ޚަބަރު

ހުރްމުޒްގެ ބާރުވެރިކަން ހޯދުމަށް އެމެރިކާއާއި އީރާނުން ޙަމަލާ ބަދަލުކުރަނީ


ތެލާއި ގޭސް އުފުލާ މައި އެއް މަގު ކަމުގައިވާ ހުރްމުޒް ކަނޑުއޮޅީގެ ކޮންޓުރޯލު ހޯދުމަށް އެމެރިކާއާއި އީރާނުން ކުރަމުންދާ މަސައްކަތް ހޫނުވެ، ޙަމަލާ ބަދަލުކުރަން ފެށުމާއެކު، ސަރަޙައްދީ ހަނގުރާމަ ހުއްޓައިލުމަށް އޮތް ނާޒުކު އުންމީދުތައް އަނެއްކާވެސް ފަނޑުވެއްޖެއެވެ. ފެބުރުވަރީ 28 ގައި އެމެރިކާއާއި ޞަހްޔޫނީން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައާއެކު ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމުން ގަލްފުގެ ސަރަޙައްދުގައި ތާށިވި މުދަލާއި، ތެލާއި ގޭސް އުފުލާ އުޅަނދުފަހަރު ސަލާމަތް ކުރެއްވުމުގެ ނަމުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ފެށްޓެވި "ޕްރޮޖެކްޓް ފްރީޑަމް" އޮޕަރޭޝަނާއެކު، އީރާނުން ވަނީ އެކުވެރި ޢަރަބި ޢިމާރާތުގެ (ޔޫއޭއީ) ފުޖަޔިރާ ބަނދަރަށް މިސައިލް ޙަމަލާތަކެއް ދީފައެވެ. އެ ބަނދަރު ކައިރީގައި އެމެރިކާގެ އަސްކަރީ މަރުކަޒެއް އޮވެއެވެ.

އީރާނާ ދެކޮޅަށް ޓްރަމްޕް މިހާރު ހަނގުރާމަ ކުރައްވަމުން ގެންދަވަނީ ޤާނޫނުހަދާ މަޖިލިސް، ކޮންގްރެސްގެ ހުއްދައާ ނުލައި ކަމުގައި ޤާނޫނީ ދާއިރާގެ މާހިރުން ޤަބޫލުކުރެއެވެ. ގަލްފުގައި ތާށިވެފައިވާ އުޅަނދުތައް ސަލާމަތް ކުރެއްވުމުގެ ނަމުގައި ޓްރަމްޕް ފެށްޓެވި އޮޕަރޭޝަންގެ ސަބަބުން އެ ސަރަޙައްދުގެ ކަނޑު ދަތުރުފަތުރު އިތުރު ނުރައްކަލެއްގެ ތެރެއިން ވެއްޓިގެން ގޮސްފައިވާއިރު، އީރާނުން ވަނީ އަސްކަރީ ހަރަކާތްތައް އިތުރަށް ވަރުގަދަ ކޮށްފައެވެ. އެ ޤައުމުގެ އިސްލާމީ އިންޤިލާބީ ލަޝްކަރުން (އައިއާރްޖީސީ) ބުނީ، އެ ސަރަޙައްދުން ދަތުރުކުރެވޭނީ އެ ފަރާތުގެ ހުއްދަ ލިބިފައިވާ އުޅަނދުފަހަރަށް އެކަނި ކަމުގައެވެ. މީގެ އިތުރުން، ތެހްރާނުން ވަނީ ޔޫއޭއީގެ އައްސޭރިފަށުގެ ބޮޑު ސަރަޙައްދެއް އައިއާރްޖީސީގެ ކޮންޓުރޯލުގެ ދަށަށް ގެންގޮސްފައިވާ ކަމުގައި ބުނެ، އެ ސަރަޙައްދުތަކުގެ ޗާޓެއް ޢާންމުކޮށްފައެވެ.

މޭ 4 ވަނަ ދުވަހުގެ ކުރިމަތިލުންތަކުގެ ތެރެއިން އެމެރިކާގެ ދެ އާގުބޯޓު ކަނޑުއޮޅި ހުރަސްކުރި ކަމުގައި ވޮޝިންގޓަނުން ބުނި ނަމަވެސް، މުދާ އުފުލާ ބޮޑެތި ކުންފުނިތަކުން ވަނީ ޙަމަލާތައް ހުއްޓާނުލަނީސް ދަތުރުތައް ނުފަށާނެ ކަމުގައި ބުނެފައެވެ. އެންމެ ފަހުގެ ޙަމަލާ ބަދަލުކުރުމުގައި ކާމިޔާބީތަކެއް ލިބިފައިވާ ކަމުގައި ދެ ފަރާތުން ދަޢުވާކުރަމުންދާއިރު، ތެހްރާނުން ވަނީ އެމެރިކާގެ މަނަވަރަކަށް ޙަމަލާދީފައިވާނެ ކަމުގައި ބުނެފައެވެ. ނަމަވެސް، އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އެ ތުހުމަތު ދޮގުކޮށްފައެވެ. ހުޅަނގު އޭޝިޔާ ސަރަޙައްދުގައި އަލުން ޙަމަލާ ބަދަލުކުރަން ފެށުމާ އެކު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޔޫއޭއީން ވަނީ މަދަރުސާތައް ވަގުތީ ގޮތުން ބަންދުކޮށް، ދަރިވަރުންނަށް އޮންލައިންކޮށް ކިޔަވައިދޭން ފަށާފައެވެ.

އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ ވިދާޅުވީ، ޓްރަމްޕްގެ "ޕްރޮޖެކްޓް ފްރީޑަމްއަކީ ފޭލުވެފައިވާ މަޝްރޫޢެއް" ކަމަށާއި، މި މައްސަލައަށް އޮތް ހަމައެކަނި ޙައްލަކީ ސިޔާސީ ޙައްލެއް ހޯދުން ކަމުގައެވެ. މި ނުތަނަވަސްކަމާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާވެސް %5 އަށް އުފުލިފައިވާއިރު، ޕާކިސްތާނު މެދުވެރިވެގެން ކުރިއަށްދާ ސުލްޙައިގެ ވާހަކަތަކަށް އަނެއްކާވެސް މި ވަނީ ހިޔަނި އެޅިފައެވެ. އެމެރިކާއިން ބޭނުންވަނީ އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމު ހުއްޓުވުމަށެވެ. ނަމަވެސް، އީރާނުން ބުނަނީ އެއީ ސުލްޙަވެރި ބޭނުންތަކަށް ކުރިއަށްގެންދާ ޕުރޮގުރާމެއް ކަމުގައެވެ.