އިނގިރޭސި ޕްރިމިއާ ލީގުގެ ފަހު މެޗުގައި އެސްޓަން ވިލާ އާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ ކުޅޭ މެޗަށްފަހު ސިޓީގެ ކޯޗު ޕެޕް ގަޑިއޯލާ އެ ޓީމުގެ ކޯޗު ކަމުން އިސްތިއުފާ ދޭން ނިންމާފައިވާކަމަށް މީޑިޔާ ރިޕޯޓްތައް ބުނެފި އެވެ.
މި ސީޒަނުގެ މެދުތެރޭގައިވެސް ގަޑިއޯލާ ދެން އިތުރު ސީޒަނެއްގައި ސިޓީގައި މަޑުނުކުރާނެކަމަށް އަޑުފެތުރުނު ނަމަވެސް އޭރު އޭނާ ވަނީ އެކަމާއިމެދު ގޮތެއް ނުނިންމާ ކަމަށް ބުނެފަ އެވެ.
ގަޑިއޯލާ އާއިއެކު ސިޓީ އިން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމަށް އެ ކްލަބުން ތައްޔާރަށް އޮތް ނަމަވެސް ގަޑިއޯލާގެ ވިސްނުން ހުރި ގޮތުން އެކަން ކުރެވޭނެކަމަށް ގަބޫލު ނުކުރެވޭތީ ސިޓީ އިން ވަނީ ކޯޗެއް ހޯދުމުގެ މަސައްކަތްވެސް ފަށާފަ އެވެ. އެގޮތުން ގަޑިއޯލާއަށްފަހު އެ ޓީމުގެ ކޯޗު ކަމާއި ހަވާލުވުން އެންމެ ކައިރީ އޭނާ އާއިއެކު ކުރިން އެ ކްލަބުގައި މަސައްކަތް ކުރުމަށްފަހު ޗެލްސީގެ ކޯޗަކަށް މި ސީޒަނުގެ ކުރީކޮޅު ހުރި އެންޒޯ މަރެސްކާ އެވެ.
ސިޓީ އާއިއެކު ހޭދަކުރި 10 ވަރަކަށް އަހަރުގެ ތެރޭގައި ގަޑިއޯލާ ވަނީ ސިޓީ އަށް 20 މުބާރާތް ކާމިޔާބުކޮށްދީފައެވެ. އޭގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން 6 ފަހަރު, ޔޫއެފާ ޗެމްޕިއަންސް ލީގު އެއް ފަހަރު, އެފްއޭ ކަޕް ތިން ފަހަރު ހޯދުމުގެ އިތުރުން އިނގިރޭސި ލީގު ކަޕް ފަސް ފަހަރު ވަނީ ހޯދާފަ އެވެ.
ގަޑިއޯލާގެ އިރުޝާދުގެ ދަށުން މި ސީޒަނުގައިވެސް މެންޗެސްޓަރ ސިޓީ ވަނީ އިނގިރޭސި އެފްއޭ ކަޕްގެ އިތުރުން ލީގު ކަޕްގެ ޗެމްޕިއަންކަން ހޯދާފަ އެވެ.