ޚަބަރު

އޭޝިއާ މީޑިއާ ސަމިޓަށް ބޭރުގެ އިސް ދެ މަންދޫބަކު ރާއްޖެ ވަޑައިގެންފި


  • ރާއްޖެވަޑައިގަތީ ޕްރަސާރު ބާރަތީގެ ސީއީއޯއާއި ބިމްސްޓެކްގެ ސެކްރެޓަރީ ޖެނެރަލް

  • ޕްރީ ސަމިޓް ބައްދަލުވުންތައް މިހާރު ވަނީ ފަށާފައި

  • ސަމިޓު ކުރިއަށް ދާނީ މި މަހުގެ 11އިން 14އަށް

އޭޝިއާ މީޑިއާ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ބޭރުގެ އިސް ދެ މަންދޫބަކު ރާއްޖެވަޑައިގެންފިއެވެ.

އޭއައިބީޑީއާ ގުޅިގެން މިއަހަރުގެ ސަމިޓް ދިވެހިރާއްޖޭގައި އިންތިޒާމް ކުރަނީ ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއިންނެވެ. މިއަހަރުގެ ސަމިޓުގައި ބައިވެރިވާ ޤައުމުތަކުގެ މަންދޫބުން މިހާރު ރާއްޖެ އަންނަން ފަށާފައިވާއިރު، މި ސަމިޓުގައި ސަރަޙައްދީ ޤައުމުތަކުގެ 200 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް މިއަދު ރާއްޖެއަށް ވަޑައިގަތީ އިންޑިއާގެ ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރ "ޕްރަސާރު ބާރަތީ"ގެ ސީއީއޯ ގޯރަވް ދިވެދީއާއި "ދަ ބޭ އޮފް ބޭންގާލް އިނިޝިއޭޓިވް ފޯރ މަލްޓި-ސެކްޓޯރަލް ޓެކްނިކަލް އެންޑް އިކޮނޮމިކް ކޯރޕަރޭޝަން"، ބިމްސްޓެކްގެ ސެކްރެޓަރީ ޖެނެރަލް އިންދްރާ މަނީ ޕާންޑޭއެވެ.

މި ދެ ބޭފުޅުންނަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ދެންނެވީ ޕީ.އެސް.އެމްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބާއި، އޭޝިއާ ޕެސިފިކް އިންސްޓިޓިއުޓް ފޮރ ބްރޯޑްކާސްޓިންގ ޑިވެލޮޕްމަންޓް، އޭއައިބީޑީގެ ސީއީއޯ ފިލޯމީނާ ގްނަޕްރަގަސަމެވެ.

އޭޝިއާ މީޑިއާ ސަމިޓްގެ މިއަހަރުގެ ބައްދަލުވުން ކުރިއަށްދާނީ މިމަހުގެ 11 އިން 14 ވިލާ ނޯޓިކާ ރިސޯޓުގައެވެ. މިއަހަރުގެ ސަމިޓުގެ ޝިއާރަކީ "މޯލްޑިވްސް 2.0 ފްރޮމް ޓްރެޑިޝަން ޓު ޓެކް"އެވެ.

އޭޝިއާ ޕެސިފިކް ޤައުމުތަކުގެ ބްރޯޑްކާސްޓްކުރުމާއި ބްރޯޑްކާސްޓްކުރުމުގެ ކަންކަން ބެލެހެއްޓުމުގެ މަސައްކަތުގައި އެންމެ އިސް ފެންވަރުގައި ހަރަކާތްތެރިވެވަޑައިގަންނަވާ 200 އަށްވުރެ ގިނަ މަންދޫބުން މި ބައްދަލުވުމުގައި ބައިވެރިވަޑައިގަންނަވާނެއެވެ.

މިއަހަރުގެ ސަމިޓުގެ ޕްރީ ސަމިޓް ވޯކްޝޮޕްތައް މިހާރު ވަނީ ފަށާފައެވެ. މި ވޯކްޝޮޕްތައް ކުރިއަށްދަނީ މެންހެންޓަން ބިޒްނަސް ހޮޓެލް، ހުޅުލޭ އައިލެންޑް ހޮޓެލް އަދި ވިލާ ނޯޓިކާގައެވެ.

އޭޝިއާ މީޑީއާ ސަމިޓް ރަސްމީކޮށް ފަށާނީ މިމަހުގެ 12ވަނަ ދުވަހުއެވެ. މި ސަމިޓްގެ ޕްލިނަރީ ސެޝަންތައް މިމަހުގެ 13ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާއިރު، ސަމިޓް ނިންމާލާނީ، މިމަހުގެ 14ވަނަ ދުވަހު ކުޑަގިރީގައި ކުރިއަށްގެންދާ މުރަކަ އިންދުމުގެ ޚާއްޞަ ހަރަކާތުންނެވެ.

މި ސަމިޓަކީ، އޭޝިއާ ޕެސިފިކް ސަރަޙައްދަށް ނިސްބަތްވާ ޤައުމުތަކުގެ ބްރޯޑްކާސްޓިންގއާ ގުޅޭ އިސް މަސްއޫލްވެރިން އެއްމޭޒަކަށް ވަޑައިގެން، ސަރަޙައްދުގައި އަދި ވަކިވަކި ޤައުމުތަކުގައި ޒިންމާދާރު އަދި ޖީލުތަކަށް މަންފާހުރި ބްރޯޑްކާސްޓިންގ ޚިދުމަތެއް ދިނުމާގުޅޭގޮތުން މަޝްވަރާކުރެވި، ކުރިއެރުމުގެ އައު އަމާޒުތައް ކަނޑައެޅުމާއި ދާއިރާއިން ދޭދޭ ޤައުމުތަކުގެ މެދުގައި ގުޅުން ދެމެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރާ ބައްދަލުވުމެކެވެ. މިއީ އޭޝިއާ ޤައުމުތަކުގެ ބްރޯޑްކާސްޓަރުންގެ މެދުގައި ސަރަޙައްދީ ފެންވަރުގައި ބާއްވާ އެންމެ ބޮޑު އެއް ބައްދަލުވުމެވެ.