ސިޔާސީ

ތަރައްޤީގެ މަޝްރޫޢުތަކަށް ފުވައްމުލަކު ރައްޔިތުން ވަނީ ލޯހުޅުވިފަ


އަދުގެ ސަރުކާރުން ކުރިއަށްގެންދަވާ ތަރައްޤީގެ މަޝްރޫޢުތަކަށް ފުވައްމުލައް ސިޓީގެ ރައްޔިތުން ލޯ ހުޅުވިފައިވާ ކަމަށާއި، ފުވައްމުލައް ސިޓީން 2018 ގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ރަން ވަނައެއް ދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދު ﷲ މަޞީޙް މުޙައްމަދު ވިދާޅުވެއްޖެއެވެ.

ފުވައްމުލައް ސިޓީގެ ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާޙް ކުރެއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަޞީޙް މުޙައްމަދު ވިދާޅުވީ، ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީ ރާއްޖޭގެ ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަން ވަޢުދުވެވަޑައިގެން ކަމަށާއި އެކަމުގެ ޢަމަލީ މަސައްކަތް ރާއްޖޭގެ އެކި ކަންކޮޅުތަކުން ފެންނަމުންދާ ކަމަށެވެ. ކޮންމެ ޤައުމަކަށްވެސް ތަރައްޤީ އަންނަކަން އެންމެ ބޮޑަށް ފާހަގަވާނީ އުމްރާނީ އޮތުން އެތަނަކަށް އަންނަ ކުރިއެރުމުގެ މައްޗަށްކަން ފާހަގަ ކުރައްވަމުން މަޞީޙް ވިދާޅުވީ، ކޮންމެ ދިވެއްސަކުވެސް ސިކުނޑިތަށް ހުޅުވާލައްވައިގެން ސަރުކާރުން ދައްކަވާ ވާހަކަތައް ރަނގަޅަށް ވިސްނަވަން ޖެހޭކަމަށެވެ. އެހެނީ ކުރީގެ ސަރުކާރުތަކާއި އަޅާބަލާއިރު، އަދުގެ ސަރުކާރުން ކުރައްވާ އުމްރާނީ ގިނަ މަސަކަތްތައް ބައްލަވައި ދިރާސާކޮށްފިނަމަ ރައީސް ޔާމީންގެ މަސަކަތްތައް ފެންނަން ހުރުމާއެކު، ފުވައްމުލައް ސިޓީން އެކަނިވެސް 2018 ގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ ތަރައްޤީގެ މަސަކަތްޕުޅަށް އޮތް ތާއީދު ފެނިގެންދާނެ ކަމުގައި މަސީޙް ވިދާޅުވިއެވެ.

މަސީހުގެ ވާހަކަފުޅުގައި ފުވައްމުލައް ސިޓީގެ ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތަށް އަލިއަޅުއްވާލައްވައި އެމަޝްރޫޢު 2018 ގެ މޭ މަހުގެ ނިޔަލަށް ނިމިގެންދާއިރު، 300 މިލިޔަނަށްވުރެ ގިނަ ރުފިޔާ އެ ދެ ނިޒާމު ފައްކާކުރުމަށް ޚަރަދު ވެގެންދާނެ ކަމަށް ވަނީ އަންދާޒާ ކުރައްވާފައިވެއެވެ.

މަސީޙްގެ އިތުރުން މިޖަލްސާގައި ފުވައްމުލައް ތަމްސީލުކުރައްވާ މަޖިލީހުގެ އަނެއް ދެ މެންބަރުން ވަނީ ރައީސް ޔާމީން ރާއްޖޭގެ ތަރައްޤީއާ، ދިވެހިންގެ ކުރިއެރުމަށް ކުރައްވާ މަސައްކަތް ފާހަގަކުރައްވާ އެކަމަށްޓަކައިވެސް އިތުރު ދައުރަކަށް އެމަނިކުފާނު ވެރިކަމުގައި ބެހެއްޓެވުމުގެ މުހިއްމުކަމުގެ މައްޗަށް ވާހަކަފުޅު ދައްކަވާފައެވެ.