ޚަބަރު

ހަނގުރާމައިގެ ސަބަބުން ޖަރުމަނުވިލާތުގެ އިޤްތިޞާދަށް މަޑުޖެހުން


މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން މުދަލާއި ޚިދުމަތުގެ އަގުތަކަށް ބޮޑެތި ލޮޅުންތައް އައިސްފައިވާތީ ޖަރުމަނުވިލާތުގެ އިޤްތިޞާދު މަޑުޖެހުން ވަރަށް ގާތް ކަމަށް ޑީއައިޑަބްލިޔު ބަރލިންއިން ބުނެފިއެވެ.

ޑީއައިޑަބްލިޔު ބަރލިންއިން ވަނީ ވިލާތުގެ އެންމެ ބޮޑު އިޤްތިޞާދު ކަމަށްވާ ޖަރުމަނުވިލާތުގެ އިޤްތިޞާދަށް މި އަހަރު ކުރިއެރުން ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ މިންވަރު ދެބައިކުޅަ އެއްބައިން ދަށްކޮށްފައެވެ. މި އަހަރު ޖަރުމަނުވިލާތުގު އިޤްތިޞާދަށް ކުރިއެރުން ލިބޭނީ 0.5 އިންސައްތައިން ކަމަށާއި، އަންނަ އަހަރު ކުރިއެރުން ލިބޭނެ ކަމަށް ބެލެވެނީ 0.8 އިންސައްތައަށް ކަމަށް އެ އިންސްޓިޓިއުޓުން ބުނެފައިވެއެވެ. އެއީ ކުރިން އަންދާޒާކުރި މިންވަރަށް ވުރެ ގާތްގަނޑަކަށް 0.5 ޕަސަންޓޭޖު ޕޮއިންޓު ދަށް ޢަދަދެކެވެ.

އިޤްތިޞާދީ މާހިރުން އިޤްތިޞާދެއް މަޑުޖެހިއްޖެ ކަމަށް ނިންމަނީ އެ ޤައުމެއްގެ އިޤްތިޞާދު ޖެހިޖެހިގެން ދެ ކުއާޓާއަށް ނުވަތަ ހަ މަސް ދުވަހަށް ދަށަށް ގޮސްފިނަމައެވެ. ޑީއައިޑަބްލިޔުއިން ބުނީ މި އަހަރުގެ ދެވަނަ އަދި ތިންވަނަ ކުއާޓާގައި ޖަރުމަނުވިލާތުގެ އިޤްތިޞާދު ދަށަށް ދިޔުމަށް ފަހު، އަހަރުގެ ނިމޭ ކޮޅު އަނެއްކާ ވެސް ހަމައަކަށް އެޅެން ފަށާނެ ކަމަށް ބެލެވޭ ކަމަށެވެ.

ޑީއައިޑަބްލިޔުއިން ފާހަގަކުރި ގޮތުގައި ހަކަތައިގެ އަގުތައް މަތިވަމުންދާތީ ތަކެތީގެ އަގު ވެސް ދަނީ އުފުލެމުންނެވެ. އެއާއެކު ރައްޔިތުން ޚަރަދުކުރަން ލިބޭ ފައިސާގެ ޢަދަދު މަދުވާ ކަމަށާއި، ވިޔަފާރިތަކަށް ނުތަނަވަސްކަން ކުރިމަތިވަމުންދާ ކަމަށް ވެސް ބުނެފައިވެއެވެ.

ޔޫރަޕިއަން ސެންޓްރަލް ބޭންކްއިން އަމާޒުކޮށްފައި ވަނީ މި އަހަރުގެ ތެރޭގައި ތަކެތީގެ އަގު 2 އިންސައްތައަށްވުރެ އިތުރަށް އުފުލުނަ ނުދިނުމަށެވެ. ނަމަވެސް މި އަހަރުގެ ތެރޭގައި 2.9 އިންސައްތައަށް، އަދި އަންނަ އަހަރު 3 އިންސައްތައަށް އަގުތައް އުފުލޭނެ ކަމަށް މިހާރު ވަނީ ބެލެވިފައެވެ.