ދިވެހި ވަތަނީ ޚިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމް ނިންމާ 63 ބައިވެރިޔަކު ދަސްވެނިވެއްޖެއެވެ.
މި ތަމްރީނުތަކަކީ ދިވެހި ވަތަނީ ޚިދުމަތުގެ ޕްރޮގްރާމްތަކުގެ ތެރެއިން ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިން ފުރިހަމަކުރާ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޚާއްޞަ ޕްރޮގްރާމެކެވެ.
ދިފާޢީ ވުޒާރާއިން ވިދާޅުވީ، މި ތަމްރީނުގައި ބައިވެރިވެފައިވަނީ މިދިޔަ ޑިސެންބަރު މަހުގެ 15 ވަނަ ދުވަހު ދަސްވެނިވި ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގެ ފުރަތަމަ ބެޗުގެ ދަރިވަރުންގެ ތެރެއިން މިކަމަށް ޝައުޤުވެރިކަން ފާޅުކުރި ކުދިންނެވެ. މިފަހަރުގެ ޕްރޮގްރާމު ފުރިހަމަކުރި ދަރިވަރުންނަށް އެންމެ ދަށްވެގެން ލެވެލް3ގެ ސެޓްފިކެޓެއް ލިބިގެންދާނެއެވެ.
ދިވެހި ވަތަނީ ޚިދުމަތުގެ ތަމްރީނު ޕްރޮގްރާމަކީ ދިވެހި ޤައުމީ ޕްރޮގްރާމުގައި ރާއްޖޭގެ 15 އަތޮޅެއްގެ 35 ރަށަކަށް ނިސްބަތްވާ 65 ޒުވާނުން ބައިވެރިވެފައިވެއެވެ. މީގެ ތެރެއިން 63 ބައިވެރިޔަކު ވަނީ ތަމްރީނުތައް ނިންމާލާފައެވެ.
މި ފަންނީ ތަމްރީނު ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ ބ. ކިހާދޫގައި ހުންނަ ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގައެވެ. ހަތަރު މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި މައިގަނޑު 6 ދާއިރާއަކުން ދަރިވަރުން ވަނީ ތަމްރީނުކޮށްފައެވެ.
މީގެ ތެރޭގައި އިލެކްޓްރިޝަން، އޮޓޯމޮބައިލް އިންޖިނިއަރިންގ، މެރިން އިންޖިނިއަރިންގ، ރެފް އެންޑް އޭސީ، އޮފީސް މެނޭޖްމެންޓް އަދި ބިލްޑިން އެންޑް ފެބްރިކޭޝަން ހިމެނެއެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަކީ ޤައުމިއްޔަތަށް ލޯބިކުރާ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މީގެ މައިގަނޑު މަޤްޞަދަކީ މަސައްކަތުގެ މާހައުލަށް އަހުލުވެރި، ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމެވެ.
ދިވެހި ވަތަނީ ޚިދުމަތުގެ އަސާސީ ތަމްރީނުގެ ފުރަތަމަ ބުރުގެ 344 ބައިވެރިން ތަމްރީނު ފުރިހަމަކޮށް ދަސްވެނިވެފައި ވަނީ މިދިޔަ ޑިސެންބަރު މަހުގެ 28 ވަނަ ދުވަހުއެވެ. މީގެ ތެރެއިން 63 ބައިވެރިންނަކީ އޭގެ ތެރެއިން ވަކި ފަންނީ ދާއިރާތަކުން ކުރިއަށްދިއުމަށް ތަމްރީނު ހޯދި ކުދިންނެވެ.
ވަޠަނީ ޚިދުމަތުގެ ދެވަނަ ބުރުގެ އަސާސީ ތަމްރީނުތައްވެސް މިހާރު ވަނީ ނިންމާލާފައެވެ. އަދި މި ބުރުގައި 350 ބައިވެރިން ބައިވެރިވެފައިވާއިރު 343 ބައިވެރިން ވަނީ ތަމްރީނު ފުރިހަމަކޮށްފައެވެ. އަދި މީގެ ތެރެއިން 80 ބައިވެރިޔަކު ފަންނީ ޕްރޮގްރާމުގައި ބައިވެރިވާނެ ކަމަށް ވަޠަނީ ޚިދުމަތާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.