ނިމުނު ހަފުތާއަކީ އަޅުގަނޑުމެން މުސްލިމުންނަށް ވަރަށް ޚާއްސަ ހަފުތާއެކެވެ. ޙައްޖުގެ މަތިވެރި އަޅުކަމުގެ އެންމެ މުޙިއްމު ދުވަސްކަމުގައިވާ އަރަފާތު ދުވަހުގެ މާތްކަމާއި، ބަރަކާތްތެރި އަޟްޙާ އީދު އަޅުގަނޑުމެން ބައްދަލުކުރީއެވެ. މިއާއެކު އެހެން ބައެއް މުހިންމުކަންކަންވެސް ރާއްޖޭގައި ހިނގާދިޔައެވެ.
(23 މޭ) ދިވެހި ވަތަނީ ޚިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމް ނިންމާ 63 ބައިވެރިޔަކު ހޮނިހިރު ދުވަހު ވަނީ ދަސްވެނިވެފައެވެ.
މި ތަމްރީނުތަކަކީ ދިވެހި ވަތަނީ ޚިދުމަތުގެ ޕްރޮގްރާމްތަކުގެ ތެރެއިން ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިން ފުރިހަމަކުރާ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޚާއްޞަ ޕްރޮގްރާމެކެވެ. ވަޠަނީ ޚިދުމަތުގެ ފަންނީ ޕްރޮގްރާމު ފުރިހަމަ ކުރި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މަރުޙަބާ ދަންނަވާފައެވެ.
މީގެ އިތުރުން ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ހުށައެޅުމުގެ މުއްދަތު މިވަނީ އިތުރުކޮށްފިއެވެ. އެފުރުޞަތު އަންނަމަހުގެ 15އާ ހަމައަށް ވަނީ އިތުރުކޮށްދެއްވާފައެވެ. މުއްދަތު އިތުރުކޮށްފައިވަނީ ޢީދު ބަންދާ ގުޅިގެން ކަނޑައަޅައިފައިވާ މުއްދަތުގައި ފޯމު ހުށަހެޅުމުގައި ދަތިވަމުންދާކަމަށް ގިނަ އަދަދެއްގެ ފަރާތްތަކުން ޝަކުވާ ހުށަހަޅުއްވަމުން ދާތީއެވެ.
(24 މޭ) އާދީއްތަ ދުވަހު ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ސިންގަޕޫރަށް ފުރާވަޑައިގަންނަވާފައެވެ.
ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއަރޕާސަންގެ މަޤާމަށް ޢަބްދުލްމަޖީދު ޢަލީ އައްޔަން ކުރައްވިކަން ނިމުނު ހަފްތާގައެވެ.
ޕެންޝަން އޮފް އޮފީހުގެ ބޯޑުގެ ޗެއަރޕާސަންގެ މަޤާމަށް ބޭފުޅަކު އައްޔަން ކުރައްވާފައިވަނީ އެ މަޤާމުގައި ކުރިން ހުންނެވި އަހުމަދު އިނާޒް އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. މަޖީދު ޕެންޝަން އޮފީހުގެ ޗެއަރޕާސަން ކަމުގެ މަޤާމަށް އައްޔަން ކުރުމާއެކު، އެ ބޯޑުގައި ޕްރައިވެޓް ސެކްޓަރ ތަމްސީލް ކުރައްވާ މެންބަރުކަމަށް ހައްޖު ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރުކަން ކުރައްވާފައިވާ ޔާމީން އިދްރީސް ވަނީ އައްޔަންކުރައްވާފައެވެ.
އަންނަ މަހު ފަށާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގެ މީޑިއާ އެންޑް ބްރޯޑްކާސްޓިން ޕާޓްނަރަކަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އާދީއްތަ ދުވަހުއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، މުބާރާތުގެ ގުރު ނެގުމަށް ޕީއެސްއެމްގެ ޓީވީ ބިލްޑިންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގެ ތެރެއިންނެވެ.
މި އެއްބަސްވުމުގެ ދަށުން މުބާރާތުގެ ހުރިހާ މެޗެއް ޕީއެސްއެމްގެ ޗެނަލްތަކުން ވަގުތުން ގެނެސްދޭނެއެވެ. އަދި މުބާރާތާ ގުޅުންހުރި މައުލޫމާތާއި ގުޅުންހުރި އެނޫންވެސް މައުލޫމާތުތައް، ޕީއެސްއެމް ނިއުސް އިން އެންމެ ތާޒާކޮށް ބެލުންތެރިންނާއި ކިޔުންތެރިން އަދި އެހުންތެރިންނާ ހަމައަށް ގެނެސްދޭނެއެވެ.
(25 މޭ) ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަޙްމަދު މަޚްލޫފު އެ މަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ޖަޕާނުގެ އެމްޕެރަރ، އެމްޕެރަރ ނަރުހިޓޯއަށް ހޯމަ ދުވަހު ވަނީ އަރުވާފައެވެ. ޓޯކިޔޯގެ އިމްޕީރިއަލް ޕެލަސްގައި ބޭއްވި މިރަސްމިއްޔާތުގައި ސަފީރު މަޚްލޫފު ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރައްވާފައެވެ.
ހޯމަ ދުވަހު ވަނީ އަތޮޅުތެރޭގައި ހުޅުވި މިފްކޯގެ ފުރަތަަމަ އައުޓްލެޓް އައްޑޫ ސިޓީ ހިތަދޫގައި ހުޅުވާފައެވެ. މިއައުޓެލްޓް ހުޅުއްވައިދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. މި ފިހާރައިން މިފްކޯގެ އުފެއްދުންތައް ލިބެން ހުންނާނެކަމަށް މިފްކޯއިން ވިދާޅުވެއެވެ.
(26 މޭ) އަންގާރަ ދުވަހަކީ ޢަރަފާތް ދުވަހެވެ. ޢަރަފާތް ދުވަހުގެ މެންދުރުވީއިރު ހުރިހާ ދިވެހި ޙާޖިންތިބީ ޢަރަފާތުގެ މާތް ބިމުގައެވެ. ޢަރަފާތު ބިމުގައި މިލިޔަނުން މީހުންތިބިއިރު، ނަމިރާ މިސްކިތުގައި އިއްވެވި ޙައްކު ޚުތުބާގައި އިމާންތެރިކަމުގެ ސަބަަބުން އިންސާނާގެ ރައްކާތެރިކަމާއި ދުނިޔެއާއި އާޚިރަތުގައިވެސް ހެޔޮކަން ލިބިގެންދާނެކަން ވަނީ ހަނދުމަކޮށްދެއްވާފައެވެ. ދިވެހިން ތިބި ޓެންޓުގައި އިއްވެވި ޚުތުބާގައި ޙައްޖުގެ މަތިވެރި އަޅުކަން ފުރިހަމަކުރާ މީހަކަށް ލިބޭނެ އެންމެ ބޮޑު ކާމިޔާބީއަކީ، މާތްﷲގެ ރުއްސެވުމާއި ފުއްސެވުން ލިބުން ކަމުގައި، ވަނީ ވިދާޅުވެފައެވެ.
(27 މޭ) ބުދަ ދުވަހަކީ ބަރަކާތްތެރި އަޟްޙާ ޢީދު ނުވަތަ ބޮޑު ޢީދު ދުވަހެވެ. މާލޭގެ އިތުރުން ޢީދު ނަމާދު ރާއްޖޭގެ ގިނަ ރަށްރަށުގައި ކުރީ ބޮޑު ޖަމާޢަތުގައެވެ. ޢީދު ޚުތުބާގައި ވަނީ ޢީދުގައި އިސްލާމީ ޘަޤާފަތާ ޚިލާފު ކަންކަމުން ދުރުހެލިވުމަށް ގޮވާލައްވާފައެވެ. ޢީދު ތަހުނިޔާ ފޮނުއްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ޚިތާބުގައި ޢީދުގެ ޙަޤީޤީ ޖައުހަރަކީ، ތަޤުވާވެރިކަމުގެ ސާފު ފޭރާމުން ނަފުސް ޒީނަތްތެރިކޮށް، ދީނާއި ޙައްޤުގެ މަގު އިސްކުރުމުގެ ޢަޒުމް އާކުރުން ކަމުގައި ވިދާޅުވިއެވެ. ރައީސް ވަނީ ދިވެހި ރައްޔިތުންގެ އިތުރުން އަޟްޙާ ޢީދުގެ މުނާސަބަތުގައި އިސްލާމީ ޤައުމު ތަކުގެ ވެރިންނާއި، ބައިނަލްއަޤްވާމީ އިސްލާމީ ޖަމާޢަތްތަކުގެ ވެރިންނަށް ފޮނުއްވާފައެވެ.
(28 މޭ) ޢީދު ދުވަހާ ޖެހިގެންއައި ވަޅު ޢީދު ދުވަހުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ ޢީދުގެ އުފާ ފާޅުކޮށް ކުލަގަދަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. ރާއްޖޭގެ އިތުރުން ދިވެހިން އެންމެ ގިނައިން ދިރިއުޅޭ ދެ ޤައުމު ކަމުގައިވާ މެލޭޝިޔާ އަދި ސްރީލަންކާގައި ދިވެހިން ވަނީ ކުލަ ގަދަކޮށް ޢީދު ފާހަގަކޮށްފައެވެ.