ޚަބަރު

ޖަވަކަރާ ރިސޯޓުގައި ވެލަޔަށް ފަރުވާދޭ ޒަމާނީ އިންސްޓިޓިއުޓެއް


  • މި އިންސްޓިޓިއުޓުގައި 7 ޓޭންކެއް ވަނީ ބަހައްޓާފަ

  • ވެލަޔަށް ފަރުވާދިނުމަށް ހާއްސަ ކްލިނިކެއްވެސް ވަނީ ގާއިމްކޮށްފަ

ދިވެހިރާއްޖޭގެ ކަނޑުފަޅުތަކުގައި އުޅޭ ވެލަޔަށް ދިމާވާ ބަލިތަކާއި އަނިޔާތަކަށް ފަރުވާ ދިނުމަށްޓަކައި، އެންމެ ޒަމާނީ ވަސީލަތްތަކާއެކު ޤާއިމްކޮށްފައިވާ "ސީ ޓާޓަލް ހެލްތު އިންސްޓިޓިއުޓް" ރަސްމީކޮށް ހުޅުވައިފިއެވެ.

މިއީ މި ސަރަހައްދުގައިވެސް ހުޅުވުނު މިފަދަ އެންމެ ބޮޑު އެއް އިންސްޓިޓިއުޓެވެ.

އޮލިވް ރިޑްލީ ޕްރޮޖެކްޓްގެ ފަރާތުން ޖަވަކަރާ އައިލެންޑް މޯލްޑިވްސްގައި ޤާއިމްކޮށްފައިވާ މި އިންސްޓިޓިއުޓް ހުޅުއްވާދެެއްވީ އެކަމަށްޓަކައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ މެނޭޖިންގ ޑިރެކްޓަރ ސާރާ މޫސާއެވެ. މި ރަސްމިއްޔާތުގައި ޗަމްޕާ ރިސޯޓްސްގެ މެނޭޖިންގް ޑިރެކްޓަރ މުޙައްމަދު ސޮލާހުއާއި، އޮލިވް ރިޑްލީ ޕްރޮޖެކްޓުގެ ޑިރެކްޓަރުންނާއި ޕްރޮޖެކްޓް ކޯޑިނޭޓަރުން ވަނީ ބައިވެރިވެވަޑައިގެންފައެެވެ.

މި ރަސްމިއްޔާތަަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އުންޓަވިއުއެއްގައި ކްރައުންސް އެންޑް ޗަމްޕާ ރިސޯޓްސް ސީއީއޯ މުޙައްމަދު ސޮލާހު ވަނީ މިއީ އިންޑިއާ ކަނޑުގެ ސަރަހައްދުގައިވެސް ހުޅުވިގެންދިޔަ އެންމެ ފުރިހަމަ އަދި ވަސީލަތްތައް ގިިނަ އިންސްޓިޓިއުޓުގެ ގޮތުގައި ފާހަކަކުރައްވާފައެވެ. އަދި މިއީ ވެލާ އަދި ކަހަނބުތަކަށް ލިބިގެންދާ އަނިޔާތަކަށް އެންމެ ފުރިހަމަ ފަރުވާއެއް ދިނުމަށް ހުޅުވިގެންދިޔަ ދޮރެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

"މިއަދު މި ހުޅުވިގެންދިޔަ އިންސްޓިޓިއުޓާއެކު މިކަމަށް އަސްލު އިމްޕެކްޓެއް ކުރާނެ. އެއީ އާންމުގޮތެއްގައި އަޅުގަނޑުމެންނަށް މި ފެންނަ ވެލާތައް ހަަމަ ފެންނަނީ ވަރަށް ބޮޑަށް އަނިޔާވެފަ އޮންނައިރު، އެއީ ވާގަނޑުތަކެެއްގައި ނުވަތަ ކޮންމެވެސް ކުނިބުނިތަކެއްގައި އަޅައިގެން އަނިޔާވެފައި އޮންނަ ތަން. މި އިންސްޓިޓިއުޓުގައި ހަމަ މިވަގުތުވެސް މިފަދަ 7 ވެލައަކަށް އެބަދޭ ފަރުވާދެމުން. އަދި ވަގުތީ ގޮތުން މިތަން ހިންގާ މިހާރު މިތަން ދާއިމީވެފައިވާއިރު މިހާތަނަށް 2 ވެލައެއް މިވަނީ ވައިލްޑަށް ދޫވެސްކޮށްލާ" ޗަމްޕާ ރިސޯޓްސްގެ ސީއީއޯ ވިދާޅުވިއެވެ.

ރަސްމިއްޔާތަށްފަހު ޕީއެސްއެެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އޮލިވް ރިޑްލީ ޕްރޮޖެކްޓުގެ ޕްރޮޖެކްޓު ކޯޑިނޭޓަރ އަޙުމަދު އަޙުމަދު އިޔާދު ވަނީ މި އިންސްޓިޓިއުޓަކީ ކަނޑަށް އުކާލާފައި ހުންނަ ކުނިބުންޏާއި އޮޅިފައި ހުންނަ ދާ ފަދަ ތަކެތީގައި ވެލާ އަޅައިގަތުމުގެ ސަބަބުން ވެލާގެ ގުނަވަންތަކަށް ގެއްލުންވުމާއި، ފީނުމާއި ކެއުންބުއިމަށް އުނދަގޫވާ ބަލިތަކަށް ފަރުވާދިނުމަށް ހާއްސަކޮށްފައިވާ އިންސްޓިޓިއުޓެއް ކަން ފާހަގަކުރައްވާފައެވެ. އަދި ދުނިޔޭގެ ފެންވަރުގެ ކްލިނިކަލް ތަޖުރިބާ ބޭނުންކޮށްގެން ވެލަޔަށް ދިމާވާ އެކި ކަހަލަ އަނިޔާތަކަށް ފަރުވާދިނުމާއި، ބަލިވެގެން ގެންނަ ވެލާތަކަށް އެންމެ އެކަށީގެންވާ މާހައުލެއްގައި ފަރުވާ ދިނުމުގެ އިތުރުން، ރިސާޗްތައްވެސް މި އިންސްޓިޓިއުޓުގައި ކުރިއަށް ގެންދާނެ ކަމަށް އިޔާދު ވިދާޅުވިއެވެ.

"މިއަދު މި ހުޅުވުނީ މުޅި އިންޑިއާ ކަނޑުގެ ސަރަހައްދުގަ މިހާތަަނަށް ހުޅުވި އެންމެ ފުރިހަމަ އެއް ސީޓާޓަލް އިންސްޓިޓިއުޓް. އެވެސް އިންޓެންސިވް ކެއަރ ޔުނިޓަކާއެކު. އަދި މިތަނުގައި ހަމަ ވެޓް ޑޮކްޓަރސްގެ ގޮތުގައިވެސް މިތިބީ ހަމަ މިހާރު މުޅި ދުނިޔޭގައިވެސް މި ދާއިރާގައި އެންމެ ނަން ހިންގާ މީހުން." އިޔާދު ވިދާޅުވިއެވެ.

ސީ ޓާޓަލް ހެލްތު އިންސްޓިޓިއުޓުގައި ގާއިމްކޮށްފައިވާ ވަސީލަތްތަކަށް ބަލާއިރު، މިވަގުތު މިތަނުގައި ޖުމްލަ ހަތް ޓޭންކު ހުރިއިރު، މީގެ ތެރޭގައި ހޮސްޕިޓަލް ހަތަރު ޓޭންކާއި، ތެރަޕިއުޓިކް ބޮޑު ޓޭންކެއްގެ އިތުރުން ކްރިޓިކަލް ކެއާ ދެ ޓޭންކު ހިމެނެއެވެ. މި އިންސްޓިޓިއުޓުގައި މިވަގުތު 7 ޓޭންކެއް ހުރި ނަމަވެސް ކުއްލި ހާލަތްތަކުގައި ޕާޓިޝަން ޖަހައިގެން ކޮންމެ ޓޭންކެއްގައިވެސް ދެ ވެލާ ބޭތިއްބޭއިރު، ކުރިއަށްއޮތްތާގަ ޓޭންކުތަކުގެ އަދަދު 12އަށް އިތުރުކުރުމަށް ވަނީ ނިންމާފައެވެ.

ފަރުވާދޭއިރު ވެލާތައް ބައިތިއްބާ ޓޭންކުތައް ފަރުމާކޮށްފައިވަނީ ވަށްކޮށެވެ. މި ޓޭންކުތަކަކީ ފުންމިނާއި ފެނުގެ ކޮލިޓީ ބަދަލުކުރެވޭ ގޮތަށް ހަދާފައިވާ ޓޭންކުތަކެކެވެ. އަދި ކުރިއަށްއޮތްތާގަ 24 ގަޑިއިރު ކެމެރާ މެދުވެރިކޮށް ޓޭންކުގައި ވެލާތައް މޮނީޓަރު ކުރެވޭނެ ނިޒާމެއްވެސް ގާއިމުކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށް އޮލިވް ރިޑްލީ ޕްރޮޖެކްޓުން މައުލޫމާތުދެއެވެ.

މި އިންސްޓިޓިއުޓުގެ އެންމެ ހާއްސަ އެއް ކަމަކީ މި ސަރަހައްދުގައި ވެލާޔަށް ހާއްސަކޮށްގެން ގާއިމުކުރި ފުރަތަމަ އިންޓެންސިވް ކެއާ ޔުނިޓް އައި.ސީ.ޔޫ މިތަނުގައި ހުރުމެވެ. މި ޔުނިޓް ހުންނަނީ އާންމުންނަށް ނުފެންނަ ގޮތަށް، ވަރަށް ބޮޑަށް ބަލިވެފައިވާ ވެލާތަކަށް ހިމޭން މާހައުލެއްގައި ފަރުވާ ދެވޭނެ ގޮތަށެވެ.

މި އިންސްޓިޓިއުޓުގައި ރާއްޖޭގައި އާންމުގޮތެއްގައި އުޅޭ ވެލާ، ކަހަނބު، އަދި ވާވޮށު ވެލަޔަށް ދެވޭ ފަރުވާ އިތުރަށް ހަރުދަނާކުރުމަށް ކްލިނިކެއްވެސް ވަނީ ގާއިމްކޮށްފައެވެ. މި ކްލިނިކުގައި ސާޖަރީ ހެދުމަށް ހާއްސަ ކޮޓަރިއަކާއި، ޑައިގްނޯސްޓިކް ލެބޯޓްރީއެއްގެ އިތުރުން އެކްސް-ރޭ ނެގޭނެ އިންތިޒާމުވެސް ވަނީ ގާއިމުކޮށްފައެވެ. އަދި އެންޑޯސްކޯޕީއާއި، ލޭޒާ މެދުވެރިކޮށް ވެލަޔަށް ފަރުވާ ދިނުމުގެ ހުރިހާ އިންތިޒާމުތަކެއް ވަނީ ހަމަޖައްސާފައެވެ. މިއާއެކު، މިއީ ވެލާޔަށް ފަރުވާ ދިނުމަށް ރާއްޖޭގައި މިހާތަނަށް ގާއިމުކުރެވުނު އެންމެ ފުރިހަމަ އިންސްޓިޓިއުޓެވެ.

މީގެ އިތުރުން، ވެލާ ހިމާޔަތްކުރުމުގެ ދާއިރާއިން މީހުން ބިނާކުރުމަށް ތަމްރީނުތަކާއި ވޯކްޝޮޕްތައް ބޭއްވުމަށްވެސް މިތަން ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއާ ގުޅިގެން 'ސީ ޓާޓަލް ވެޓެރިނަރީ އެސިސްޓަންޓް ޑިޕްލޮމާ' ޕްރޮގްރާމް މިތަނުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށާއި، މިއީ ދިވެހި އަދި ބޭރުގެ ދަރިވަރުންނަށްވެސް ބައިވެރިވެވޭނެ، ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަ ކޯހެއް ކަމަށް ރިސޯޓުން ބުނެއެވެ. އަދި މިކަމަށްޓަކައި ޚާއްސަ ކްލާސްރޫމެއްވެސް މި އިންސްޓިޓިއުޓުގައި ވަނީ ގާއިމުކޮށްފައެވެ.