މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރަ މިހަފުތާގެ ނިޔަލަށް ދެމިގެންދާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.
ކުރިއަށްއޮތް ގަޑިތަކުގައި ގުގުރުމާއެކު ބޯކޮށްވާރޭ ވެހޭނެކަމަށް ލަފާކޮށް ހެނދުނު 07:50 އިން މެންދުރުފަހު 13:00 އަށް ބ.އަތޮޅުން ފެށިގެން ފ.އަތޮޅަށްވަނީ ހުދު ސަމާލު ނެރެފައެވެ. އަދި ވައިގަވާނެކަމަށް ބެލެވޭތީ ބ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހިސާބަށްވަނީ 09:30 އިން ފެށިގެން މެންދުރުފަހު 15:30އަށް ހުދު ސަމާލު ނެރެފައެވެ. މެޓު އޮފީހުން ވިދާޅުވީ މިވަގުތުތަކުގައި 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.
ރާއްޖެއަށް ހުޅަނގު މޫސުން ފެށުނީ މިދިޔަ ހުކުރު ދުވަހުކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިންވަނީ ވިދާޅުވެފައެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ބުރާސްފަތި ދުވަހާއި ހަމައަށްވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށާއި ހަފްތާ ބަންދުގައިވެސް ވިއްސާރަކުރާނެކަމަށް ބެލެވޭކަމަށެވެ. އަދި ހުރިހާ ހިސާބަކަށްވެސް އެވްރެޖްކޮށް ވައިގަދަވާނެކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ.
Alert White for strong winds of 19 - 24 mph with gusts of 45 mph and rough seas. pic.twitter.com/PHOSo4UtBq
— Maldives Meteorology (@MetMaldives) May 13, 2026
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މިއަދުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. ވައިޖެހޭނެކަމަށް ބެލެވެނީ ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައިކަމަށެވެ. އަދި އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށް މެޓު އޮފީހުން ލަފާކުރައްވައެވެ.
ދެކުނާއި މެދުރާއްޖޭގެ ކަނޑުތައް އަންމުގޮތެއްގައި ގަދަވާނެކަމަށާއި، އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށް މެޓު އޮފީހުން ވިދާޅުވިއެވެ. ދެކުނާއި މެދުރާއްޖޭގެ ކަނޑުތަކުގެ ރާޅުގެ އުސްމިން 5 ފޫޓާއި 8 ފޫޓާ ދެމެދުގައި ހުންނާނެކަމަށް ބެލެވޭއިރު އުތުރުގެ އަތޮޅުތަކުގެ ކަނޑުތަކުގައި ރާޅުގެ އުސްމިން ހުންނާނެކަމަށް ބެލެވެނީ 3 ފޫޓާއި 5 ފޫޓާއި ދެމެދުގެ އުސްމިނުގައިކަމަށް މެޓުން ވިދާޅުވެއެވެ.