ޚަބަރު

އެންމެ ފަހުން އެމްބޯލޯއަށް ވީސާ ހަމަޖެހިއްޖެހި


ސްވިޒަލޭންޑްގެ ގައުމީ ޓީމުގެ ފޯވަޑް ބްރީލް އެމްބޯލޯ އަށް އެމެރިކާއަށް ދަތުރު ކުރުމުގެ ވިސާ އެންމެފަހުން ދީފި އެވެ.

ސްވިޒަލޭންޑްގެ ގައުމީ ޓީމު ފީފާ ވޯލްޑްކަޕްގައި ވާދަކުރުމަށް އެމެރިކާއަށް ދިޔައިރު އެމްބޯލޯއަށް ވިސަ ދީފައިނުވަނީ އޭނާ ހިމެނޭ ގޮތަށް ކޯޓުގައި ހިނގަމުންދާ މައްސަލައަކާއި ގުޅިގެންނެވެ.

އުމުރުން 29 އަހަރުގެ ސްވިޒަލޭންޑް ފޯވަޑް ގައުމީ ޓީމާއި އެއްކޮށް ދަތުރު ނުކުރެވުނީ އެމެރިކާއަށް އެތެރެ ވުމުގެ ކުރިން ފުރަން ޖެހޭ އިލެކްޓްރޯނިކް ސިސްޓަމް ފޯ ޓްރެވަލް އޮތޮރައިޒޭޝަން – އެސްޓާއިން އެޕްރޫވް ނުވެ އިތުރަށް ރިވިއު ކުރަން ޖެހުމާއި ގުޅިގެންނެވެ.

2018 ވަނަ އަހަރު ސްވިޒަލޭންޑްގެ ބަސެލްގައި ހިނގާދިޔަ ކަމަކާއި ގުޅިގެން ކޯޓުގައި ކުރިއަށްދާ މި މައްސަލައިގައި އެމްބޯލޯއަށް ޓީމާއި އެއްކޮށް ދަތުރު ނުކުރެވުނު ނަމަވެސް އޭނާއަށް އެ ހުއްދަ ލިބުމާއިއެކު މިއަދުގެ ވަގުތެއްގައި އެމްބޯލޯ ޓީމާއި ގުޅޭނެ އެވެ.

ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 85 މެޗުގައި ޖުމްލަ 23 ލަނޑު ޖަހާފައިވާ އެމްބޯލޯ ވަނީ ސްވިޒަލޭންޑްގެ ބާރންގައި ހުންނަ އެމެރިކާގެ އެމްބަސީއަށް މިދިޔަ ބުދަ ދުވަހުވެސް ގޮސްފަ އެވެ.

އެމެރިކާ އާއި މެކްސިކޯގެ އިތުރުން ކެނެޑާގައި ކުރިއަށްދާ ވޯލްޑްކަޕްގައި ސްވިޒަލޭންޑް އިން ބޭސްވުމަށް ހަމަޖެހިފައިވަނީ އެމެރިކާގެ ސެން ޑިއޭގޯގަ އެވެ.

ސްވިޒަލޭންޑް ހިމެނޭ ގްރޫޕް ބީ ގައި ދެން ހިމެނެނީ ބޮސްނިއާ ހާޒްގޮވީނާ އާއި ކެނެޑާގެ އިތުރުން ގަތަރު އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ސްވިޒަލޭންޑް ގަތަރާއި ދެކޮޅަށް ނިކުންނާނީ ޖޫން މަހުގެ 13 ވަނަ ދުވަހު އެވެ.