ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ނަންބަރު ތަރުތީބުކޮށްފިއެވެ.
އިންތިހާބާބެހޭ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި މިއިންތިޚާބަށް ހުޅުވާލުމުން ކުރިމަތިލި 2 ކެނޑިޑޭޓުންގެ މެދުގައިވަނީ ގުރުއަތު ނަގާފައެވެ. ކެނޑިޑޭޓް ނަންބަރު އެކެއް ލިބުނީ ވެރިކަން ކުރާ ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ ކެންޑިޑޭޓް އަޙްމަދު ސަޢީދަށެވެ. އިދިކޮޅު ޕާޓީ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީގެ ކެނޑިޑޭޓް ޢަބަދުﷲ ޞާދިޤު އަށް ލިބުނީ ކެނޑިޑޭޓް ނަންބަރު 2 އެވެ.
ޕީއެންސީގެ ޓީކެޓް ލިބި އަޙްމަދު ސަޢީދަށް ލިބުނީ އެދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ސިނާނު ޓިކެޓު ދޫކޮށްލުމުންނެވެ. އިލެކްޝްންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް ނިންމާފައިވަނީ އަންނަ މަހުގެ 6ވަނަ ދުވަހުއެވެ. އެގޮތުން އެ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00އަށް ވޯޓުލުން ކުރިއަށްދާނެ ކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވަނީ، އެ ދާއިރާއަށް 2024ވަނަ އަހަރު އިންތިޚާބު ކުރި މުޙައްމަދު ސިނާންގެ ސާބިތު ދަރަންޏެއް އޮތްކަމަށް ސާބިތުވެ، އެ ދަރަނި ޙުކުމާ އެއްގޮތަށް ނުދައްކާކަން ސާބިތުވާތީ، ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ކޯޓުން ކުރި ޙުކުމާއެކުގައެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވޯޓަރސް ލިސްޓުން ދައްކާގޮތުގައި މި ބައި-އިލެކްޝަންގައި 4،114 މީހަކަށް ވޯޓުލުމުގެ ޙައްގު ލިބެއެވެ.