ވިޔަފާރި

އިސްލާމިކް ފައިނޭންސްގެ މަސައްކަތްތައް ފުޅާކުރަނީ


މޯލްޑިވްސް ސެންޓަރ ފޮރ އިސްލާމިކް ފައިނޭންސްގެ މަސައްކަތްތައް ފުޅާކޮށް ކުރިއެރުވުމަށްޓަކައި އަލްހުދާ ސެންޓަރ ފޮރ އިސްލާމިކް ބޭންކިން އެންޑް އިކޮނޮމިކްސް އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު މޯލްޑިވްސް ސެންޓަރ ފޮރ އިސްލާމިކް ފައިނޭންސްގެ އޮފީހުގައި ބޭއްވި ސޮއިކުރުމުގެ ރަސްއްމިޔާތުގައި، ސެންޓަރ ފޮރ އިސްލާމިކް ފިނޭންސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ދީދީއެވެ. އަލްހުދާ ސެންޓަރ ފޮރ އިސްލާމިކް ބޭންކިން އެންޑް އިކޮނޮމިކްސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ސެންޓަރގެ ސީއީއޯ މުޙައްމަދު ޒުބޭރު މުގަލްއެވެ.

އަލްހުދާ ސެންޓަރ ފޮރ އިސްލާމިކް ބޭންކިން އެންޑް އިކޮނޮމިކްސްގެ ހެޑް އޮފީސް ހުންނަނީ ދުބާއީގައެވެ. އަދި އެ ސެންޓަރގެ ރީޖަނަލް އޮފީސްތައް ސައުތު އެފްރިކާގައާއި ޕާކިސްތާންގައި ހުރެއެވެ. އެ ސެންޓަރުން އަންނަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި އިސްލާމިކް ފައިނޭންސާއި ގުޅުންހުރި މަސައްކަތްތައް ކުރަމުންނެވެ.

މޯލްޑިވްސް ސެންޓަރ ފޮރ އިސްލާމިކް ފައިނޭންސްއާއި އަލްހުދާ ސެންޓަރ ފޮރ އިސްލާމިކް ބޭންކިން އެންޑް އިކޮނޮމިކްސްއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމާއި ގުޅޭގޮތުން މަޢުލޫމާތުދެއްވަމުން ސެންޓަރ ފޮރ އިސްލާމިކް ފައިނޭންސްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ދީދީ ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން، އިސްލާމިކް ފައިނޭންސްގެ ދާއިރާއިން މީހުން ތަމްރީން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ދުނިޔޭގެ އިތުރު އެހެން ފައިނޭންސް ސެންޓަރުތަކާއި ރާއްޖޭގެ ކަމާގުޅޭ ފަރާތްތަކާއި އެކު މިފަދަ އެެއްބަސްވުންތައް ޤާއިމްކުރުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް އިބްރާހިމް ދީދީ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އަލްހުދާ ސެންޓަރ ފޮރ އިސްލާމިކް ބޭންކިން އެންޑް އިކޮނޮމިކްސްގެ ސީއީއޯ މުޙައްމަދު ޒުބޭރު މުގަލް ވިދާޅުވީ ކުރިއަށް އޮތްތަނުގައި އިސްލާމިކް ފައިނޭންސްގެ ދާއިރާ ރާއްޖޭގައި ތަރައްޤީވެގެން ދިޔުމުން ރާއްޖެއަށް އިޤްތިސާދަށް ގިނަ ކުރިއެރުންތަކެއް އަންނާނެ ކަމަށެވެ.

މޯލްޑިވްސް ސެންޓަރ ފޯ އިސްލާމިކް ފައިނޭންސްއަކީ ރާއްޖޭގައި އިސްލާމިކް ފައިނޭންސް އާއި ހަލާލް އިންޑަސްޓްރީ ކުރިއަރުވައި، އެ ދާއިރާތައް އެއްފުރާޅެއްގެ ދަށުން ކުރިއަށް ގެންދިޔުމަށް ދައުލަތުން އުފައްދާފައިވާ ކުންފުންޏެކެވެ. މި ކުންފުނި އުފައްދާފައިވަނީ މިއަހަރުގެ މަރޗުމަހުގެ ތެރޭގައެވެ.