ޚަބަރު

ކެންސަރު ބައްޔަށް ޓެސްޓު ކުރުމާއި ފަރުވާދިނުން އައިޖީއެމްއެޗްގައި


މިއަހަރު ނިމުމުގެ ކުރިން ކެންސަރު ބައްޔަށް ޓެސްޓު ކުރުމާއި ފަރުވާ ދިނުމުގެ ޑިޕާޓްމަންޓެއް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ޤާއިމުކުރައްވާނެ ކަމަށް ރައީސުލްޖުމްޙޫރިއްޔާ ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ފުވައްމުލަކު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގެ ތެރެއިން ރާއްޖޭގެ ސިއްޚީ ދާއިރާއަށް ވޭތުވެދިޔަ 3 އަހަރެއްހާ ދުވަހުގެ ތެރޭގައި ގެންނެވި ކުރިއެރުންތަކުގެ މައްޗަށް އަލިއަޅުއްވައި ވާހަކަފުޅު ދައްކަވަމުން، ރައީސް އަބްދު ﷲ ޔާމީން ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިތުގެ ބަލިތަކަށްވެސް ފަރުވާ ހޯދާ އެތައް ބަޔަކު އެބަތިބި ކަމަށާއި، މީގެ ކުރިން ކަންކަން އިންތިޒާމު ކުރެވިފައި ވަނީ ނިކަމެތި ރައްޔިތުންނަށް އެންމެ އެކަށީގެންވާ ގޮތުގައި ސިއްޚީ ފަރުވާ ލިބޭނެފަދަ ގޮތަކަށް ނޫން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، މާލޭގައި ތިބިގެން ހިތުގެ ބަލި ހުންނަ ފަރާތްތަކަށް އެބަލި ދެނެގަތުމާއި، ބައެއް ކަހަލަ ސަރޖަރީތައް ކުރެވި ކޮންމެވެސް ވަރެއްގެ ޝިފާއެއް ލިއްބައިދިނުމުގެ އިންތިޒާމު ކަމުގެ ޚާއްސަ ޑޮކްޓަރުން މެދުވެރިކޮށް ސަރުކާރުގެ މައި ހޮސްޕިޓަލުން މިހާރު ލިބެމުންދާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ ސަރުކާރުން މާލެއާއި އަތޮޅުތަކުގެ ރައްޔިތުންނަށް އެއްވެސް ތަފާތު ކުރެއްވުމެއް ނުބާއްވަވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.  

ރައީސް ޔާމީންގެ ވާހަކަފުޅުގައި ދިވެހިންގެ ތެރެއިން ފެންނަ ގައިންގަޔަށް ނާރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ ކެންސަރު ބަލި ދެނެގަތުމަށާއި، އެބައްޔަށްވެސް ކޮންމެވެސް ފަރުވާދެވޭނެ ނިޒާމެއް ދާދި އަވަހަށް ފައްޓަވާނެކަމުގެ އުފާވެރި ޚަބަރުވަނީ ދެއްވާފައެވެ.