ކުޅިވަރު

މިފަހަރުގެ ވާރލްޑް ކަޕްގައި ރަން ބޫޓު ކާމިޔާބު ކުރާނީ ކޮށް ކުޅުންތެރިއެއްބާ؟


  • ރަން ބޫޓު ދެ ފަހަރަށް އެއްވެސް ކުޅުންތެރިޔަކަށް މިހާތަނަށް ކާމިޔާބު ކުރެވިފައެއް ނުވޭ

އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވާރލްޑް ކަޕް ފެށެން ހަފްތާއެއްހާ ދުވަހަށް ވެފައިވާއިރު ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކުން ހިތާހިތާ ކޮށްލާނެ އެންމެ ބޮޑު އެއްސުވާލަކީ މިފަހަރުގެ މުބާރާތުގައި އެންމެ ގިނަ ލަނޑު ޖަހާ މުބާރާތުގެ ރަން ބޫޓު ހާސިލް ކުރާނީ ކޮށް ކުޅުންތެރިއެއްބާ؟ މިސުވާލެވެ.

ފީފާ ވާރލްޑް ކަޕްގައި ވާދަކުރާ 48 ޓީމުގެ ރަސްމީ ސްކޮޑް މިހާރުވަނީ ފީފާއަށް ހުށަހެޅި 1248 ކުޅުންތެރިއެއްގެ ނަން ރަޖިސްޓްރީ ކުރެވިފައެވެ. ނަމަވެސް މިހުރިހާ ކުޅުންތެރިންގެ ތެރެއިން މީގެކުރިން ފީފާ ވާރލްޑް ކަޕެއްގައި ރަންބޫޓު ހާސިލް ކުރެވިފައިވަނީ އެންމެ ދެ ކުޅުންތެރިންނަށެވެ. އެއީ އެންމެ ފަހުން ޤަތަރުގައި 2022 ވަނަ އަހަރު ބޭއްވި މުބާރާތުގައި 8 ލަނޑު ޖަހައިގެން ރަން ބޫޓު ހާސިލްކުރި ފަރަންސޭސިވިލާތުގެ ކެޕްޓަން ކިލިއަން އެމްބާޕޭ އާއި 2018 ވަނަ އަހަރު ރަޝިޔާގައި ބޭއްވި މުބާރާތުގައި 6 ލަނޑު ޖަހައިގެން ރަން ބޫޓު ހާސިލްކުރި އިންގްލަންޑްގެ ކެޕްޓަން ހެރީ ކޭންއެވެ.

ފީފާ ވާރލްޑް ކަޕްގެ ތާރީހްގައި މިހާތަނަށް މިމުބާރާތުގެ ރަން ބޫޓު އެއްވެސް ކުޅުންތެރިޔަކަށް ދެ ފަހަރު ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ނަމަވެސް މިފަހަރުގެ މުބާރާތުގައި މިދެ ކުޅުންތެރިންނަށް މިފުރުސަތު އޮތް ކަމަށް ގަބޫލްކުރާ ގިނަ ފަރާތްތަކެއް އެބަތިއްބެވެ. ސަބަބު ތަކެއް ނެތިއެއްވެސް ނޫނެވެ.

ވާރލްޑް ކަޕް ކޮލިފައިންގގައި 4 ލަނޑު ކާމިޔާބު ކޮށްފައިވާ އެމްބާޕޭ އެޓީމެއް ތަމްސީލް ކުރާ ފަރަންސޭސިވިލާތަކީ މިފަހަރުގެ މުބާރާތުގައި ވާދަކުރާ ޓީމުތަކަށް ބަލާއިރު ވަރުގަދަ ސްކޮޑެއް އެކުލެވޭ ޓީމަކަށް ވުމާއެކު ވޭތިވެދިޔަ ދެ މުބާރާތެކޭ އެއްގޮތަށް މިފަހަރުގެ މުބާރާތުގައިވެސް ފަހު މަރުހަލާތަކާއި ހަމައަށް ދަތުރުކުރާނެކަމަށް ބެލެވިފައިވާ ޓީމަކަށް ވުމެވެ.

ހެރީ ކޭން އަށް ބަލާލާއިރު އޭނާވަނީ ނިމިދިޔަ ފުޓްބޯޅަ ސީޒަންގައި މޮޅު ކުޅުމެއް ދައްކާ އޭނާ މިހާރު ކުޅެމުންދާ ޖަރުމަނު ބުންޑެސްލީގާގެ ޗެމްޕިއަން ބަޔޭން މިޔުނިކަށް 54 ލަނޑު ކާމިޔާބު ކޮށްފައެވެ. އެހެން ކަމުން މިފަހަރުގެ މުބާރާތުގައި އިންގްލަންޑް ފަހުގެ މަރުހަލާތަކުން ޖާގަހޯދޭނަމަ ކޭންއަށް މިފުރުސަތު ނުލިބޭންވީ ސަބަބެއް ނެތެވެ.

ރަން ބޫޓުގެ ލިސްޓަށް ބަލާލާއިރު އެންމެ ގިނަ ބަޔެއްގެ ދުލަށް އަންނާނެ އެއް ނަމަކަށް ވެގެންދާނީ ސްޕެއިންގެ ޒުވާން ކުޅުންތެރިޔާ ޔެމީން ޔަމާލްގެ ނަމެވެ. 2010 ވަނަ އަހަރުގެ މުބާރާތް ކާމިޔާބު ކުރިފަހުން މިހާތަކަށް ވާރލްޑް ކަޕްގެ ފަހު 16 ޓީމުގެ ބުރު ފަހަނަ އަޅާ ސްޕެއިންއަށް ކުރިއަށް ދެވިފައިނުވި ނަމަވެސް މިފަހަރުގެ މުބާރާތުގައި އެކަން ބަދަލުވޭނެކަމަށް އެޓީމުން ގަބޫލްކުރެއެވެ. އަދި މިކަން ހާސިލް ކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާނެކަމަށް ބެލެވިފައިވަނީ މިމުބާރާތްތެރޭގައި 19 އަހަރު ފުރިގެންދާނެ ޔަމާލްއެވެ.

މިއާއެކު ދެން ފާހަގަ ވެގެންދާ ދެ ކުޅުންތެރިންނަކީ މިމުބާރާތުގައި ވާދަކުރާ އެންމެ ތަޖްރިބާކާރު އަދި ފުޓްބޯޅައިގެ ދުނިޔޭގައި ގިނަ އަހަރު ތަކެއްވަންދެން ރަސްކަން ކުރަމުން ގޮސްފައިވާ ދެކުޅުންތެރިންކަމަށްވާ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އާއި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އުމުރުން 38 އަހަރުގެ މެސީ ވަނީ އެންމެ ފަހު މުބާރާތުގައި ރަން ބޫޓު ހާސިލް ކުރުމާއި ވަރަށް ގާތަށް ގޮސްފައެވެ.

އެމުބާރާތުގައި މެސީއަށް ރަން ބޫޓު ނުލިބުނީ އެންމެ ލަނޑެއްގެ ތަފާތުންނެވެ. އަދި މިއީ މެސީއަށް ވާރލްޑް ކަޕްގެ ރަން ބޫޓު ހާސިލް ކުރުމަށް ލިބިގެންދާނެ އެންމެ ފަހު ފުރުސަތަށް ވެގެންދާނެއެވެ. ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރިކޯޑް އޮންނަ އަދި ތަފާތު ހަތަރު ކްލަބަކަށް 100 އަށް ވުރެ ގިނަ ލަނޑު ޖަހާދީފައިވާ ހަމައެކަނި ކުޅުންތެރިޔާ ކަމަށްވާ ރޮނާލްޑޯއަށްވެސް މިއީ ރަން ބޫޓަށް ވާދަކުރުމަށް ލިބިގެންދާނެ ފަހު ފުރުސަތެއް ވެގެންދާނެއެވެ.

އުމުރުން 41 އަހަރުގެ ރޮނާލްޑޯއަށް މިފަހަރު މިކަން ކުރުމުގައި އެންމެ ބޮޑު ހިތްވަރެއް ލިބިގެންދާނީ މިފަހަރުގެ މުބާރާތުގައި ވާދަކުރާ ޕޯޗުގަލް ޓީމަކީ ފަހަކަށް އައިސް ވާރލްޑް ކަޕްގައި ވާދަކުރާ އެންމެ ވާދަވެރި އަދި ހުނަރުން ފުރިފައިވާ އެއް ޓީމަށް ވުމެވެ.

ރަން ބޫޓަށް ވާދަކުރާނެކަމަށް ބެލެވޭ އެހެން ކުޅުންތެރިންގެ ތެެރޭގައި ވާރލްޑް ކަޕް ކޮލިފައިވާ ނޯވޭއަށް 16 ލަނޑު ކާމިޔާބު ކޮށްދީފައިވާ ހުނަރުވެރި ފޯވަޑް އާލިންގ ހާލަންޑް، ނިމިދިޔަ ސީޒަންގައި ސްޕެނިޝް ލަލީގާގެ ރެއާލް މެޑްރިޑަށް 25 ލަނޑު ކާމިޔާބު ކޮށްދިން ވިނީޝިއަސް ޖޫނިއަރ، ޔުއޭފާ ޗެމްޕިއަންސް ލީގު ޖެހިޖެހިގެން ދެވަނަ ފަހަރަށް ފްރެންޗް ލީގު އާންގެ ޕެރިސް ސެއިންޓް ޖާމެއިންއަށް ކާމިޔާބު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި ފަރަންސޭސިވިލާތުގެ އުސްމާން ޑެންބެލޭ އަދި އެންމެ ފަހުން ބޭއްވި ކޮޕާ އެމެރިކާ މުބާރާތުގެ ރަން ބޫޓު ކާމިޔާބު ކުރި އާޖެންޓީނާގެ ފޯވަޑް ލައުޓާރޯ މާޓިނޭޒް އަދި ހަމަ އެޓީމުގެ ހޫލިއަން އަލްވަރޭޒްގެ ނަން ފާހަގަ ވެގެންދެއެވެ.

ފީފާ ވާރލްޑް ކަޕްގެ ތާރީހަށް ބަލާއިރު އެންމެ ގިނައިރު މިމުބާރާތުގެ ރަން ބޫޓު ހާސިލްކޮށްފައިވަނީ ބްރެޒިލްގެ ކުޅުންތެރިންނެވެ. އެއީ ފަސް ކުޅުންތެރިންނާއެކުއެވެ. ނަމަވެސް އެންމެ ފަހުން ބްރެޒިލްގެ ކުޅުންތެރިޔަކަށް ރަން ބޫޓު ހާސިލް ކުރެވިފައިނީ 2002 ވަނަ އަހަރު ބްރެޒިލްގެ ރޮނާލްޑޯއަށެވެ. މިލިސްޓުގެ ދެވަނައިގާ ތިން ރަން ބޫޓާއެކު ޖަރުމަނުވިލާތް އުޅޭއިރު ތިންވަނައިގާ 2 ރަން ބޫޓާއެކު ހަ ޓީމެއް ހިމެނެއެވެ.