ޚަބަރު

ކާބޯތަކެތި އުފައްދައި ވިއްކާ އަމިއްލަ ފަރާތްތައް ދަފްތަރުކުރުން "ވަން ގަވް" ޕޯޓަލްއަށް


  • ދިރިތި ޕޯޓަލުން މި ހިދުމަތް ދިނުން މާދަމާ 14:00 އާހަމައިން މެދުކަނޑާލާނެ

  • މި ހިދުމަތައް ވަންގަވް މެދުވެރިކޮށް އެދެވޭނީ މިމަހު 7 އަކުން ފެށިގެން

ކާބޯތަކެތި އުފައްދައި ވިއްކުމުގެ މަސައްކަތްކުރާ އަމިއްލަ ފަރާތްތައް ދަފްތަރުކުރުން އާދީއްތަ ދުވަހުން ފެށިގެން ކުރިއަށްގެންދާނީ "ވަން ގަވް" ޕޯޓަލް މެދުވެރިކޮށް ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭއިން ވިދާޅުވެއްޖެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭއިން ނެރުއްވި އިއުލާނެއްގައި ވިދާޅުވީ، "ދިރިތި" ޕޯޓަލް މެދުވެރިކޮށް ފޯރުކޮށްދެމުންދާ "އަމިއްލަ ދިރިއުޅުމަށް ކާބޯތަކެތި އުފައްދައި ވިއްކުމުގެ މަސައްކަތްކުރާ ފަރާތްތައް ދަފްތަރުކުރުމުގެ" ޚިދުމަތް، މިމަހުގެ 7ވަނަ ދުވަހުން ފެށިގެން "ވަން ގަވް" ޕޯޓަލްއަށް ބަދަލުކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

އެހެންކަމުން މާދަމާ 14:00އިން ފެށިގެން ދިރިތި ޕޯޓަލްއިން ކާބޯތަކެތި އުފައްދައި ވިއްކުމުގެ މަސައްކަތްކުރާ އަމިއްލަ ފަރާތްތައް ދަފްތަރުކުރުމުގެ ޚިދުމަތް މެދުކަނޑާލާނެކަމަށާއި ދެން އެ ޚިދުމަތަށް އެދި ހުށައެޅޭނީ އާދީއްތަ ދުވަހުން ފެށިގެން ވަން ގަވް ޕޯޓަލްއިންކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ދިރިތި ޕޯޓަލްގައި ދަފްތަރުކޮށްފައިވާ ފަރާތްތައް ވަން ގަވް ޕޯޓަލްއަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް އެމްއެފްޑީއޭއިން ވިދާޅުވިއެވެ.

ކާބޯތަކެތި އުފައްދައި ވިއްކުމުގެ މަސައްކަތްކުރާ އަމިއްލަ ފަރާތްތައް ދަފްތަރުކުރުމާ ގުޅޭ ގޮތުން މިގެންނަ ބަދަލާ ގުޅޭގޮތުން މި އިތުރު މަޢުލޫމާތު ހޯއްދެވުމަށް އެ އޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7603204 އާއި 3034221އަށް ގުޅުއްވޭނެކަމަށް ވިދާޅުވިއެވެ.

ރާއްޖެއަށް އެތެރެކުރާ ކާބޯތަކެއްޗާއި ބޭސް ރަޖިސްޓްރީކުރުމާއި ހުއްދަ ދިނުމުގެ އިތުރުން، ބޯޑަރ ހެލްތު ކްލިއަރެންސް ދޫކުރުން ފަދަ ޚިދުމަތްތައް މިހާރުވެސް ފޯރުކޮށްދެމުންދަނީ ވަންގަވް ޕޯޓަލް މެދުވެރިކޮށެވެ.

އަދި ކެފޭ ރެސްޓޯރެންޓްތަކާއި ހޮޓާ އަދި ފުޅާދާއިރާއެއްގައި ކާބޯތަކެތީގެ ވިޔަފާރި ކުރައްވަ ފަރާތްތަކަށް 2024 ވަނައަހަރު އެމް.އެފް.ޑީ.އޭއިން ވަނީ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި ފަރާތްތައް ރަޖިސްޓަރކޮށް، ލައިސަންސް ދޫކުރުމުގައި ޢަމަލުކުރާނެ އިންތިޤާލީ އުޞޫލު ބަޔާންކުރާ ޤަވާއިދެއް އެކުލަވާލާ އާންމުކޮށްފައެވެ.

މި ގަވައިދުގައިވާ ގޮތުގައި މީހުން ދިރިއުޅޭ ތަންތަނުގައި ކާބޯތަކެތި ފޯރުކޮށްދިނުމަށް ހަދާ ތަންތަނާއި ކާބޯތަކެތީގެ ޚިދުމަތް ފޯރުކޮށްދިނުމަށް ވަގުތީ ގޮތުން ޤާއިމުކުރާ މާރުކޭޓުތަކާއި ގާޑިޔާތައްފަދަ ތަކެތި ރަޖިސްޓަރކުރުން ލާޒިމް ނުވާނެކަމަށްވެއެވެ. ނަމަވެސް މިތަންތަނުންވެސް ކާބޯތަކެތި އުފައްދައި ވިއްކުމުގެ މަސައްކަތް ކުރަންވާނީ، ކާބޯތަކެތި އުފެއްދުމާ ގުޅޭގޮތުން އޮތޯރިޓީން ކަނޑައަޅާ މިންގަނޑާ އެއްގޮތަށްކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.