ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުރިން އަލްޖީރިއާގެ ކޯޗުގެ ކޮންޓްރެކްޓް އާކޮށްފި އެވެ.
ވަލްޑަމީރު ޕެޓްކޮވިޗްގެ ކޮންޓްރެކްޓްގެ ކޮންޓްރެކްޓް އާކުރީ ވޯލްޑް ކަޕާއެކު އޭނާގެ ކޮންޓްރެކްޓް ނިމޭތީ އެވެ. ނަމަވެސް އައު ކޮންޓްރެކްޓާއެކު ކޯޗުކަމުގައި 2028 ވަނަ އަހަރުގެ ނިޔަލަށް އޭނާ ދެމި ހުންނާނެ އެވެ.
އުމުރުން 61 އަހަރުގެ ކޯޗު އަލްޖީރިއާގެ ކޯޗުކަމާ ހަވާލުވީ 2024 ވަނަ އަހަރު އެވެ. އޭނާގެ ކޯޗުކަމުގައި މިހާތަނަށް ކުޅުނު މެޗުތަކުގެ ތެރެއިން 21 މެޗުން މޮޅުވެ، ބަލިވީ ތިން މެޗަކުންނެވެ. އެއްވަރުވީ ހަތަރު މެޗަކުންނެވެ. އަދި އޭނާ ވަނީ 2018 އާއި 2022ގެ ވޯލްޑް ކަޕަށް ކޮލިފައިނުވި ގައުމު މި ފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވެސް ކޮށްދީފަ އެވެ.
މީގެ އިތުރުން 2025 ވަނަ އަހަރުގެ އެފްރިކާ ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލަށް ވެސް އޭނާގެ ކޯޗުކަމުގައި ވަނީ ދަތުރުކޮށްފަ އެވެ. މިއީ އޭގެ ކުރީ ދެ މުބާރާތުގެ ގްރޫޕް ސްޓޭޖުން ކެޓި ގައުމެކެވެ.
އަލްޖީރިއާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބުނީ މިއީ ރަނގަޅު ނަތީޖާތަކެއް ހޯދަމުން ދިއުމާއެކު އެގޮތުގައި ކުރިއަށް ދިއުމުގެ ބޭނުމުގައި ނިންމި ނިންމުމެއް ކަމަށެވެ.
މި ފަހަރުގެ ވޯލްޑް ކަޕުގައި އަލްޖީރިއާ ހިމެނެނީ އާޖެންޓީނާ އާއި އޮސްޓްރިއާ އާއި ޖޯޑަންއާއެކު ގްރޫޕް ޖޭގަ އެވެ.