އަންނަ ބުރާސްފަތި ދުވަހުގެ ރޭ ފަށާ ވޯލްޑް ކަޕުގައި ބްރެޒިލް ފެވަރިޓަކަށް ނުވުމަކީ ހަމަބިމުގައި ތިބެން ލިބޭ ފުރުސަތެއް ކަމަށް މިޑްފީލްޑަރު ކަސެމީރޯ ބުނެފި އެވެ.
މުބާރާތަށް އެމެރިކާ އަށް ދަތުރު ފަށަމުން ކަސެމީރޯ ބުނީ އެހެން ފަހަރުތަކާ ހިލާފަށް ބްރެޒިލް ފެވަރިޓަކަށް ނުވުމަކީ ވަރަށް ގިނަ ގޮތްގޮތުން ޓީމަށް ހަމަޖެހުން ލިބޭނެ ކަމަށް ކަމަށެވެ.
"އަހަރުމެންނަކީ ފެވަރިޓުންނެއް ނޫން. އެހެންވީމާ މިއީ އަހަރުމެންނަށް ހަމަބިމުގައި ތިބެން ލިބޭ ފުރުސަތެއް. މީގެ ސަބަބުން އަހަރެން ބުނާނީ އަހަރުމެންނަށް މާބޮޑަށް ރަނގަޅުވާނެއޭ،" ކަސެމީރޯ ބުންޏެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ ތަޖުރިބާކާރު ކުޅުންތެރިޔާ ބުނީ ބްރެޒިލް ޓީމުގައި ހުނަރު އެބަހުރި ކަމަށެވެ.
"އަހަރުމެން ޓީމުގައި ވަރަށް ތަޖުރިބާކާރު ކުޅުންތެރިން ވެސް އެބަތިބި. އަދި ވަރަށް ޒުވާން ކުޅުންތެރިން އެބަތިބި. އަދި ތަޖުރިބާ ލިބެމުންދާ މޮޅަށް ކުޅޭ އެންމެ ހިތްވަރު ކުރާ އުމުރުގެ ކުޅުންތެރިން ވެސް އެބަތިބި. އެހެންވީމާ ޓީމު މިއޮތީ ވަރަށް މިކްސްކޮށް. މީގެ ސަބަބުން އަހަރުމެންނަށް ފައިދާތަކެއް ލިބޭނެ،" ކަސެމީރޯ ބުންޏެވެ.
އޭނާ ބުނީ އެހެން ފަހަރުތަކާ ހިލާފަށް ބްރެޒިލް ޓީމަށް ކޯޗު ކާލޯ އަންޗެލޯޓީ ހަވާލުވުމަށްފަހު ވަރަށް ރަނގަޅު ބަދަލުތަކެއް އަތުވެއްޖެ ކަމަށެވެ. އަދި އޭނާ ވެސް ވޯލްޑް ކަޕާ ހިސާބަށް މިއީ އުނދަހޫ ދަތުރަކަށް ފަހު ކަމަށާއި ނަމަވެސް ހުރިހާ ކުޅުންތެރިން ވެސް މިހާރު ތިބީ އެއް އަމާޒަކަށް ވާސިލްވާން ތައްޔާރުވެގެން ކަމަށެވެ.
ވޯލްޑް ކަޕުގައި ބްރެޒިލް ހިމެނެނީ މޮރޮކޯ އާއި ސްކޮޓްލޭންޑާއި ހައިޓީއާއެކު ގްރޫޕް ސީގަ އެވެ.