2 މިލިޔަނަށްވުރެ ގިނަ މީހުން، ޙައްޖުގެ އަޅުކަމަށް އެއް ތަނަކަށް ޖަމާވާއިރު، ޞިއްޙީ ތަފާތު މައްސަލަތައްވެސް އިތުރުވެގެންދެއެވެ.
ބޮޑެތި ބަލިތަކުން ރައްކާތެރިވުމަށް، އެންމެހާ ޙާޖީން ރާއްޖެއިން ވެކްސިން ފުރިހަމަކުރިނަމަވެސް، ގިނަ ބައެއްގެ ތެރެއަށް ނިކުމެއުޅޭއިރު ބައެއް ޢާއްމު ބަލިތަކަށް ހުށައެޅުމުގެ ފުރުޞަތު ބޮޑުވެގެންދެއެވެ. ހޫނުގެ ސަބަބުންވެސް ތަފާތު ޞިއްޙީ މައްސަލަތައް ކުރިމަތިވެއެވެ. އެހެންކަމުން ދަތުރަށް ފުރާއިރު އަދި ދަތުރު މަތީގައި އުޅޭއިރު ސަމާލުވާންވީ ކަންތައްތަކެއް ހުރެއެވެ.
ޙައްޖުވެރިންގެ ޚިދުމަތުގައި މައްކާގައި މަސައްކަތްކުރާ އެއް ޑޮކްޓަރު، ޑރ. މުޙައްމަދު އިބްރާޙިމް ފާހަގަކުރެއްވިގޮތުގައި ދިގު ހިނގުންތަކާއި ވަރުބަލިކަމުގެ ސަބަބުން ކުރިމަތިވާ އެކި އުނދަގޫތައް ގިނަކަން ފާހަގަކުރެވެއެވެ. އެގޮތުން ހުޅުތަކުގައާއި ގައިގެ މަސްތަކުގައި ރިއްސުމަކީ އެންމެ އާއްމުކޮށް ކުރިމަތިވާކަންކަމެވެ. މިކަމުން ރައްކާތެރިވުމަށް، ޙައްޖަށް އައުމުގެ ކުރިންވެސް، ދުވާލަކު ބައިގަޑިއިރެއްހާއިރު ހިނގާލާ އެކަމަށް ހަށިގަނޑު ތައްޔާރުކޮށްލުން މުހިންމެވެ.
ދެން އެންމެ ގިނައީ އެކިކަހަލަ އާއްމު ރޯގާތަކެވެ.
"އަރިދަފުސް ރޯގާ، ހުން އައުން، ގައިގައި ރިއްސުން އަދި ނޭވާލާ ނިޒާމުގެ ބަލިތަކަކީ އާއްމުކޮށް އެންމެ ގިނަ މީހުން ޑޮކްޓަރަށް ދައްކާ ކަންކަން. ވަރަށް މުހިންމު އެއްވެސް ޙައްޖުވެރިއަކަށް މިފަދަ ކަމެއް ވެއްޖެނަމަ އެހެން މީހުންނަށް ނުފެތުރެވޭނެގޮތަށް ސަމާލުވުމަކީ. އެއްކޮޓާރީގައިވެސް އެކި މިހުން އުޅޭއިރު، އެހެން މީހުންނަށް ނުފެތުރޭނެހެން ސާފުތާހިރުކަމުގެ ފިޔަވަޅު އެޅުން." ޑރ.މުޙައްމަދު އިބްރާޙިމް ވިދާޅުވިއެވެ.
ބޮޑެތި ބަލިތަކާއި ދާއިމީ ބަލިތައް ހުންނަ މީހުން އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭ ކަމަކީ، ދަތުރަށް ފެށުމުގެ ކުރިން ޑޮކްޓަރަށް ދައްކާ އެންމެ ފަހުގެ ޙާލަތު ދެނެގަތުންކަމަށް ޑޮކްޓަރ ވިދާޅުވިއެވެ. އަދި ބޭނުންވާ މިންވަރަށް ބޭސް ހަމަކުރުމާއި، މެޑިކަލް ރިޕޯޓް ދަތުރަށް ގެނައުން މުހިންމުކަމަށްވެސް ވިދާޅުވިއެވެ.
ބޮލުގައި ރިއްސުމާއި ގައިގައި ރިއްސުމާއި އަދި ބައެއް ކުދިކުދި މައްސަލަތަކަށް އަމިއްލައަށް ބޭސް ބޭނުންކުރިނަމަވެސް، ޙާލަތަށް ބަލާ ވީހާވެސް އަވަށް ޑޮކްޓަރުގެ ލަފާ ހޯދުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.
"ބައްޔެއް ވެއްޖެނަމަ، ގިނަ ދުވަހު އަމިއްލައަށް ބޭސް ބޭނުންކުރުމުގެ ބަދަލުގައި، ރޯގާއެއްވިއަސް ދިގު ލައިގެންނާމަ އަވަހަށް ޑޮކްޓަރަށް ދެއްކުން ވަރަށް މުހިންމު. އަދި އެއްވެސް އުދަގުލެއްވާނަމަ އަވަހަށް އެކަން އެންގުން ވަރަށް މުހިންމު." އާއްމު ބަލިތަކުގެ ޑޮކްޓަރ ޑރ.މުޙައްމަދު އިބްރާޙިމް ވިދާޅުވިއެވެ.
އަމިއްލަ ސާފުތާހިރުކަން ދެމެހެއްޓުމަށް މާސްކް ބޭނުންކުރުމާއި، އަތް ދޮވުމާއި ސެނެޓައިޒް ކުރުން މުހިންމެވެ. އަދި ބޭރުން ކެއުން މަދުކުރުމާއި ބޭރުން ކާ ނަމަވެސް ކާނާގެ ރައްކާތެރިކަން ޔަޤީންކުރުމާއި އަދި ބޭރުން މޭވާ ގަނެގެން ކާނަމަވެސް ރަނގަޅަށް ދޮވެ ސާފުކޮށްފައި ކެއުން މުހިންމެވެ. މީއީ ބޭރަށް ހިންގުންފަދަ މައްސަލަތަކުން ރައްކާތެރިވުމަށް މުހިންމު ފިޔަވަޅެކެވެ.
ގަދަ ހޫނުގެ ސަބަބުންވެސް ހަޑިގަނޑުން ފެން މަދުވުމާއި، ވަރުބަލިވުމުގެ ގިނަ މައްސަލަތައް ކުރިމަތިވެއެވެ. ހޫނުން ރައްކާތެރިވުމަށް ގިނަގިނައިން ފެން ބުއިމާއި، ދިޔާތަކެތި ބޭނުންކުރުމާއި، އަވީގައި ގިނަ ވަގުތު މަޑުނުކުރުމަށާއި، އެގޮތަށް މަޑުކުރާއިރު ކުޑައެއް ނުވަތަ ތޮތްޕެއް ބޭނުންކުރާށެވެ.
ހަށިގަނޑަށް ބުރަ ބޮޑު ނުކޮށް، ވަގުތު ހޯދައިގެން އަރާމުކުރުންވެސް ވަރަށް މުހިންމެވެ.
މިއަހަރުވެސް ޙައްޖުވެރިންނަށް ޚިދުމަތް ދިނުމަށް 4 ޑޮކްޓަރުންނާއި 5 ނަރުހުންގެ ޓީމެއް މަސައްކަތްކުރާނެއެވެ. ޞިއްޙީ ޚިދުމަތްތައް 24 ގަޑިއިރު ލިބޭނެއެވެ. ދަތުރުމަތީގައާއި މަޝާއިރުތަކުގައިވެސް ޞިއްޙީ ޚިދުމަތް ދޭ ޓީމް ހަރަކާތްތެރިވާނެއެވެ.