ޚަބަރު

ޗެލްސީ ބަލިކޮށް ސަންޑަލޭންޑް ޔޫރަޕަށް


އިނގިރޭސި ޕްރިމިއާ ލީގުގެ ފަހު މެޗުގައި ރޭ ޗެލްސީ 2-1 ގެ ނަތީޖާއަކުން ބަލިކޮށް 53 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ސަންޑަލޭންޑް އިން ޔޫރަޕުން ފުރުސަތު ހޯދައިފި އެވެ.

މި މެޗުން މޮޅުވުމާއިއެކު ސަންޑަލޭންޑަށް ވަނީ 54 ޕޮއިންޓާއެކު ތާޥަލުގެ ހަތްވަނަ މަގާމް ލިބި އަންނަ ސީޒަނުގައި ޔޫރޮޕާ ލީގުގެ ޖާގައެއް ކަށަވަރުވެފަ އެވެ. މި ސީޒަނުގައި ޕްރިމިއާ ލީގަށް އަލަށް ޕްރޮމޯޓްވި ސަންޑަލޭންޑް އިން އެންމެ ފަހުން ޔޫރަޕްގެ މުބާރާތެއްގައި ކުޅެފައިވަނީ 74/1973 ވަނަ އަހަރުގެ ސީޒަނުގައި ޔޫއެފާ ކަޕް ވިނާސް ކަޕްގަ އެވެ.

ޗެލްސީ މި މެޗުން ބަލިވެ, ތާވަލުގެ 10 ވަނަ މަގާމް ލިބިފައިވާއިރު އެ ޓީމަށް އަންނަ ސީޒަނުގައި ޔޫރަޕްގެ އެއްވެސް މުބާރާތަކެއް ފުރުސަތެއް ނުލިބޭނެ އެވެ. ނިމިގެންދިޔަ އެފްއޭ ކަޕްގެ ފައިނަލުގައި މެންޗެސްޓަރ ސިޓީ އަތުން ބަލިވެފައިވާއިރު އެ ޓީމަށްވަނީ އެ ފުރުސަތުވެސް ގެއްލިފަ އެވެ.

ދުނިޔޭގެ ޗެމްޕިއަން ކްލަބްގެ ގޮތުގައި އޮތް ޗެލްސީ އާއި ދެކޮޅަށް ސަންޑަލެންޑް އިން ކުޅުނު މި މެޗުގެ 25 ވަނަ މިނިޓުގައި ޓްރޭ ހޫމް ވަނީ ލަނޑެއް ޖަހާ ޗެލްސީގެ ގޯލު ހުޅުވާލާފަ އެވެ.

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ފަސްވަނަ މިނިޓުގައި މާލޯ ގުސްޓޯ އަތުން ބައިކޮޅަށް ވަން ލަނޑާއެކު ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުވި ނަމަވެސް އޭގަ 6 މިނިޓު ފަހުން ކޯލް ޕާމާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-1 އަށް ބަދަލުކޮށްފަ އެވެ.

ޗެލްސީ އަށް މި މެޗުގައި އިތުރު މައްސަލަތަކާއި ކުރިމަތިލާން ޖެހުނީ މެޗުގެ 62 ވަނަ މިނިޓުގައި ދެވަނަ ރީނދޫ ކާޑަކާއިއެކު ވެސްލީ ފޮފާނާއަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމާއި ގުޅިގެން އެއް ކުޅުންތެރިއަކު މަދުކޮށް އެ ޓީމުން ކުޅެން ޖެހުމުންނެވެ.