ޚަބަރު

ހުޅަނގު އައްސޭރީގައި ޔަހޫދީންއުޅޭ ސަރަޙައްދުތައް ފުޅާނުކުރަން ގޮވާލައިފި


ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި ޔަހޫދީންގެ އަވަށްތައް ޤާއިމްކޮށްފައިވާ ސަރަޙައްދުތައް ފުޅާ ނުކުރުމަށް ހުޅަނގުގެ ނުވަ ޤައުމަކުން ޔަހޫދީންނަށް ގޮވާލައިފިއެވެ.

އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތާއި އިޓަލީވިލާތާއި ކެނެޑާއާއި އޮސްޓްރޭލިޔާއާއި ނިއުޒިލެންޑާއި ނޯވޭއާއި ނެދަލެންޑްސްއިން ގުޅިގެން ނެރުނު ބަޔާނުގައި ވަނީ ހުޅަނގު އައްސޭރީގައި ޔަހޫދީން ޤާއިމްކުރާ އަވަށްތައް ޤާއިމްކުރަމުން ދަނީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފަށް ކަމަށް ބުނެފައެވެ. އެ ބަޔާނުގައި ހުޅަނގު އައްސޭރީގައި ވަޒަންވެރިވެގަނެފައިވާ ޔަހޫދީން ފަލަސްޠީނުގެ ރައްޔިތުންނަށް ދެމުންދާ އަނިޔާތައް ވެސް ކުށްވެރިކޮށްފިވެއެވެ. އަދި ޔަހޫދީންގެ އަވަށްތައް ބިނާ ކުރުމަށް އިޢުލާނުކުރާ ބީލަންތަކަށް ޖަވާބު ނުދިނުމަށް އިމާރާތްކުރާ ކުންފުނިތަކަށް ވެސް ގޮވާލާފައިވެއެވެ.

އެ ބަޔާނުގައި ބުނީ ފާއިތުވި މަސްތަކުގެ ތެރޭގައި ހުޅަނގު އައްސޭރީގެ ޙާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށެވެ. ފަލަސްޠީނުގެ ރައްޔިތުންނަށް ޔަހޫދީ ވަޒަންވެރިން ދެމުންދާ އަނިޔާތައް ހީނުކުރާ މިންވަރަށް އިތުރުވެފައިވާ ކަމަށާއި، ޔަހޫދީ ސަރުކާރުގެ އުޞޫލުތަކާއި ޢަމަލުތަކުގެ ސަބަބުން ޔަހޫދީންނާއެކު ފަލަސްޠީނުގެ ވެސް މިނިވަން ދައުލަތެއް އޮތުމުގެ ސިޔާސަތު ޤާއިމް ކުރުމަށް ބުރޫއަރާ ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.

އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ ޖަމްޢިއްޔާތަކުން ދަނީ ޔަހޫދީ ވަޒަންވެރިން ފަލަސްޠީނުގެ ރައްޔިތުންނާމެދު ހިތުހުރި ގޮތަކަށް ޢަމަލުކުރުމަށް ޔަހޫދީ އިދާރާތަކުން ފުރުޞަދު ދެމުންދާ ކަމަށް ބުނަމުންނެވެ.

ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ ބިންތަުގައި ޔަހޫދީންގެ 70،000އަށްވުރެ ގިނަ ވަޒަންވެރިން މިހާރު ވެސް ޤަވާއިދާ ޚިލާފަށް ދިރިއުޅެއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ޔަހޫދީން ވަނީ ހުޅަނގު އައްސޭރީގެ ބޮޑު ސަރަޙަައްދެއް ޔަހޫދީންގެ ދައުލަތުގެ ބިންތަކުގެ ގޮތުގައި ކަނޑައެޅުމަށް ނިންމައިފައެވެ. އެ ރޭވުމުގެ ދަށުން އިރުމަރީ ޤުދުސްގެ އިރުމައްޗަށް އޮންނަ އީ1 ސަރަޙައްދުގައި އެތައް ހާސް އައު ގެ އެޅުމުން އެ ސަރަޙައްދުގެ ދެ ފަރާތުގައި އޮންނަ ދެ ސަރަޙައްދު ކަމަށްވާ މައާލީ އަދޫމީމް އާއި އިރުމަތީ ޤުދުސްއާ ގުޅުވައިދޭނެއެވެ. އެއާއެކު އެ ސަރަޙައްދުގެ ބޮޑު މިން 12 އަކަ ކިލޯމީޓަރަށް އިތުރުވެގެންދާނެއެވެ.

ޤައުމުތަކުން ނެރުނު ބަޔާނުގައި ވަނީ ޔަހޫދީންގެ އާބާދީތަކާއި އިދާރީ ބާރުތައް ފުޅާކުރުން ހުއްޓައިލުމަށާއި ވަޒަންވެރިންގެ އަނިޔާވެރިކަމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޔަހޫދީ ސަރުކާރަށް ގޮވާލައިފައެވެ. އަދި ޔަހޫދީ ފައުޖުތަކުން ކުރާ ޢަމަލުތައް ތަހުޤީޤުކުރުމަށް ވެސް ގޮވާލާފައިވެއެވެ. އޭގެ އިތުރުން ޤުދުސްގައި ހުންނަ އިސްލާމީ މުޤައްދަސް ބިނާތަކުގެ ބެލެނިވެރި ފަރާތަކީ ޢުރުދުންގެ ޝާހީ ޢާއިލާކަމަށް އިޙްތިރާމްކޮށް، ޕަލަސްޓީނިއަން އޮތޯރިޓީ (ޕީއޭ)އާ ދެކޮޅަށް އަޅާފައިވާ މާލީގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި، ފަލަސްޠީނުގެ އިޤްތިޞާދަށް ދަތިކުރުން ހުއްޓައިލުމަށް ގޮވާލާފައިވެއެވެ.