އަންނަ މަހު ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް މެކްސިކޯގެ ސްކޫލްތައް ބަންދުކޮށް، ޗުއްޓީ ދިގުދަންމާލާން ނިންމުމަށް ފަހު އެކަން ބަދަލުކޮށްފި އެވެ.
މި ނިންމުން ބަދަލުކުރި މައިގަނޑު ދެ ސަބަބަކީ ރައީސް ކްލައުޑިއާ ޝެއިންބައުމް މިކަމާ މުޅިން އެއްބަސްވެވަޑައިނުގަތުމާއި ބެލެނެވެރިންގެ ކަންބޮޑުވުންތަކެވެ.
އެޑިއުކޭޝަން ސެކްރެޓަރީ މާރިއޯ ޑެލްގާޑޯ ވިދާޅުވީ ސްކޫލްތަކުގެ އަހަރީ ޗުއްޓީއަށް ވުރެ 40 ދުވަސް ކުރިން ބަންދު ކުރަން ނިންމީ ވޯލްޑް ކަޕާއި މެކްސިކޯ ގިނަ ސްޓޭޓްތަކަށް ޖޫން ޖުލައިގައި އާދަޔާ ހިލާފަށް ހޫނު ގަދަވާނެތީ ކަމަށެވެ.
"އެކަމަކު މިހާރު މި އޮތީ މިކަމާ މަޝްވަރާ ކުރަން ޖެހިފައި. ސަރުކާރުގެ އިސް ފަރާތްތަކާއި ސްކޫލްތަކާއި އެޑިއުކޭޝަން މަޝްވަރާކޮށް މިހާރު މި ނިންމީ ކުރިން ވެސް އޮތް ގޮތަށް ބާއްވަން،" މާރިއޯ ވިދާޅުވި އެވެ.
މެކްސިކޯއިން ފުރަތަމަ ނިންމީ ސްކޫލް ޗުއްޓީ އަށް ލިބޭ ދުވަސްތައް ދިގު ދަންމާލައި އަލުން ކިޔަވައިދޭން ފަށާނީ އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުގަ މަތީން އައު އަހަރެއް ފަށަން އޮގަސްޓް 31ގައި ކަމަށެވެ. ނަމަވެސް އެޑިއުކޭޝަން ސެކްރެޓަރީގެ މިހެން ވިދާޅުވިތާ މަދު ވަގުތުކޮޅެއް ފަހުން މިއީ މުޅިން ފައިނަލް ނިންމުމެއް ނޫން ކަމަށް މެކްސިކޯގެ ރައީސް ކްލައުޑިއާ ޝެއިންބައުމް ވަނީ އެކަމަނާގެ ޑެއިލީ ޕްރެސް ބްރީގިންގައި ވިދާޅުވެފަ އެވެ.
ސަރުކާރުގެ މި ދެއްކި ވާހަކަތަކާ ގުޅިގެން މެކްސިކޯގެ އެކި ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މި ގޮތުން ބައެއް ފަރާތްތަކުން ބުނެފައިވަނީ 23.4 މިލިއަން ކުދިން ތައުލީމު އުނގެން ހޭދަކުރާ ވަގުތު މަދުވުމަކީ ކަންބޮޑުވުމެއް ކަމަށާއި އަދި މީގެ ސަބަބުން ބެލެނެވެރިން އިތުރު މަހެއްގައި ޑޭކެއާގެ ހިދުމަތް ހޯދަން ޖެހޭނެ ކަމަށެވެ. ބައެއް ވިޔަފާރި ކުންފުނިތަކުން ބުނެފައިވަނީ މިއީ ބެލެނެވެރިންގެ ވަރަށް ގިން ޕްލޭންތަކަށް ހުރަސް އެޅޭނެ ކަމަށެވެ.
ރައީސް ޝެއިންބައުމްއާ އިދިކޮޅު ސިޔާސީ ފަރާތްތަކުން ވަނީ މި ނިންމުމާ ދެކޮޅު ހަދައިފަ އެވެ. އިދިކޮޅުން ބުނެފައިވަނީ އެ މީހުންނަމަ ސްކޫލްތައް ބަންދުކުރާނީ ކުރިން ވެސް ރާވާފައިވާ ގޮތަށް ޖޫން މަހުގެ 30ގައި ކަމަށާއި ވޯލްޑް ކަޕުގެ ތެރޭގައި ބަންދު ކުރާނީ މެކްސިކޯއިން މުބާރާތުގައި ކުޅޭ ދުވަސްތައް ކަމަށެވެ.
އެމެރިކާ އާއި މެކްސިކޯ އާއި ކެނެޑާ ގުޅިގެން ކުޅޭ މުބާރާތުގައި ކުޅޭ 104 މެޗުގެ ތެރެއިން މެކްސިކޯގައި 13 މެޗު ކުޅޭނެ އެވެ.