ޚަބަރު

އަފްޣާން ބަލިކޮށް، ޕާކިސްތާނު ފައިނަލަށް


  • ޕާކިސްތާނު މެޗު ކާމިޔާބުކުރޫ 0-2 ގެ ނަތީޖާއިން

  • އަފްޣާނިސްތާން ފައިނަލަށް ދާނީ މިރޭ ބަންގްލަދޭޝް މޮޅުވެއްޖެނަމަ

ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ، ޕާކިސްތާނުން ހޯދައިފިއެވެ. ޕާކިސްތާނުން ފައިނަލްގެ ޖާގައެއް ހޯދާފައިވަނީ ގްރޫޕް ސްޓޭޖުގައި އެޓީމުން ކުޅުނު ފަހު މެޗުގައި އަފްޣާނާ ބައްދަލުކޮށް 0-2 ގެ ނަތީޖާއިން މެޗު ކާމިޔާބުކޮށްގެންނެވެ.

ފުރަތަމަ ހާފު ފަށައިގެން ބޮޑަށް ނުރައްކާ ކޮށްފައިވަނީ އަފްޣާން ޓީމުން ނަމަވެސް މެޗުގެ 5 ވަނަ މިނެޓުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނަގާފައިވަނީ ޕާކިސްތާނުންނެވެ. މިއީ، އަފްޣާނުގެ ހަމަލާއެއް މަތަކުރުމަށްފަހު ޕާކިސްތާނުގެ ކީޕަރު އެއްލި ބޯޅައަކުން އުފެއްދި ކައުންޓަރ އެޓޭކަކުން ޢުމަރު ނަވާޒު ކާމިޔާބުކޮށްދިން ގޯލެކެވެ.

ޕާކިސްތާނުން ގޯލު ޖެހުމަށްފަހުވެސް އަފްޣާނިސްތާނުން ބޯޅަ ހިފަހައްޓައިގެން ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތްކުރި ނަމަވެސް، މެޗު ކުރިއަށްދިޔަ ވަރަކަށް ފެނިގެންދިޔައީ ދެޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެކެވެ. ނަމަވެސް ލިބުނު ފުރުސަތުތަކުގައި ބޮޑަށް ނުރައްކާކޮށްފައި ވަނީ ޕާކިސްތާނުންނެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އަފްޣާނިސްތާނަށް ގޯލެއް ޖަހަން ރަނގަޅު ހިސާބަކުން ހިލޭޖެހުމެއް ލިބުނެވެ. ނަމަވެސް ކެޕްޓަން އޮމިދް ޕޮޕަލްޒޭ ފޮނުވާލި ބޯޅަ އަމާޒުވީ ހުރަސްދަނޑިއަށެވެ.

ދެވަނަ ހާފު ފެށިގޮތަށް އަފްޣާނު ޓީމުން ވަނީ ޕާކިސްތާނު ގޯލަށް ނުރައްކާކުރަން ފަށާފައެވެ. އެގޮތުން، މެޗުގެ 49 ވަނަ މިނެޓުގައި އެޓީމުގެ ޖަރޒީ ނަންބަރު 10، އޮމިދު މުސާވީ ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ، ހުރަސްދަނޑިމަތިން ބޭރަށެވެ.

ދެވަނަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ގޯލަށް ނުރައްކާކޮށްފައި ވަނީ އަފްޣާން ޓީމުން ނަމަވެސް، އެޓީމުގެ ހަމަލާތައް ނާކާމިޔާބުކޮށްލާފައި ވަނީ ޕާކިސްތާނުގެ ހުށިޔާރު ޑިފެންޑަރުންނެވެ. ވަކިން ހާއްސަކޮށް، އެޓީމުގެ ސެންޓަރ ބެކަށް ކުޅުނު ދެކުޅުންތެރިންގެ ކުޅުން ފާހަގަކޮށްލެވެއެވެ.

މެޗުގެ އިތުރު ވަގުތުގައި ޕާކިސްތާނުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައިވަނީ އެޓީމުގެ ޖަރޒީ ނަންބަރު 23، ހާރޫނުއް ރަޝީދު ފަހީމް ހާމިދެވެ. މެޗުގެ އިތުރު ވަގުތުގައި އަފްޣާނިސްތާންގެ ކެޕްޓަން، އޮމިދް ޕޮޕަލްޒޭ އަށް ވަނީ ރަތް ކާޑެއް ދައްކާފައެވެ.

މި ނަތީޖާއާއެކު، ޕާކިސްތާނުން ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފައި ވާއިރު، އަފްޣާނުން ޖެހޭނީ މިރޭ ރާއްޖެއާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗުގެ ނަތީޖާއަށް އިންތިޒާރުކުރާށެވެ. މިރޭ ބަންގްލަދޭޝް މޮޅުވެއްޖެނަމަ، ފައިނަލްގައި ޕާކިސްތާނާ ބައްދަލުކުރާނީ އެޓީމެވެ. ނަމަވެސް، ރާއްޖެ މޮޅުވެއްޖެނަމަ ނުވަތަ މެޗު އެއްވަރުވެއްޖެ ނަމަ ފައިނަލްގައި ބައްދަލުކުރާނީ އަފްޣާނާއި ޕާކިސްތާނެވެ.

ރާއްޖެއާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗު އޮންނާނީ މިރޭ، 2100 ގައެވެ. މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ ބުދަދުވަހުގެ ރެއެވެ.