ޚަބަރު

މިނިސްޓްރީގެ ތާރީހުގައިވެސް އެންމެގިނަ މަޝްރޫއު މިއަހަރު، 800 މަޝްރޫޢު ކުރިއަށް


  • 130 މަޝްރޫޢު ކުޅިވަރު ވުޒާރާއިން ފަށައި، ނިންމާފައިވޭ

  • އެކި ކުޅިވަރުތަކަށް ހާއްސަ ދަނޑު / ކޯޓުތަކުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުން

  • އަމަލީ މަސައްކަތް ނުފެށި ވަނީ 31 އިންސައްތަ މަޝްރޫޢެއްގެ

ކުޅިވަރާ ބެހޭ ވުޒާރާގެ ތާރީޚުގައިވެސް އެންމެ ގިނަ މަޝްރޫޢު ހިންގި އަހަރަކީ މި އަހަރުކަމަށާއި، މި އަހަރު އެކަނިވެސް 800 އަށްވުރެ ގިނަ މަޝްރޫޢު އެ ވުޒާރާއިން ހިންގަމުން އަންނަކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ވަޒީރުންނާ ސީދާ ސުވާލުކުރެވޭ ގޮތަށް އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ އަހާ ފޯރަމުގައި، ވުޒާރާގެ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ.

800 އަށްވުރެ ގިނަ މަޝްރޫޢު މި އަހަރު ތެރޭގައި ކުޅިވަރު ވުޒާރާގެ ބެލުމުގެ ދަށުން ހިނގަމުންދާކަމާއި މިއީ ރެކޯޑު އަދަދެއްކަން ފާހަގަކުރައްވައި ވަޒީރު ރާފިއު ވިދާޅުވީ، މިއިން ގިނަ މަޝްރޫޢުތަކުގެ މަސައްކަތްތައް މިހާރު ދަނީ ނިމެމުން ކަމަށެވެ. އެގޮތުން، މި ސަރުކާރުން ވެރިކަމާ ހަވާލުވިފަހުން 130 އަކަށް މަޝްރޫޢު ކުޅިވަރު ވުޒާރާގެ ބެލުމުގެ ދަށުން ފަށައި، ނިންމާލެވިފައިވާކަން ވަޒީރު ހާމަކުރެއްވިއެވެ.

"ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން، މި އަހަރުވެސް 800 އަށްވުރެ ގިނަ މަޝްރޫޢު އެބަ ކުރިއަށް ގެންދަން. މިއަހަރުގެ ތެރޭގައި. މިއީ މި މިނިސްޓްރީގެ ތާރީޚުގައި ވެސް، އެއް އަހަރެއްގެ ތެރޭގައި ކުރިއަށް ނުގެންދާ އަދަދެއް. އެހެންވީމަ މިހާ ބައިވަރު މަސައްކަތްތައް ފެށިގެން ކުރިއަށް އެބަދޭ. ގިނަ ކަންތައްތައް މިހާރު މިދަނީ ނިމެމުން. ވަރަށް ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތްތައް އަޅުގަނޑުމެންނަށް މިހާރުވެސް ނިންމާލެވިއްޖެ. 130 އަކަށް މަޝްރޫޢު މިއަދާ ހަމައަށް މި ސަރުކާރުން ފަށައި، އެއްކޮށް ނިންމާލައި ޚަލާސްކުރެވިއްޖެ. އެތަންތަން އަޅުގަނޑުމެންގެ ރައްޔިތުންނަށް އެކި ރަށްރަށުގައި ބޭނުންކުރަމުން އެބަދޭ.

ވަޒީރު ރާފިއު ވިދާޅުވީ، މިހާރު ކުރިއަށްދާ މަޝްރޫޢުތަކުގެ ތެރޭގައި ފުޓުބޯޅަ ދަނޑުތަކާއި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކުގެ އިތުރުން އައުޓްޑޯ ޖިމްތަކާއި އެކިއެކި ކުޅިވަރު ކުޅޭނެ ދަނޑުތަކާއި ކޯޓުތަކުގެ މަސައްކަތް ހިމެނޭ ކަމަށެވެ. މި މަޝްރޫޢުތަކުގެ ތެރެއިން އަމަލީ މަސައްކަތް ނުފެށި ވަނީ 31 އިންސައްތަ މަޝްރޫޢުތަކުގައިކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ކުޅިވަރާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން ހިންގާ މަޝްރޫޢުތައް ކިތަންމެ ގިނަވި ނަމަވެސް، މި ދައުރުގެ ތެރޭގައި އެ މަސައްކަތްތައް އެއްކޮށް ނިންމާލެވޭނެކަމަށް ގަބޫލުކުރައްވާކަމަށް ވެސް ވަޒީރު ރާފިއު ވިދާޅުވިއެވެ.

މި ސަރުކާރުގެ ކުޅިވަރު ސިޔާސަތުގެ ދަށުން ކުޑަ ރަށެއް، ބޮޑު ރަށެއް ތަފާތު ކުރުމެއް ނެތި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންތަރުތައް އެޅުމުގެ މަސައްކަތް ކުރަމުން އަންނައިރު، އަޅާނުލެވި އޮތް ގިނަ ކުޅިވަރުތަކަކަށް ބޭނުންވާ ވަސީލަތްތައް ގާއިމްކޮށްދިނުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

އެގޮތުން ރޭސިން ޓްރެކާއި، ޝޫޓިންނަށް ޙާއްސަ އެރީނާއެއްގެ އިތުރުން، އޮލިމްޕިކް ފެންވަރުގެ ސްވިމިންގް ޕޫލަކާއި އަދިވެސް އެކިއެކި ކުޅިވަރުތަކަށް ހާއްސަ އެކި ފެސިލިޓީތައް ޤާއިމްކުރުމަށް، އެކި ފަރާތްތަކާ ގުޅިގެން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.