ޚަބަރު

ރާއްޖެއިން ދަނީ ނަތީޖާ ދައްކަމުން، ބީ.އެމް.އެލްގެ ދައުރު ބޮޑު: ފިޗު


  • ލޯންގް-ޓާމް އިޝުއަރ ޑިފޯލްޓް ރޭޓިންގް އަށް 'ސީސީސީ-' އެއް ދީފައިވޭ

  • ލޯކަލް ކަރަންސީ ލޯންގް-ޓާމް އައިޑީއާރު އަށް 'ސީސީސީ+'އެއް ވަނީ ކަނޑައަޅާފައި

ފިޗް ރޭޓިންގްސްއިން ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އަށް ދީފައިވާ ކްރެޑިޓް ރޭޓިންގްއާއެކު، ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ވަރުގަދަކަމާއި ރާއްޖޭގެ އިގުތިސާދީ ކުރިއެރުމާ މެދު އުއްމީދީ މެސެޖެއް ލިބިފައިވާކަމަށް ބީއެމްއެލް އިން ވިދާޅުވެއްޖެއެވެ.

ފިޗުން ބީއެމްއެލްގެ 'ލޯންގް-ޓާމް އިޝުއަރ ޑިފޯލްޓް ރޭޓިންގް' (އައިޑީއާރު) އަށް 'ސީސީސީ-' އެއް ދީފައިވާއިރު، ބޭންކުގެ ކުރިމަގު އޮތީ 'ސްޓޭބަލް' ހާލަތެއްގައިކަމަށް ވަނީ ބަޔާންކޮށްފައެވެ. މީގެ އިތުރުން، ބޭންކުގެ އަމިއްލަ މާލީ ހާލަތު ވަރުގަދަކަން ފާހަގަކޮށް، ރާއްޖޭގެ ސޮވްރިން ރޭޓިންގްއަށްވުރެ ދެ ދަރަޖަ މަތިން 'ލޯކަލް ކަރަންސީ ލޯންގް-ޓާމް އައިޑީއާރު' އަށް 'ސީސީސީ+'އެއް ވަނީ ކަނޑައަޅާފައެވެ.

މި ރޭޓިންގް ދީފައިވަނީ 3 ޖޫން 2026 ގައި ރާއްޖޭގެ ސޮވްރިން ރޭޓިންގް 'ސީސީ' އިން 'ސީސީސީ-' އަށް މަތިކުރުމާ ގުޅިގެންނެވެ. ދައުލަތުގެ ރޭޓިންގް ރަނގަޅުވެފައިވަނީ، އާމްދަނީ އިތުރުކުރުމަށް ގެނެވުނު އިސްލާހުތަކާއި ބޭރު ފައިސާގެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު، އޭޕްރީލް 2026 ގައި 500 މިލިއަން ޑޮލަރުގެ ސުކޫކު ކާމިޔާބުކަމާއެކު އަނބުރާ ދެއްކުމާ ގުޅިގެންނެވެ.

ބީއެމްއެލްއަށް ލިބުނު މި ރޭޓިންއަކީ ރާއްޖޭގެ މާލީ ނިޒާމުގައި އެ ބޭންކުން އަދާކުރާ މުހިންމު ދައުރަށް ބައިނަލްއަގުވާމީ ފެންވަރުގައި ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް ބީއެމްއެލުން ވިދާޅުވެއެވެ. ބީއެމްއެލްގެ މާކެޓް ހިއްސާ ބޮޑުވުމާއި، މުޅި ރާއްޖެއަށް ފެތުރިފައިވާ ޚިދުމަތްތަކާއި، ޒަމާނީ ޑިޖިޓަލް ބޭންކިންގް ނިޒާމުގެ އިތުރުން، ރަނގަޅު އާމްދަނީއެއް ލިބޭ ބޭންކެއްގެ ގޮތުގައި ފިޗުން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން، ބޭންކުގެ ރިސްކް މެނޭޖްމަންޓްގެ ހަރުދަނާކަމާއި، ޑިވިޑެންޑް ދިނުމުގައި ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން ބޭންކުގެ ރައުސުލްމާލު ވަރުގަދަކޮށް ހުރިކަން ފިޗްގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މީގެ ސަބަބުން ކަސްޓަމަރުންނާއި ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ބޭންކަށް ވަނީ ބޮޑު އެހީތެރިކަމެއް ލިބިފައިކަމަށެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގް ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވި ގޮތުގައި، މި ރޭޓިންގްއިން ރަމްޒުކޮށްދެނީ ބޭންކުގެ މާލީ ހަރުދަނާކަމާއި، ކުދި ޖަޒީރާ ޤައުމެއްގެ އިގުތިޞާދަށް ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ގާބިލުކަން ހުރި މިންވަރުކަމަށެވެ.

މި ރޭޓިންގްއިން މާލީ ނިޒާމުގައި ބީއެމްއެލްގެ މުހިންމުކަންވެސް ހާމަވެގެންދެއެވެ. ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ހައިސިއްޔަތުން، ފައިސާގެ މުއާމަލާތްތައް ހިންގުމާއި، ވިޔަފާރިތަކަށް އެހީތެރިވުމާއި، ބޭރު ފައިސާގެ ދައުރުވުން މެނޭޖުކުރުމުގައި ބީއެމްއެލް އަދާކުރަނީ މަރުކަޒީ ދައުރެކެވެ.

މާލީ ދާއިރާގައި ގޮންޖެހުންތަކެއް ހުރިކަން ފިޗުން ފާހަގަކުރި ނަމަވެސް، އެ އިދާރާގެ ވަޒަންކުރުންތަކުން ކަށަވަރުވަނީ ރާއްޖޭގެ އިގުތިސާދުގެ އެންމެ މުހިންމު ތަނބެއްގެ ގޮތުގައި ބީއެމްއެލް ސާބިތުކަމާއެކު އޮތް ކަމެވެ.