މިއަދަކީ "އިންޓަރނޭޝަނަލް ޑޭ އޮފް ބައިލޮޖިކަލް ޑައިވަރސިޓީ" ނުވަތަ ބައިނަލްއަޤްވާމީ ދިރޭތަކެތީގެ ނަސްލުގެ ދުވަހެވެ. މިއަހަރުގެ މިދުވަހުގެ ޝިއާރަކީ "އެކްޓިން ލޯކަލީ ފޯ ގްލޯބަލް އިމްޕެކްޓު" މި ޝިއާރުއެވެ.
މުޅި ދުނިޔެއަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ޤައުމުތަކަށް ކުރާ ނޭދެވޭ އަސަރުތަކުގެ މައްސަލަތަކެވެ. އެކަމަށް އެންމެ ބާރަށް އަޑު އުފުލާ އެއް ޤައުމަކީ މި ކުޑަކުޑަ ދިވެހި ރާއްޖެއެވެ. ސަބަބަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރު ކުރާނެ އެއްޤައުމަކަށް ރާއްޖެވުމެވެ.
ދިރޭތަކެތީގެ ނަސްލުގެ ދުވަސް ފާހަގަކުރާއިރު، އަޅުގަނޑުމެންގެ މި ރާއްޖެއަކީވެސް މުއްސަނދި ވެއްޓެއް ލިބިފައިވާ ޤައުމެކެވެ. ރާއްޖެއަށް ލިބިފައިވާ އެންމެ ބޮޑު އަދި ހިތްގައިމު، އެންމެ މުއްސަނދި ގުދުރަތީ ނިޒާމަކީ ރާއްޖޭގެ ރަށްތަކާއި ގުޅިފައިވާ މުރަކައިގެ ފަރުތަކެވެ. އެގޮތުން ރާއްޖޭގެ މުރަކައާއި ފަރުތަކުގެ ނިޒާމު 8900 އަކަ ކިލޯމީޓަރުގެ ސަރަޙައްދެއް ހިއްސާކުރާއިރު، މިއީ ދުނިޔޭގެ މުރަކައާއި ފަރުތަކުގެ 5 އިންސައްތައެވެ. ދުނިޔޭގެ ނިސްބަތުންވެސް 7 ވަނަ އަށް އެންމެ ބޮޑު މުރަކައާއި ފަރުތަކުގެ ނިޒާމު އޮތީ ރާއްޖޭގައެވެ.
ތިމާވެށި ހިމާޔަތް ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ތެރެއިން ކޮންމެ އަތޮޅެއްގައި ތިމާވެށީގެ ގޮތުން މުހިންމު ސަރަހައްދުތައް ދެނެގަނެ އެތަންތަން ހިމާޔަތްކުރުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން މިހާތަނަށް އައިއިރު، 93 ސަރަހައްދެއް ވަނީ ހިމާޔަތްކޮށްފައެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާގެ އެންވަޔަރަންމަންޓް މެނޭޖްމަންޓު އެންޑް ކޮންސަރވޭޝަން ޑިޕާޓްމަންޓުގެ ޕްރޮޖެކްޓު މެނޭޖަރ ލިސާމާ ސަބްރީ ވިދާޅުވީ ދިރޭތަކެތީގެ މާހައުލު ހިމާޔަތްކުރަނީ ތިމާވެށީގެ ޤާނޫނުގެ ދަށުންކަމަށާއި އޭގެ ދަށުން ޕްރޮޓެކްޓެޑް ސްޕީސިސް ރެގިއުލޭޝަން އަދި ޕްރޮޓެކްޓެޑް އޭރިއާސް ރެގިއުލޭޝަން އެކުލަވާލާފައިވާކަމަށެވެ. އެގޮތުން ޕްރޮޓެކްޓެޑް ސްޕީސިސް ރެގިއުލޭޝަން ދަށުން މިހާތަނަށް ރާއްޖެއިން މެރިން މެގަފޯރނާގެ ގޮތުގައި ފާހަގަވެފައިވާ ހުރިހާ ތަކެއްޗެއް ވަނީ ހިމާޔަތްކޮށްފައިކަމަށެވެ.
"މީގެ ތެރޭގައި އެބަ ހިމެނޭ ވޭލްޝަރކް، ފެހުރިހި، ވެލާ ކަނހަބުގެ ހުރިހާ ވައްތަރެއް، މަޑީގެ ހުރިހާ ބާވަތެއް، ރާއްޖެއަށް ހިޖުރަކުރާ ހުރިހާ ދޫނީގެ ބާވަތްތަކާއި ދޫނީގެ 207 ވައްތަރެއް ވަނީ ހިމާޔަތްކޮށްފައި. ރާއްޖެއަށް ބަލާއިރު އެންވަރމަންޓު އެކްޓުގެ ދަށުން އެކަންޏެއް ނޫން ފިޝަރީޒް އެކްޓުގެ ދަށުންވެސް ހިމާޔަތްކޮށްފައި ހުރި އެއްޗިސް. މަސްވެރިކަމަށް ހާއްސަވާ ދިރުންތަކާއި މުރަކާއި މާ ހުޅުބު ލަނޑައާއި ޕެރޮޓް ފިޝް ފަދަ މުހިންމު ދިރުންތަކެއް ވަނީ ހިމާޔަތްކޮށްފައި" ލިސާމާ ވިދާޅުވިއެވެ.
މި ދީބުގެ ވިދާ މުތްތަކެއް ފަދަ 1192 ރަށުގެ ވަށައިގެވާ ޤުދުރަތީ މާހައުލު ހިމާޔަތް ކުރުމުގެ މަސައްކަތް ކުރާއިރު، ރާއްޖޭގެ 99 އިންސައްތައަކީ ކަނޑެވެ. މިކަނޑުތައް ހިމާޔަތް ކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުންދާއިރު، މާކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ހިމާޔަތްކުރުމާބެހޭ މުއާހަދާއެއްކަމަށްވާ "ބަޔޯޑައިވަރސިޓީ ބިޔޯންޑް ނޭޝަނަލް ޖުރިސްޑިކްޝަން"ގައި ރާއްޖެއިން ބައިވެރިވުމަށް މިދިޔަ އަހަރުވަނީ ނިންމާފައެވެ.
މި މުޢާހަދާ އެކުލަވައިލެވިގެން ދިއުމަކީ މާކަނޑުގެ މާހައުލީ ނިޒާމުތައް ރައްކާތެރިކޮށް ހިމާޔަތްކުރުމަށް މިހާތަނަށް ބައިނަލްއަޤްވާމީ ގޮތުން ކުރެވުނު އެންމެ މުހިންމު މަސައްކަތެވެ. އަދި ކަނޑުގެ ސަރަހައްދު ހިމާޔަތްކުރުމަށާއި ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމަށް މަގުފަހިކުރުވާ މިފަދަ މުޢާހަދާއެއްގައި ދިވެހިރާއްޖެފަދަ ކުޑަ ޖަޒީރާ ޤައުމަކުން ބައިވެރިވުމަކީ ވަރަށް މުހިންމު ކަމެއްކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.