ތަޢުލީމު

ޅ. ނައިފަރު މަދަރުޞަތުލް އިފްތިތާޙުގެ އައު ޢިމާރާތުގެ މަސައްކަތް


ޅ. ނައިފަރު މަދަރުޞަތުލް އިފްތިތާޙަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރެއްވުމުގެ ގޮތުން އެސްކޫލްގައި 3 ބުރީގެ އައު ޢިމާރާތުގެ މަސައްކަތް ކޮންޓްރެކްޓަރާ ޙަވާލުކުރައްވައިފިއެވެ. މި އިމާރާތުގައި 10 ކްލާސްރޫމާއި ސްޓާފުރޫމްގެ އިތުރުން އޭވީ ރޫމެއް ހިމެނެއެވެ.

ޅ. ނައިފަރުގައި ހުންނަ މަދަރުޞަތުލް އިފްތިތާޙަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރެއްވުމުގެ ގޮތުން ސަރުކާރުން އެ ސްކޫލްގައި ޢިމާރާތް ކުރައްވާ 3 ބުރީގެ ޢިމާރާތުގެ މަސައްކަތް ޙަވާލުކުރައްވާފައިވަނީ ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއެވެ. އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް ޙަވާލު ކުރެއްވި މި މަޝްރޫއަކީ 13.4 މިލިޔަން ރުފިޔާގެ ބޮޑު މަޝްރޫޢެކެވެ. ތިން ބުރީގެ މި ޢިމާރާތުގައި ހިމެނެނީ 10 ކްލާސްރޫމާއި ސްޓާފް ރޫމަކާއި އޭވީ ރޫމެކެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވެވި ރަސްމިއްޔާތުގައި މި އެސްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއަރ ޕޮލިސީ އެގްޒެކްޓިވް އިބްރާހިމް ޢިސްމާއީލާއި ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސައުދުﷲ ޙިލްމީއެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިބްރާހީމް އިސްމާޢީލް ވިދާޅުވީ، މި ޢިމާރާތް ނިމުމުން އެ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން މުޅިން ހައްލުވެގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ މި ޕްރޮޖެކްޓަކީ ވަޞީލަތްހަމަ ސްކޫލްތަކެއް ޤާއިމްކުރުމުގެ ގޮތުން ދިވެހި ސަރުކާރުގެ ފަރާތުން ނިންމަވާފައިއޮތް ނިންމެވުމުގެ ޞިޔާޞަތު ތަންފީޒް ކުރެއްވުމަށް ކުރެވޭ ކަމެއް މިކަމަކީ. އެހެންވީމާ ނައިފަރުގައި މަދަރުޞަތުލް އިފްތިތާޙުގައި މި ކްލާސްރޫމްތައް އެޅުނީމަ އަޅުގަނޑުމެންގެ ސްކޫލަށް ވަރަށް ބޮޑު ލުއިކަމެއް އަންނާނެ. އަދި މުސްތަޤްބަލްގައި ބޭނުންވެފައިވާ ވަރަށް ގިނަ ކަންކަން ޙައްލުވެގެންދާނެ" މިނިސްޓްރީ އޮފް އެޑިއުކެޝަންގެ ސީނިއަރ ޕޮލިސީ އެގްޒެކްޓިވް ޢިބްރާހިމް ޢިސްމާއީލް ވިދާޅުވިއެވެ.

ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރ ސައުދުﷲ ޙިލްމީ ވިދާޅުވީ، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މި މަސައްކަތް ނިންމަވާ ސަރުކާރާ ޙަވާލު ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

"އެއޮތް މުއްދަތުގެ ތެރޭގައި އަޅުގަނޑުމެން މި މަސައްކަތް ކުރިއަށް ގެންގޮސް އިރާދަކުރެއްވިއްޔާ ނިންމާލަދޭނަން. ހަމައެއާއެކު މިއީ ޕެކޭޖް ޕްރޮޖެކްޓެއް ކަމަށް ވުމާއެކު މިއާ ޖެހިގެން އޮތް ރަށުގައި އަޅުގަނޑުމެން ހަމަ ހެލްތު ސެންޓަރެއްގެ މަސައްކަތްވެސް ކުރަމުންދާތީއާ އެކީގައި ދެ ރަށުގެ މަސައްކަތަށް ބޭނުންވާ ތަކެތި އަޅުގަނޑުމެންނަށް ގެންދިއުމުގައިވެސް އަޅުގަނޑުމެންނަށް ފަސޭހަވެގެންދާނެ މިހެންވީމަ. އިރާދަކުރެއްވިއްޔާ އެމްޕީ (ޝިޔާމް)ވެސް އުންމީދު ކުރައްވާ އުޞޫލުން އަދި ވަކިން ހާއްޞަކޮށް މިނިސްޓްރީ އޮފް އެޑިއުކެޝަން ހިތް އުފާވާގޮތަށް އަޅުގަނޑުމެން މި މަސައްކަތް ނިންމާލަދޭނެ ކަމުގެ ޔަޤީންކަން އަރުވަން." ތިނަދޫ އުތުރު ދާއިރާގެ މެމްބަރ ސައުދުﷲ ޙިލްމީ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ބައިވެރިވި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރ އަޙުމަދު ޝިޔާމް ވިދާޅުވީ، މިކަމަކީ މަދަރުޞަތުލް އިފްތިތާޙަށް މިހާރުން މިހާރަށްވެސް ބޭނުންވެފައިވާ މުހިންމު މަޝްރޫޢެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން އެސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން އެއްކޮށް ފިލައިގެންދާނެކަން ޝިޔާމް ފާހަގަކުރެއްވިއެވެ.

"މި 10 ކްލާސްރޫމާއި އޭވީ ރޫމާއި އަދި ސްޓާފް ރޫމަކީ މިވަގުތަށް މަދަރުޞަތުލް އިފްތިތާޙަށް ކޮންމެހެން ބޭނުންވެފައިވާ ވަޞީލަތްތަކެއް ނުވަތަ އިމާރާތެއް. މި ތިންބުރީގެ އިމާރާތް ވެގެންދާނީ މިވަގުތު ހުރި ޖާގައިގެން ދަތިކަން އެއްކޮންމެ ފިލައިގެންދާނެ ޕްރޮޖެކްޓަކަށް" ނައިފަރު ދާއިރާގެ މެމްބަރ އަޙުމަދު ޝިޔާމް ވިދާޅުވިއެވެ.

ގްރޭޑް އެކަކުން ބާރައަށް ތައުލީމު އުގަންނައިދޭ މަދަރުޞަތުލް އިފްތިތާޙްގައި 980 ދަރިވަރުން ތަޢުލީމް ހާޞިލް ކުރަމުންގެންދެއެވެ. އަދި މި މަދުރަސާގައި މިހާރުވެސް 35 ކްލާސްރޫމް ހުރެއެވެ.