ޚަބަރު

ސެންޓްރަލް ލީގު: ކުޑަހުވަދޫން އެފްއޭއެމްގެ ނިންމުން އެޕީލްކޮށްފި


  • އެފްއޭއެމްއިން ނިންމީ ޗެމްޕިއަންކަން ލިބުނީ ހުރައަށް ކަމަށް

  • ކުޑަހުވަދޫން ވަނީ ނިންމުން ބަލައިނުގަންނަކަން ރަސްމީކޮށް އަންގާފައި

މިމަހުގެ 21 ވަނަ ދުވަހު ސެންޓްރަލް ލީގުގައި ކ.ހުރައާއި ދ. ކުޑަހުވަދޫ ބައްދަލުކުރި މެޗުގައި ކުޑަހުވަދޫ ޓީމުން ކާޑު ހަމަވެފައިވާ ކުޅުންތެރިންތަކެއް ބޭނުންކުރިކަމަށް ނިންމާ، ލީގުގެ އައްޑަނަ ހުރައަށް ދޭން ނިންމި ނިންމުން ކުޑަހުވަދޫ ކައުންސިލުން އެފްއޭއެމްގައި އެޕީލްކޮށްފިއެވެ.

މިކަން ހާމަކޮށް ކުޑަހުވަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ސަލީމް ސޮއިކުރައްވާ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފޮނުވި ސިޓީއެއްގައި ވަނީ އެފްއޭއެމްގެ މުބާރާތްތަކާބެހޭ ކޮމެޓީގެ ނިންމުން ބަލައިނުގަންނަކަން ހާމަކޮށް، އެ ނިންމުން އެޕީލްކުރަން ބޭނުންވާކަން ހާމަކޮށްފައެވެ.

ކުޑަހުވަދޫ ކައުންސިލުން އެފްއޭއެމްއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، ކުޑަހުވަދޫއިން މެޗުގައި ކާޑު ހަމަވެފައިވާ 2 ކުޅުންތެރިއަކު (ޖަރޒީ ނަންބަރު 21 އަޔާޒް މުޙައްމަދުގެ އިތުރުން ޖަރޒީ ނަންބަރު 30 އަރީފް މަޙްމޫދު) މެޗުގައި ބޭނުންކޮށްފައި ވާކަމަށް ކަނޑައަޅާފައި ވީނަމަވެސް ކުޑަހުވަދޫ ޓީމަށް ލިބިފައިވާ އެއްވެސް މެޗު ރިޕޯޓަކުން އެ ކުޅުންތެރިންނަށް މުބާރާތުގައި ދެ ރީނދޫ ކާޑު ދައްކާފައިވާކަމަށް ފެންނަން ނެތްކަމަށެވެ. އެހެންކަމުން މި ނިންމުމުގެ ސައްހަކަމާމެދު ކުޑަހުވަދޫ ކައުންސިލުގެ ސިޓީގައި ޝައްކު އުފައްދާފައި ވެއެވެ.

ކައުންސިލުން މިކަން އިތުރަށް ތަފްސީލުކޮށްދެމުން ބުނެފައިވަނީ، މެއި މަހުގެ 18 ވަނަ ދުވަހު އެޓީމު ކުޅުނު މެޗުގައި ޖަރޒީ ނަންބަރު 21 އަޔާޒް މުޙައްމަދަށް ރީނދޫ ކާޑެއް ދައްކާފައިވާ ކަމަށް އެފްއޭއެމްގެ ރިޕޯޓުގެ 4 ވަނަ މާއްދާގައި ބުނެފައިވީނަމަވެސް އެ މެޗުގައި އަޔާޒް ކުޅެފައި ނުވާކަމަށެވެ.

މީގެ އިތުރުން، އެފްއޭއެމްގެ މުބާރާތްތަކާބެހޭ ކޮމެޓީގެ ނިންމުމުގައި "ބީއެމްއެލް ރީޖަނަލް ލީގު 2025/26 ގެ ގަވާއިދަށް" ހަވާލާދީފައި ވީނަމަވެސް އެ އިދާރާއަށް އެފަދަ ގަވާއިދެއް ލިބިފައިނުވާ ކަމަށާއި އެ އިދާރާއަށް އެންމެ ފަހުން ލިބިފައިވަނީ "އެފްއޭއެމް އެޓޯލްސް ޗެމްޕިއަންޝިޕް 2025/2026- އެޑިޝަން 2025" ގެ ގަވައިދު ކަމަށް ކުޑަހުވަދޫ ކައުންސިލް އިދާރާގެ ސިޓީގައި ބުނެފައިވެއެވެ.

ކުޑަހުވަދޫ ކައުންސިލްގެ ސިޓީގައި އިތުރަށް ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ކަމަކީ، މުބާރާތުގައި މި ދެޓީމު ބައްދަލުކުރި ފުރަތަމަ މެޗުގައި ކުޑަހުވަދޫގެ ޖަރޒީ ނަންބަރު 7 ހާރޫން އިބްރާހީމަށް ދެ ރީނދޫ ކާޑު ދައްކާފައި ވުމުން މެޗުގައި ނުކުޅެވޭނެކަމަށް ކަނޑައެޅި ނަމަވެސް، ހުރާ ކުޅުންތެރިއަކަށް ކާޑު ހަމަވެފައި އޮތުމުން ދެޓީމުގެ ކުޅުންތެރިންގެ ކާޑުތައް އަނބުރާ ގެނެސް، ކާޑު ހަމަވެފައިކަމަށް ކުރިން ކަނޑައެޅި ކުޅުންތެރިންނަށްވެސް ކުޅުމުގެ ފުރުސަތުދޭން ނިންމާފައިވާކަމަށް ފާހަގަކޮށްފައިވާ ކަމެވެ.

މި ނިންމުން ނިންމާފައިވަނީ އެއްވެސް ރަސްމީ ލިޔެކިޔުމެއްނެތި އަނގަބަހުން ކަމަށްވެސް ކުޑަހުވަދޫ ކައުންސިލްގެ ސިޓީގައި ބުނެފައިވެއެވެ.

އެކައުންސިލްގެ ސިޓީ ނިންމާލަމުން ވަނީ، ކުޑަހުވަދޫ ޓީމުގެ ދެ ކުޅުންތެރިއަކު ކާޑު ހަމަވެފައިވަނިކޮށް ކުޅުވިކަމަށް ނިންމާފައި ވީނަމަވެސް، މެޗުގައި ހުރާ ޓީމުގެ ޖަރޒީ ނަންބަރު 10 ކުޅުވާފައިވަނީވެސް ކާޑު ހަމަވެފައިވަނިކޮށް ކަމަށް ބުނެފައެވެ.