާއާ ދެމެދު މެދުއިރުމަތީގެ ހަނގުރާމައިގެ މައްސަލައިގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ބޮޑުވެ، ޖަރުމަނުވިލާތުގައި ތިބި އެމެރިކާގެ 5،000 ސިފައިން ބޭލުމަށް ނިންމާފައިވާ ކަން އެމެރިކާގެ ދިފާޢީ އިދާރާ، ޕެންޓަގަނުން އިޢުލާނުކޮށްފިއެވެ. މި ނިންމުން ނިންމާފައި މި ވަނީ، އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެންނާނެ ގޮތުގެ ހަރުދަނާ ސިޔާސަތެއް ވޮޝިންގޓަނުން ނުގެންގުޅޭ ކަމުގައި ވިދާޅުވެ، ޖަރުމަނުވިލާތުގެ ޗާންސެލަރ ފްރީދްރިޝް މެޔަޓްޒް ފާޑުވިދާޅުވެފައި ވަނިކޮށެވެ. މެޔަޓްޒް ވިދާޅުވީ، އީރާނާއި އެމެރިކާއާ ދެމެދު ކުރަމުންދާ ސުލްޙައިގެ މަޝްވަރާތަކުގައި ތެހްރާނުން ވޮޝިންގޓަން ލަދުގެންނުވައިލާފައިވާ ކަމުގައެވެ. އެއީ، ވަރަށް "ނޭދެވޭ" ބަސްމަގެއްގެ ގޮތުގައި ޕެންޓަގަންގެ އޮފިޝަލަކު ވަނީ ސިފަކޮށްފައެވެ.

މި ވަގުތު ޖަރުމަނުވިލާތުގައި އެމެރިކާގެ 35،000 ސިފައިން ތިބިއިރު، އޭގެ ތެރެއިން 5,000 ސިފައިން ބޭލުމުގެ މަސައްކަތް ކުރިއަށް އޮތް 12 މަސްދުވަހުގެ ތެރޭގައި ނިންމައިލެވޭނެ ކަމުގައި ޕެންޓަގަނުން ބުންޏެވެ. މި ފިޔަވަޅަކީ ވިލާތުގެ ޤައުމުތަކުން އަމިއްލަ ސަލާމަތް ބެލެހެއްޓުމަށް ބާރުއެޅުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުގައި ވޮޝިންގޓަނުން ސިފަކުރި ނަމަވެސް، މިއީ ނޭޓޯގެ އެކުވެރިންގެ "ނުކިޔަމަންތެރިކަމަށް" ޓްރަމްޕް ދެއްވި އިންޒާރެއްގެ ގޮތުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ. ހަނގުރާމައިގައި އެމެރިކާއަށް އެއްބާރުލުން ދީފައިނުވާ ނޭޓޯގެ ބައިވެރިންނަށް އަދަބުދިނުމުގެ ގޮތުން، ސްޕެއިން ނޭޓޯއިން ސަސްޕެންޑްކުރުމާއި، އިނގިރޭސިވިލާތުން ފޯކްލެންޑް އައިލެންޑްސްއަށް ކުރާ ދަޢުވާއަށް އެމެރިކާ ކުރާ ތާއީދު މުރާޖާކުރުން ފަދަ ފިޔަވަޅުތައް އެޅުމަށް ޕެންޓަގަނުން
ދަނީ ދިރާސާކުރަމުންނެވެ.

އީރާނަށް ޙަމަލާދިނުމުގެ ކުރިން ވިލާތުގެ ޤައުމުތަކާ މަޝްވަރާކޮށްފައި ނުވާތީ، ސްޕެއިންގެ ސަރުކާރުން ވަނީ އެމެރިކާއަށް އެ ޤައުމުގެ އަސްކަރީ މަރުކަޒުތަކާއި ވައިގެ ސަރަޙައްދު ބޭނުންކުރުމުގެ ހުއްދަދިނުމަށް އިންކާރުކޮށްފައެވެ. މީގެ އިތުރުން، އިޓަލީވިލާތުގެ ބޮޑުވަޒީރު ޖޯޖިޔާ މެލޯނީއާއި ޓްރަމްޕާ ދެމެދު ވެސް ވަނީ ބޮޑެތި މައްސަލަތަކެއް އުފެދިފައެވެ. ޚާއްޞަކޮށް، ހަކަތައިގެ ބާޒާރަށް ބޮޑު ގެއްލުމެއް ލިބޭ ގޮތަށް ހުރްމުޒް ކަނޑުއޮޅި ބަންދުވެފައި އޮތްއިރު، ނޭޓޯގެ ބައިވެރިން އެ ސަރަޙައްދު ހުޅުވުމަށް އެހީތެރިނުވާތީ ޓްރަމްޕް ގެންދަވަނީ ނުރުހުން ފާޅުކުރައްވަމުންނެވެ. ފެބުރުވަރީ 28 ގައި އެމެރިކާއާއި ޔަހޫދީން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން ބައިވެރިންނާ މަޝްވަރާ ނުކުރުމަކީ މި ގުޅުން ހީނަރުވި މައިގަނޑު ސަބަބެވެ.

ޖަރުމަނުވިލާތުން އެމެރިކާގެ ގިނަ އަދަދެއްގެ ސިފައިން ބޭލުމުގެ ނިންމުމުގެ ދަށުން، އެ ޤައުމުގައި މި ވަގުތު ހަރަކާތްތެރިވަމުންދާ ބްރިގޭޑް ކޮމްބެޓް ޓީމެއް އަނބުރާ ޤައުމެއް ގެންދާއިރު، ކުރީގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ފޮނުވުމަށް ނިންމާފައިވާ ދުރު-ރާސްތާގެ ޙަމަލާތަކަށް ޤާބިލު ޓީމެއް ފޮނުވުމުގެ މަސައްކަތް ވެސް މިހާރު ވަނީ ހުއްޓައިލާފައެވެ. މި ފިޔަވަޅުގެ ސަބަބުން ވޮޝިންގޓަނަކީ އިތުބާރު ނެތް ބައިވެރިއެއްގެ ގޮތުގައި ވިލާތުން ޤަބޫލުކުރަން ފަށާނެ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ. ސަބަބަކީ، މި ނިންމުމާމެދު ޖަރުމަނުވިލާތުގެ އަސްކަރީ އޮފިޝަލުން ހައިރާންކަން ފާޅުކޮށްފައިވުމެވެ. އެ ބޭފުޅުން ޤަބޫލުކުރައްވާ ގޮތުގައި، ޖަރުމަނުވިލާތަކީ އެމެރިކާގެ އަސްކަރީ ހަސްފަތާލުތަކާއި މަރުކަޒުތައް ބޭނުންކުރުމުގެ ފުރުޞަތު ދީގެން، އީރާން ހަނގުރާމައިގައި އެންމެ ބޮޑު އެހީތެރިކަމެއް ދެމުންދާ އެއް ޤައުމެވެ.