ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމުގައި އެސްއެމްއީ ޑިޖިޓަލްއިން އަދާކުރާ ދައުރަށް ހޭލުންތެރިކަން އިތުރުކުރުމަށް އެސްއެމްއީ 360 (ތްރީ ސިކްސްޓީ)ގެ ނަމުގައި ޚާއްސަ ކެމްޕެއިނެއް ފަށައިފިއެވެ.
މި ކެމްޕެއިން އިފްތިތާޙް ކޮށްފައިވަނީ، އައްޑޫގައި މިހާރު ކުރިއަށްދާ އައްޑޫ ބިޒްނަސް ޑައިލޮގްގެ ތެރެއިންނެވެ.
އެސްއެމްއީ ޑިޖިޓަލްއިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށާއި، އެ ފަރާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިކަމަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި އެކުންފުނިން ވަނީ ޚާއްސަ ކެމްޕެއިނެއް އިފްތިތާޙު ކޮށްފައެވެ.
މި ކެމްޕެއިން އިފްތިތާޙު ކުރީ، މިހާރު އައްޑޫސިޓީ ހިތަދޫގައި ކުރިޔަށްދާ ބިޒްނަސް ޑައިލޮގްގެ ތެރެއިންނެވެ. ކެމްޕެއިން އިފްތިތާޙު ކޮށްދެއްވާފައިވަނީ، އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ. އަރިހުގައި އެސްއެމްއީ ޑިޖިޓަލްގެ މެނޭޖިންގ ޑިރެކްޓަރ ބަދުރުއްދީން ޙަސަނާއި، އަދި ކުންފުނީގެ ޗެއަރޕާސަން މުޙައްމަދު ޝަރީފް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ކެމްޕެއިން އިފްތިތާޙް ކޮށްދެއްވުމަށްފަހު ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެސްއެމްއީ ޑިޖިޓަލްގެ މެނޭޖިންގ ޑިރެކްޓަރ ބަދުރުއްދީން ޙަސަން ވިދާޅުވީ، މި ކެމްޕެއިނަކީ އެސްއެމްއީ ޑިޖިޓަލްއިން ކުރަމުންދާ މަސައްކަތްތަކަށް އާންމުން ހޭލުންތެރި ކުރުމަށް ކުރިއަށް ގެންދާ ކެމްޕެއިނެއް ކަމަށެވެ. ބަދުރުންދީން ވަނީ، ކެމްޕެއިންގެ ތެރޭގައި މުހިންމު ބައިތަކެއް ހިމެނޭކަން ފާހަގަކުރައްވާއެވެ. އޭގެ ތެރޭގައި އަލަށް ފަށާ ވިޔަފާރިތަކާއި، މިހާރު ހިންގަމުންދާ ވިޔަފާރިތަކަށް އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދީ އަދި މާލީ އެހީދެވޭނެ ގޮތްތަކެއް ކިޔައިދެނޭ ކަމަށެވެ.
މީގެ އިތުރުން އެސްއެމްއީ ޑިޖިޓަލްގެ މާލީ އެކި ޙައްލުތަކުގެ މައުލޫމާތު ކިޔައިދީ، ވިޔަފާރިތަކަށް އެންމެ އެކަށޭނަ ސްކީމްތަކާއި ގުޅޭ މައުލޫމާތު ކިޔައިދެވޭނެ ކަމަށް ބަދުރުއްދީން ވިދާޅުވިއެވެ. ވިޔަފާރިތަކާއި ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ކުރިއަށްގެންދާ ސެޝަންތަކުގެ ތެރެއިން ސެޝަނެއް ދާދި އަވަހަށް އައްޑޫގައި ބާއްވާނެ ކަމަށް އެސްއެމްއީ ޑިޖިޓަލްއިން ވިދާޅުވިއެވެ.
މި ކެމްޕެއިންގެ ތެރެއިން ސޯޝަލް މީޑީއާގެ އެކި މަންސައްތައް މެދުވެރިކޮށް ހޭލުންތެރިކަން އިތުރުކުމަށާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ތަޖުރިބާ ހިއްސާކުރުމަށް ޚާއްސަ ޕޮޑްކާސްޓެއްވެސް ކުރިއަށް ގެންދާނެއެވެ.
"ސޯޝަލް މީޑިއާގައި އެކިއެކި ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ރޭވިފައިވަނީ. ބޭނުމަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރާ މަސައްކަތްތަކުގެ ފައިނޭންސިން ޕާޓްނަރއެއްގެ އިތުރަށް އަޅުގަނޑުމެންނަށް ދެން ކުރެވެން ހުރި ކަންތައްތައް ކޮށްދިނުން. އެބޭފުޅުންގެ ވިޔަފާރީގެ ކޮންމެ ސްޓޭޖެއްގައި އެބޭފުޅުންގެ ބައިވެރިއެއްގެ ގޮތުގައި ތިބޭކަން ހާމަކޮށްދިނުން މީގެ ބޭނުމަކީ" ބަދުރުއްދީން ހަސަން ވިދާޅުވިއެވެ.
އެސްއެމްއީ ޑިޖިޓަލްއިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތިބި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދަނީ، ޚިދުމަތް ފޯރުކޮށްދެމުންނެވެ. އެގޮތުން މިހާތަނަށް 4000 އަށްވުރެ ގިނަ ކަސްޓަމަރުންނަށް ޚިދުމަތް ދީފައިވާ ކަމަށް އެކުންފުނިން ބުނެއެވެ. ކުރީގެ އެސްޑީއެފްސީ އަލުން ރީބްރޭންޑްކޮށް ބީއެމްއެލްގެ ދަށުން ޚިދުމަތް ދޭން ފެށުމާއެކު އެކުންފުނިން ވަނީ، ހަމައެކަނި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބަދަލުގައި ފުރިހަމަ ވަށާޖެހޭ އެހީތެރިކަމެއް ދިނުމަށް މަސައްކަތް ފަށާފައެވެ.