ވަޠަނީ ޚިދުމަތުގެ ތަމްރީނު ޕްރޮގްރާމު ފުރިހަމަ ކުރާ ދަރިވަރުން މުސްތަޤުބަލުގައި ވާނީ ޒިންމާދާރު ޚިދުމަތްތަކެއް ކޮށްދޭ ޒުވާނުންނަށް ކަމަށް ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދު ވިދާޅުވެއްޖެއެވެ. ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ ފުރަތަމަ ބެޗުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރުވަނީ މިޕްރޮގްރާމުގެ ކާމިޔާބީ ފާހަގަކުރައްވާފައެވެ.
ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވި ދަރިވަރުންނާއި މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދު ވަނީ ޕްރޮގްރާމް ފުރިހަމަ ކުރި ދަރިވަރުންނަށް މަރުހަބާ ވިދާޅުވެފައެވެ. 4 މަހުގެ މުއްދަތައް ކުރިއަށް ގެންދިޔަ މިޕްރޮގްރާމުގެ ތެރެއިން ސެޓްފިކެޓް ލެވެލް 3އާ ހަމައަށް 6 ކޯހެއް ކުރިއަށް ގެންގޮސްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ މިޕްރޮގްރާމުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން ގިނަ އަދަދެއްގެ ދަރިވަރުން ދަސްވެނިވެގެން ދިޔައިރު މި ދަރިވަރުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ނިސްބަތްވުމަކީ ޕްރޮގްރާމު ރާއްޖޭގެ ހުރިހާ ޒުވާނުންނަށް އަމާޒުކޮށް ގެންދެވޭކަން ދައްކުވައިދޭކަމެއް ކަމަށެވެ.
މިޕްރޮގްރާމު ފުރިހަމަ ކުރާ ދަރިވަރުން ބޭނުންވާ ދައިރާއަކުން ވަޒީފާ ހޯދައިދިނުމަށްވެސް މަސައްކަތް ކުރެވޭކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ މި ޕްރޮގްރާމުގެ ކާމިޔާބީ އަކީ ބެލެނިވެރިން ކުރައްވާ އިތުބާރު ކަމަށެވެ. އަދި ދަރިވަރުން އަނބުރާ ދިއުމުން މިޕްރޮގްރާމުގެ ކާމިޔާބީ ވަޒަން ކުރުމުގެ ފުރުސަތު ބެލެނިވެރިންނަށް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ. އަދި މިއީ މުސްތަޤުބަލަށް ފަންނުވެރި ޒިންމާދާރު ޒުވާނުން ބިނާ ކުރާ ޕްރޮގްރާމެއް ކަމަށް ވަޒީރު ހަސަން ރަޝީދު ވިދާޅުވިއެވެ.
"މުސްތަޤުބަލުގައި ފަންނުވެރި އަދި ޒިންމާދާރު ޚިދުމަތްތަކެއް ކޮށްދޭނެ ޒުވާނުންނަށް ވެގެންދާނެ. ޤައުމަށް ފައިދާ ހުރި ރޮނގުތަކުން ކުރިއަށް ދިއުމަށް އިލްތިމާސް ކުރަން " ދިފާޢީ ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅު ނިންމަވާލެއްވުމުގެ ކުރިން ޕްރޮގްރާމު ކާމިޔާބީގެ މިސާލެއްގެ ގޮތުގައި ދާދި ފަހުން މިޕްރޮގްރާމުގެ ތަމްރީނު މާފިލާފުށީގައި ފުރިހަމަކޮށް އަނބުރާ ދިޔަ އަންހެން ދަރިވަރުން ދަތުރުކުރި ލޯންޗު ދިޔަވުމުގެ ހާދިސާގެ މިސާލު ނެންގެވިއެވެ. ވަޒީރު ވިދާޅުވީ އެ ދަރިވަރުން ތިބީ ސާތިބުކަމާއެކު ކަމަށާއި ޕެނިކް ނުވެ ދަރިވަރުން ތަމްރީނުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފައި އެހީ އައުމާއި ހަމައަށް އެކުގައި މަސައްކަތް ކުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ހަސަން ރަޝީދު ވަނީ މިޕްރޮގްރާމު ކުރިއަށް ގެންދެވެނީ ބެލެނިވެރިން ކުރައްވާ އިތުބާރުގެ ސަބަބުންކަން ފާހަގަކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް މި ޕްރޮގްރާމް ފަށާފައިވަނީ ދިވެހި ދަރީންނަށް ރަނގަޅު ކުރިމަގެއް ހޯދައި ދިނުމަށް ކަމަށް ވިދާޅުވިއެވެ. މިޕްރޮގްރާމުގައި ދަރިވަރުން ތަމްރީނު ކުރާނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކުކަން ފާގަގަކުރައްވަމުން ބެލެނިވެރިން ކުރައްވާ އިތުރުބާރުން މިފަދަ ޕްރޮގްރާމުތައް ކުރިއަށްގެންދަން ހިތްވަރު ލިބޭ ކަމަށް ދިފާޢީ ވަޒީރު ހަސަން ރަޝީދު ވިދާޅުވިއެވެ.