މީގެ ކުރިން އާއްމުކޮށްފައި ނުވާ ޔޫއެފްއޯ ނުވަތަ ގޮތް ނޭނގޭ އުުދުހޭ ތަކެއްޗާ ގުޅޭ ލިޔެކިޔުންތަކެއް އެެމެރިކާގެ ދިފާޢީ ވުޒާރާ، ޕެންޓެގަންއިން އާއްމުކޮށްފިއެވެ.
ޕެންޓެގަންއިން އާއްމުކުރި ލިޔުންތަކުގެ ތެރޭގައި ނާސާއިން 1972ވަނަ އަހަރު ޖައްވަށް ދަތުރުކުރި އެޕޯލޯ 17 މިޝަންގެ ތެރެއިން ނަގާފައިވާ ފޮޓޯގަނޑެއް ވެސް ހިމެނެއެވެ. އެ ފޮޓޮއިން އުޑުމަތިން ތިނެސްކަން ބައްޓަމަށް އެތުރިގެން އުދުހެމުންދާ ތިން ތިކި ފެނެއެވެ.
ޕެންޓެގަނުން ބުނީ އެ ތިން ތިއްކާ ބެހޭ ގޮތުން އެއްވެސް ގޮތެއް ނިންމާފައި ނުވާ ކަމަށެވެ. ނަމަވެސް ފަހުގެ ހޯދުންތަކުން ދައްކާ ގޮތުގައި އެ ތިން ތިއްކަކީ ޖިސްމާނީ ސިފަތައް ލިބިގެންވާ ކޮންމެވެސް އެއްޗެއް ކަމަށް ބެލެވޭ ކަމަށެވެ.
ޕެންޓެގަނުން މި ލިޔުންތައް އާއްމުކޮށްފައި މި ވަނީ މިދިޔަ ފެބްރުއަރީ މަހުން ފެށިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ލިޔުންތަކާ ގުޅޭގޮތުން އިޝާރާތްތަކެއް ކުރައްވަމުން ގެންދަވަނިކޮށެވެ. މިދިޔަ މަހުގެ ތެރޭގައި ވެސް ޓްރަމްޕް ވަނީ ޔޫއެފްއޯއާ ގުޅުންހުރި ވަރަށް ޝައުޤުވެރި ލިޔުންތަކެއް ވަރަށް އަވަހަށް އާއްމުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ޕެންޓެގަނުން ބުނީ ޓްރަމްޕްގެ އަމާޒު ހުރީ އާންމުންނަށް ވީހާ ވެސް ދެފުށް ފެންނަ ގޮތަށް މަޢުލޫމާތު ޙިއްޞާކުރެއްވުމަށް ކަމަށެވެ. އެ މަޢުލޫމުތަކާ ގުޅޭ ގޮތުން އެ މީހަކު ޤަބޫލުކުރާ ގޮތެެއް ނިންމާނީ އެ މީހެއް ކަމަށް ވެސް އެ ވުޒާރާއިން ބުނެފައިވެއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އެކި ފަހަރު މަތިން ބަހާލައިގެން އިތުރު ލިޔުންތައް އާއްމު ކުރަމުންދާނެ ކަމަށް ވެސް ބުނެފައިވެއެވެ.
އަލަށް އާއްމުކުރި ލިޔެކިޔުންތަކުގައި 161 ފައިލް ހިމެނެއެވެ. ނާސާގެ ފޮޓޯގެ އިތުރުން ޚާރިޖީ ވުޒާރާގެ ރަސްމީ ލިޔެކިޔުންތަކާއި އެފްބީއައިގެ ލިޔެކިޔުންތަކުގެ އިތުރުން ނާސާއިން އިންސާނުންނާއެކު ޖައްވަށް ފޮނުވާފައިވާ އުޅަނދުތަކުގެ ޓްރާންސްކްރިޕްޓުތައް ވެސް ހިމެނެއެވެ. އުޑުމަތިން ފެނިފައިވާ ގޮތް ނޭނގޭ އެއްޗެހިތަކެއް ފެންނަ 20އަށްވުރެ ގިނަ ވީޑިޔޯ ފައިލް ވެސް އޭގެ ތެރޭގައި ހިމެނެއެވެ. އެ ވީޑިޔޯތަކުގެ ތެރޭގައި ޖަޕާނާއި ސޫރިޔާފަދަ ސަރަޙައްދުތަކުގައި ޤާއިމްކޮށްފައިވާ އަސްކަރީ ސެންސަރުތަކުން ނަގާފައިވާ ވީޑިޔޯތައް ހިމެނެއެވެ.