ގޯލްކީޕަރުންގެ އަނިޔާގެ މައްސަލަތައް ބޮޑުވުމުން، އަލްޖީރިއާއިން އެގައުމުގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިގެން ހުރި ގޯލްކީޕަރު އަލުން ޓީމަށް ގެނައުމަށް މަސައްކަތް ފަށައިފި އެވެ.
އެންމެ ފަހުގެ އެފްރިކާ ކަޕަށް ފަހު ގައުމީ ޓީމާ ދުރަށް ދިޔަ އުމުރުން 31 އަހަރުގެ ކީޕަރު އުސޭމާ ބެންބޯޓް ވެސް މިހާރު ވަނީ އަލުން ގައުމީ ޖާޒީ ލުމާމެދު ސީރިއަސްކޮށް ވިސްނަން ފަށައިފަ އެވެ.
ކޯޗު ވަލްޑަމީރު ޕެޓްކޮވިޗް މިކަމާމެދު މި ހަފުތާގައި ވަކި ގޮތެއް ނިންމާނެ ކަމަށް ވެސް އެ ގައުމުގެ މީޑިއާތަކުން ބުނެ އެވެ.
އަލްޖީރިއާގައި ގައުމީ ޓީމުގައި މިވަގުތު ތިބި ތިން ކީޕަރުން ވެސް ތިބީ އަނިޔާގަ އެވެ. ހާއްސަކޮށް އެއްވަނަ ކީޕަރު ލޫކާ ޒިދާނަށް އޭނާގެ ކުލަބުގައި ކުޅެނިކޮށް ދަތްދޮޅިއަށް ލިބުނު އަނިޔާގެ ސަބަބުން ވޯލްޑް ކަޕުގައި ކުޅެވޭނެ ކަމުގެ ޔަގީންކަމެއް ވެސް ނެތެވެ. މީގެ އިތުރުން ކީޕަރު މަލްވިން މަސްޓިލް ވަނީ ދާދި ފަހުން އޮޕަރޭޝަނެއް ކޮށްފަ އެވެ. މީގެ އިތުރުން ގައުމީ ޓީމަށް ގިނަ ދުވަސްތަކެއްގައި ކުޅެފައިވާ ތަޖުރިބާކާރު ކީޕަރު އެންތަނީ މަންޑޭރާގެ ކޮނޑަށް ވަނީ ވަރަށް ބޮޑަށް ތަދުވެފަ އެވެ. މިކަމަށް އޭނާ ފަރުވާ ހޯދަމުންދާތާ ވެސް ދުވަސްތަކެއް ވެއްޖެ އެވެ.
މި ސަބަބުތަކާހުރެ އުސޭމާގެ ގައުމީ ޓީމަށް ގެނައުމަށް މަޝްވަރާ ކުރަމުންދާއިރު އުމުރުން 19 އަހަރުގެ ކީޕަރު ކީލިއަން ބެލަޒޫކް މިހާރު ވަނީ ޓީމަށް ނަގައިފަ އެވެ.
ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އަލްޖީރިއާ ހިމެނެނީ އާޖެންޓީނާ އާއި އޮސްޓްރިއާ އާއި ޖޯޑަންއާއެކު ގްރޫޕް ޖޭގަ އެވެ. އަންނަ މަހުގެ 11 އިން ޖުލައި 19 އަށް ކުރިއަށްދާ މި ފަހަރުގެ ވޯލްޑް ކަޕަކީ މިހާތަނަށް ބާއްވާ އެންމެ ބޮޑު ވޯލްޑް ކަޕެވެ. ޖުމުލަ 48 ޓީމު ބައިވެރިކޮށްގެން ބާއްވާ ވޯލްޑް ކަޕް ބާއްވާނީ އެމެރިކާ އާއި މެކްސިކޯ އާއި ކެނެޑާ ގުޅިގެންނެވެ.