ޚަބަރު

ބޭރުގެ އިންވެސްޓަރުންނާއެކު ބޭއްވި ބައްދަލުވުންތަކުގެ ނަތީޖާ ރަނގަޅު: ބީއެމްއެލް


  • ބައްދަލުވުންތައް ބާއްވާފައި ވަނީ އެޕްރީލް 29އިން 8 މޭއަށް

  • ދަރަންޏެއް ނެތި ބޭރުގެ ބާޒާރަށް ނިކުތުމަށް ބޭންކަށް ފުރުސަތު އޮތީ ތަނަވެސްފައި

ބޭންކް އޮފް މޯލްޑިވްސްއިން ބައިނަލްއަގުވާމީ މާލީ ބާޒާރުތަކުގެ އިންވެސްޓަރުންނާ ބައްދަލުކުރުމަށް ކުރިއަށްގެންދިޔަ "ނޮން-ޑީލް ރޯޑްޝޯ" ބައްދަލުވުންތައް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މިދިޔަ މަހުގެ 29 އިން މޭ މަހުގެ 8 ވަނަ ދުވަހާ ހަމައަށް ކުރިއަށްދިޔަ މި ސިލްސިލާ ބައްދަލުވުންތައް ބާއްވާފައިވަނީ ދުނިޔޭގެ މާލީ މަރުކަޒުތައް ކަމަށްވާ ސިންގަޕޫރު، ހޮންކޮންގް އަދި ލަންޑަނުގައެވެ.

ބީއެމްއެލްއިން ވިދާޅުވީ، މިއީ ބައިނަލްއަގުވާމީ ފަންޑުތަކުން ބޭންކަށް ބޭނުންވާ މާލީ ވަސީލަތްތައް ހޯދުމަށް ކުރަމުންދާ ސްޓެރެޓެޖިކް މަސައްކަތްތަކުގެ ތެރެއިން ހިންގުނު މުހިންމު ހަރަކާތެއްކަމަށެވެ.

މިގޮތުން ހޯދުމަށް ކަނޑައެޅިފައިވާ ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ބޭންކުގެ ޚިދުމަތްތައް ފުޅާކުރުމަށާއި، ފަތުރުވެރިކަމުގެ ދާއިރާއަށް ދެމުންދާ އެހީތެރިކަން އިތުރަށް ވަރުގަދަކުރުމަށެވެ. މިދިޔަ އެޕްރީލް މަހުގެ ނިޔަލަށް ބޭންކުން ފަތުރުވެރިކަމުގެ ދާއިރާއަށް ދޫކޮށްފައިވާ ލޯނުގެ ޖުމްލަ އަދަދު 594 މިލިޔަން ޑޮލަރަށް އަރާއިރު، މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އެޕްރީލް މަހުގެ ނިޔަލަށް އެކަނިވެސް 35 މިލިޔަން ޑޮލަރު މި ދާއިރާއަށް ދޫކޮށްފައިވާކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ.

ސިލްސިލާ މި ބައްދަލުވުންތައް ބާއްވާފައި މިވަނީ، ބޭންކުގެ 43 އަހަރުވީ ތާރީޚުގައިވެސް އެންމެ ރަނގަޅު މާލީ ނަތީޖާއެއް ހޯދި ކާމިޔާބު އަހަރަކަށް ފަހުގައެވެ. ބީއެމްއެލްއިން ވިދާޅުވީ، އެ ބޭންކުން ފައިދާގެ ނިސްބަތާއި، ފައިސާގެ ތަނަވަސްކަން (ލިކުއިޑިޓީ) އަދި ކެޕިޓަލް އެޑިކުއަސީ ރޭޝިއޯ، ރެގިއުލޭޓަރީ މިންގަނޑުތަކަށްވުރެ މަތީގައި ދަމަހައްޓަމުން އަންނަކަމަށެވެ. މިއާއެކު ބޭރުގެ އެއްވެސް ދަރަންޏެއް ނެތި، ބޭންކު އޮތީ ވަރުގަދަ މާލީ ހާލަތެއްގައި، ބައިނަލްއަގުވާމީ މާކެޓްތަކަށް ވަނުމުގެ ފަހި ފުރުސަތުތަކާއެކުކަން ބީއެމްއެލްއިން ފާހަގަކުރެއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ދުނިޔޭގެ އިންވެސްޓަރުންނާއެކު ބޭއްވުނު ބައްދަލުވުންތަކުން ވަރަށް އުންމީދީ ނަތީޖާތަކެއް ފެނިގެން ގޮސްފައިވާކަމަށެވެ. އަދި މިއީ ރާއްޖޭގެ އިޤްތިޞާދުގެ ކުރިމަގަށާއި ބޭންކުގެ ހަރުދަނާ ހިންގުމަށް އިންވެސްޓަރުންގެ އިތުބާރު އޮތްކަން ހާމަވާ ކަމެއްކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، ބައިނަލްއަގުވާމީ މާލީ ބާޒާރުތަކަށް ވަނުމަކީ ބޭންކަށް ބޭނުންވާ ފަންޑު ހޯދައި، ވަސީލަތްތައް އިތުރުކޮށް، ފަތުރުވެރިކަން ފަދަ މުހިންމު ދާއިރާތަކަށް ދޭ އެހީތެރިކަން ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ސީއީއޯ ޝަރީފް ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން އަމާޒު ހިފާފައިވަނީ، ރިސްކް މެނޭޖްމަންޓުގެ ހަރުދަނާ އުސޫލުތަކާއެކު، ދެމެހެއްޓެނިވި ކުރިއެރުން ހޯދައި، ދިވެހި މާލީ ނިޒާމުގެ މައި ތަނބުގެ ގޮތުގައި ބޭންކުން އަދާކުރާ ދައުރު އިތުރަށް ވަރުގަދަކޮށް، ހިއްސާދާރުންނަށް އެންމެ ފައިދާހުރި ގޮތުގައި ބޭންކު ހިންގުން ކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.