ކުޅިވަރު

ވޯލްޑް ކަޕުގެ އެންމެ ދިގު ކުޅުންތެރިއަކީ އޮސްޓްރިއާ ކީޕަރު، ކުރީ ޕެނަމާގެ ޔާނިސް


ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ އެންމެ ދިގު ކުޅުންތެރިޔާ ފެންނާނީ އޮސްޓްރިޔާއިން ކަމަށާއި އެންމެ ކުރު ކުޅުންތރިޔާ ހުރީ ޕެނަމާގައި ކަމަށް ވެއްޖެ އެވެ.

އަންނަ ހުކުރު ވިލޭރޭ އެމެރިކާ އާއި ކެނެޑާ އާއި މެކްސިކޯ ފަށާ މުބާރާތުގެ އެންމެ ދިގު ކުޅުންތެރިޔާ އަކީ އޮސްޓްރިޔާގެ ކީޕަރު ފްލޯރިއަން ވީޖްލް އެވެ. އޭނާގެ އިސްކޮޅަކީ 2.5 މީޓަރު ނުވަތަ ހަ ފޫޓު ނުވަ އިންޗި އެވެ. ހިސާބުތަކުން ދައްކާ ގޮތުން އޭނާ ވަނީ މުބާރާތުގެ ތާރީހުގައި ވެސް އެންމެ ދިގު ކުޅުންތެރިޔާ އަށެވެ. މީގެ ކުރިން ފެނިގެންދިޔަ އެންމެ އެންމެ ދިގު ކުޅުންތެރިއަކީ 2022ގައި ނެދަލޭންޑްސް ބެންޗުގައި އިން ކީޕަރު އަންދްރިއާސް ނޮޕާޓް އެވެ. އޭނާގެ އިސްކޮޅަކީ 2.3 މީޓަރެވެ.

މި ފަހަރުގެ މުބާރާތުގައި ފެނިގެންދާނެ އެންމެ ކުރު ކުޅުންތެރިއަކީ ޕެނމާގެ މިޑްފީލްޑަރު ސެޒާ ޔާނިސް އެވެ. އޭނާގެ އިސްކޮޅަކީ 1.60 މީޓަރު ނުވަތަ ފަސް ފޫޓު ތިން އިންޗި އެވެ. ދެ ވަނަ އަށް އެންމެ ކުރު ކުޅުންތެރިއަކަށްވާނީ ކިއުރަސާއޯގެ ފޯވަޑް ޖެރެމީ އެންޓޮނައިސް އެވެ. އޭނާގެ އިސްކޮޅަކީ 1.64 މީޓަރެވެ.

މުބާރާތުގައި ވާދަކުރާ 48 ގައުމުގެ ޓީމު ލިސްޓު މިހާރު ވަނީ ފައިނަލް ކޮށްފަ އެވެ. މުބާރާތުގައި ކުޅޭނެ ޖުމުލަ ކުޅުންތެރިންގެ އަދަދަކީ 1248 އެވެ. މީގެ ތެރެއިން އެންމެ ހަނގު ކުޅުންތެރިޔާ އަކީ މެކްސިކޯގެ ޖިލްބާޓޯ މޯރާ އެވެ. ވޯލްޑް ކަޕް ފަށާއިރު އޭނާގެ އުމުރަކަށްވާނީ 17 އަހަރާއި 240 ދުވަހެވެ.

މުބާރާތުގައި ފެނިގެންދާނެ އެންމެ މުސްކުޅި ކުޅުންތެރިއަކީ ސްކޮޓްލޭންޑްގެ ކީޕަރު ކްރައިގް ގޯޑަން އެވެ. ވޯލްޑް ކަޕް ފާށައިރު އޭނަ އަށް ވާނީ 43 އަހަރާއި 163 ދުވަހެވެ. މުބާރާތުގެ އެންމެ މުސްކުޅި އަދި 40 އަހަރުން މަތީގެ ހަތް ކުޅުންތެރިންގެ ތެރޭގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ހިމެނެ އެވެ. އޭނާގެ އުމުރަކީ 41 އެވެ.