ފަލަސްޠީނުގެ ޣައްޒާގައި އިޢުލާނުކޮށްފައިވާ ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުން މޮނިޓަރު ކުރުމަށާއި، ޔަހޫދީންގެ ޤަތުލުޢާންްމުގައި ނިކަމެތިކޮށްލާފައިވާ މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުން އިތުރުކުރުމަށް ޔަހޫދީ ދައުލަތުގައި ޤާއިމުކޮށްފައިވާ އެމެރިކާގެ ސިވިލް-މިލިޓަރީ ކޯޑިނޭޝަން ސެންޓަރު (ސީއެމްސީސީ) އުވައިލުމަށް ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ނިންމައިފިއެވެ. މި ނިންމުމަކީ ޣައްޒާގެ މައްސަލައިގައި ޓްރަމްޕް ގެންގުޅުއްވާ ސުލްޙައިގެ މަޝްރޫޢަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއްގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ފާހަގަކުރިއެވެ.
މަޞްދަރުތަކުން ބުނީ، ސީއެމްސީސީ އުވައިލަނީ ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމުގެ އުސޫލުތަކަށް ޔަހޫދީން އަމަލުކުރަމުން ނުދާތީ ކަމުގައެވެ. އެމެރިކާގެ މި ނިންމުމުގެ ސަބަބުން، ޣައްޒާ އަލުން އާރާސްތުކުރުމަށް ޓްރަމްޕް އެކުލަވައިލެއްވި ރޭވުމަށް އެހީތެރިވުމަށް އިނގިރޭސިވިލާތާއި، ޖަރުމަނުވިލާތް އަދި ފަރަންސޭސިވިލާތް ފަދަ ބާރުތަކުން ކުރަމުންދިޔަ އުންމީދުތަކަށް ވަނީ ހުރަސް އެޅިފައެވެ. ޚާއްޞަކޮށް، އީރާނާ ދެކޮޅަށް އެމެރިކާއާއި ޔަހޫދީން ފެށި ޣައިރުޤާނޫނީ ހަނގުރާމައިގެ ސަބަބުން މި މަޝްރޫޢުތައް ވަނީ މަޑުޖެހިފައެވެ.
އެމެރިކާ ސަރުކާރުގެ މަޞްދަރުތަކުން ބުނީ، ސީއެމްސީސީގެ މަސްއޫލިއްޔަތުތައް ދެން ޙަވާލުކުރާނީ އިންޓަރނޭޝަނަލް ސްޓެބިލައިޒޭޝަން ފޯސްއަށް (އައިއެސްއެފް) ކަމުގައެވެ. މި ބަދަލާއެކު، އެ ސީއެމްސީސީގައި މަސައްކަތްކުރާ އެމެރިކާ ސިފައިންގެ އަދަދު 190 އިން 40 އަށް މަދުވެގެންދާނެއެވެ. ބަދަލުގައި އެމެރިކާއިން މަސައްކަތް ކުރަމުންދަނީ އެހެން ޤައުމުތަކުގެ މަދަނީ މުވައްޒަފުން އެ ތަނަށް ޢައްޔަންކުރުމަށެވެ. ޣައްޒާގެ ކަންކަން އިންތިޒާމު ކުރުމަށް ޓްރަމްޕް އެކުލަވައިލެއްވި ސުލްޙައިގެ ބޯޑުން ވަނީ ސީއެމްސީސީ އުވައިލާކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފައެވެ. ނަމަވެސް، އައިއެސްއެފުން އެ މަސައްކަތްތަކާ ޙަވާލުވާނެކަމުގެ އިޝާރާތްތައް ފެންނަމުންދާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.
މި ހުރިހާ ބަދަލުތަކެއް އަންނަމުންދާއިރު، ޣައްޒާގެ ބިންތަކަށް ޔަހޫދީން ވެރިވެގަތުން ވަނީ އިތުރުކޮށްފައެވެ. ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށި ފަހުން ވެސް ޔަހޫދީން ވަނީ ނިރުބަވެރި ޙަމަލާތައް ދަމަހައްޓައި، ޣައްޒާއިން 800 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައެވެ. ޔަހޫދީންގެ ހަމަލާތަކުގައި ޣައްޒާގެ ބިނާރުތައް ސުންނާފަތިކޮށްލައި، ދެ މިލިޔަނަށްވުރެ ގިނަ މީހުން ވަނީ ޙާލުގައި ޖައްސާފައެވެ. މި ޙާލަތުގެ ސަބަބުން، އެމެރިކާ އިސްވެ އޮވެ ހިންގާ މިޝަންގެ ނަން އިންޓަރނޭޝަނަލް ޣައްޒާ ސަޕޯޓް ސެންޓަރަށް ބަދަލުކުރި ނަމަވެސް، ޣައްޒާގެ ރައްޔިތުން ޙަޤީޤަތުގައި ތަހައްމަލު ކުރަމުންދާ ޙާލަތަށް ބަދަލެއް އަންނާނެ ކަމާމެދު ޚާރިޖީ ދާއިރާގެ މާހިރުން ދަނީ ސުވާލު އުފައްދަމުންނެވެ.