މިއަހަރު ބޭއްވި އޯލެވެލް އިމްތިހާނުގައި އަމިއްލަ ގޮތުން ބައިވެރިވި ކެންޑިޑޭޓުންގެ ނަތީޖާ ރީޗެކް ކުރުމަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ވިދާޅުވީ މިއަހަރުގެ ފެބުރުވަރީ/ މާރިޗު މަހު ބޭއްވި ކެމްބްރިޖް އައި.ޖީ.ސީ.އެސް.އީ އާއި އެސް.އެސް.ސީ އިމްތިޙާނުގައި އެ ޑިޕާޓްމަންޓް މެދުވެރިކޮށް އަމިއްލަ ގޮތުން ބައިވެރިވި ކެންޑިޑޭޓުންގެ ނަތީޖާ ރީޗެކް ކުރުމަށް ބޭނުންވާ ފަރާތްތަކަށް ގޫގުލް ފޯމު ފުރިހަމަ ކުރުމަށްފަހު ހުށަހެޅޭނެކަމަށެވެ.
ރީޗެކް ކުރުމުގެ މުއްދަތަކީ މިއަދުން ފެށިގެން އަންނަ މަހުގެ 2 ވަނަ ދުވަހާހަމައަށެވެ.
އެންކުއަރީސް އެބައުޓް ރިސަލްޓްއަށް ފީ ދައްކާނީ ބަނޑޭރި ޕޭ ޕޯޓަލް އިންނެވެ. ޑީޕީއީއިން ވިދާޅުވީ ފައިސާ ދެއްކުމަށްފަހު ރިސިޕްޓް ޑައުންލޯޑްކޮށް، ފޯމުގައި އެޓޭޗް ކުރަން ޖެހޭނެކަމަށެވެ. އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ނަތީޖާ ސްލިޕުގެ ކޮޕީ ވެސް އެޓޭޗް ކުރަންޖެހެއެވެ.
މިއަހރު ބޭއްވި އޯލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން މިހާރު ވަނީ ފަށާފައެވެ. މިއަހަރުގެ އައިޖީސީއީ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގައި 8،218 ދަރިވަރުން ބައިވެރިވެފައިވެއެވެ. މިފަހަރުގެ އިމްތިހާނު 267 ސެންޓަރެއްގައި ކުރިއަށް ގެންގޮސްފައިވެއެވެ.
އޯލެވެލް އިމްތިހާނު މާލޭގައި ކުރިއަށް ގެންގޮސްފައިވަނީ، 21 ސެންޓަރެއްގައެވެ. އަދި އަތޮޅުތަކުގެ 246 ސެންޓަރެއްގައި އިމްތިހާނު ކުރިއަށް ގެންގޮސްފައިވެއެވެ.