ޚަބަރު

ލުބްނާން ޢުދުވާން ހުއްޓައިނުލުމުން ޓްރަމްޕާއި ނަތަންޔާހޫ ދެބަސްވުމަކަށް


ލުބްނާންގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާއި ދެމުންދާ ޢުދުވާނީ ޙަމަލާތައް އިތުރަށް ވަރުގަދަކުރުމާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޯފާއިސްކުރައްވައި، ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫއަށް ފޯނުން ގުޅުއްވައި ހަޑިހުތުރު ބަހުން މުޚާޠިބުކުރައްވައިފިއެވެ. އެމެރިކާގެ ނޫހެއް ކަމުގައިވާ އެކްސިޔޮސްއިން މި ކަން ރިޕޯޓުކޮށްފައި ވަނީ، އެ ފޯނުކޯލުގެ މަޢުލޫމާތު ލިބިފައިވާ މަޞްދަރުތަކާ ޙަވާލާދީއެވެ.

އެކްސިޔޮސްއަށް މަޢުލޫމާތުދިން މަޞްދަރުތަކުން ބުނީ، ނަތަންޔާހޫއަށް ފޯނުން ގުޅުއްވައި ހަޑިހުތުރު ބަހުން މުޚާޠިބު ކުރައްވަމުން އޭނާއަކީ "މޮޔައެއް" ކަމުގައި ޓްރަމްޕް ސިފަކުރައްވާފައިވާ ކަމުގައެވެ. އަދި، އޭނާއަކީ ޝުކުރުވެރިވާން ދަންނަ މީހެއް ނޫން ކަމުގައި ވިދާޅުވެފައިވާ ކަމުގައެވެ. އަދި، ލުބްނާނަށް ދެމުންދާ ޙަމަލާތައް ވަރުގަދަކޮށް، ވެރިރަށް ބައިރޫތަށް ޢުދުވާނީ ޙަމަލާތަކެއް ދޭން ޔަހޫދީން ރާވާފައިވާ ރޭވުން ހުއްޓައިލުމަށް އަންގަވާފައިވާ ކަމުގައި ވެސް މަޞްދަރުތަކުން ބުންޏެވެ.

ނަތަންޔާހޫއަށް އިންޒާރު ދެއްވަމުން ޓްރަމްޕް ވިދާޅުވީ، ލުބްނާނުގެ ވެރިރަށަށް ބޮންއަޅާނެ ކަމަށް ބުނެ ޔަހޫދީން ބިރުދައްކަމުން ދިޔުމާ ގުޅިގެން ބައިނަލްއަޤުވާމީ މައިދާނުގައި ޔަހޫދީން އެކަހެރިވުން ނޫން ކަމެއް ނުވާނެ ކަމުގައެވެ. މީގެ އިތުރުން، ޖަލު ބަންދުން ސަލާމަތްވެފައި މިނިވަނެއްގެ ގޮތުގައި ނަތަންޔާހޫ މިއަދު ހުރީ އޭނާގެ ބުރަ މަސައްކަތުން ކަން ޓްރަމްޕް ފާހަގަކުރެއްވި ކަމުގައި ވެސް ރިޕޯޓުތައް ބުނެއެވެ.

އެކްސިޔޮސްއަށް މަޢުލޫމާތު ދިން އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ، އެމެރިކާގެ ރިޔާސަތުގައި ޓްރަމްޕް ނެތް ނަމަ، ނަތަންޔާހޫ މި ވަގުތު އޮންނާނީ ޖަލުގައި ކަމަށް ޓްރަމްޕް ވިދާޅުވި ކަމުގައެވެ. އަދި، ލުބްނާންގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތައް ހުއްޓައިލުމަށް ޔަހޫދީ ސަރުކާރުން އިންކާރުކުރަމުން ދިޔުމާ ގުޅިގެން، މުޅި ދުނިޔެ ނަތަންޔާހޫއާއި ޔަހޫދީ ދައުލަތާ މެދު އިންތިހާއަށް ފޫހިވެފައިވާ ކަމުގައި ވެސް ޓްރަމްޕް ވިދާޅުވި ކަމުގައި ރިޕޯޓުތައް ބުނެއެވެ. އަދި، އަޑުއުފުއްލަވައި ނަތަންޔާހޫއާ ދިމާލަށް ހަޑިހުތުރު ބަހުން މުޚާޠިބުކުރައްވަމުން، ތިޔަ ކުރަނީ ކޮންފަދަ ހަޑިމުޑުދާރު ކަމެއްތޯ ޓްރަމްޕް ސުވާލު ކުރެއްވި ކަމުގައި ވެސް މަޞްދަރުތަކުން ބުންޏެވެ.

މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނީ، ޓްރަމްޕް ކޯފާއިސްކުރައްވާފައި ވަނީ، ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކުގައި ޝަހީދުކުރަމުންދާ ލުބްނާންގެ ޢާންމުންގެ އަދަދުތައް އިންތިހާއަށް އިތުރުވުމާއި، އީރާނާއެކު ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލެއްވުމަށް ޓްރަމްޕް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ޔަހޫދީންގެ ޖަރީމާތަކުގެ ސަބަބުން ހުރަސްއެޅެމުންދާތީ ކަމުގައެވެ. ނަތަންޔާހޫގެ ފޯނުކޯލަށް ފަހު ޓްރަމްޕް ވަނީ މީސްމީޑިއާގައި ޕޯސްޓެއް ޝާއިޢުކުރައްވައި، ތެހްރާނާއި ވޮޝިންގޓަނާ ދެމެދު ކުރަމުންދާ ސުލްޙައިގެ މަޝްވަރާތައް ހަލުވި ދުވެލީގައި ކުރިއަށްދާ ކަމުގައި ވިދާޅުވެފައެވެ. ޓްރަމްޕްގެ ހަރުކަށި ފޯނުކޯލަށް ފަހު ޔަހޫދީން ވަނީ ބައިރޫތަށް ޢުދުވާނީ ޙަމަލާތަކެއް ދިނުމުގެ ވިސްނުން ދޫކޮށްލާފައިވާ ކަން ކަށަވަރުކޮށްދީފައެވެ.