ޚަބަރު

ސްޕެއިންއިނުން މޮޅަށް ކުޅެފިނަމަ ކޮންމެ ޓީމެއްވެސް ބަލިކުރެވޭނެ: މެރީނޯ


  • ސްޕެއިން ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ކާބޯ ވާޑޭ އާ

މިފަހަރުގެ ފީފާ ވާރލްޑް ކަޕްގައި ސްޕެއިންއިން މޮޅަށް ކުޅެވިފަނަ ކޮންމެ ޓީމެއްވެސް ބަލިކުރެވޭނެކަމަށް އެޓީމުގެ މިކޭލް މެރީނޯ ހާމަކޮށްފިއެވެ.

މެރީނޯ ހާމަކުރިގޮތުގައި މިފަހަރުގެ މުބާރާތާއި ކުރިމަތިލާއިރު ގިނަބަޔަކު ޤަބޫލް ކުރާގޮތުގައި މިމުބާރާތް ކާމިޔާބު ކުރާނެ ޓީމުގެ ތަކުގެ ލިސްޓުގެ އެންމެ ކުރީ ސަފުގައި ސްޕެއިންގެ ނަން އަންނަނީ ކިޔެމުންކަމަށެވެ. މިއީ އެންމެ ފަހުން ބޭއްވި ޔޫރޯ މުބާރާތާއި ކުރިމަތިލާ އެމުބާރާތް ކާމިޔާބު ކުރިއިރު ގިނަ ބަޔަކު ބުނަމުންދިޔަ ވާހަކައެއް ނޫންކަމަށެވެ.

އެހެން ކަމުން މިކަމުން ސްޕެއިންގެ ޓީމު ހިތްވަރު ނެރި މިފަހަރުގެ މުބާރާތް ކާމިޔާބު ކުރެވިދާނެކަމަށް އަމިއްލައަށް ގަބޫލް ކުރެވެންޖެހޭނެކަމަށެވެ. ނަމަވެސް އޭގެ މާނައަކީ އަމިއްލަ އަށް މިއީ އެންމެ މޮޅު ޓީމުކަމުގައި ގަބޫލް ކުރުން ނޫން ކަމަށްވެސް މެރީނޯ ފާހަގަކުރިއެވެ.

އޭނާ ގަބޫލު ކުރާގޮތުގައި އެދުވަހެއްގައި މޮޅަށް ކުޅޭ ކޮންމެ ޓީމަކަށްވެސް ކާމިޔާބީ ހޯދިދާނެއެވެ. އެހެން ކަމުން އޭނާ ބޭނުންވަނީ މިފަހަރު ވާރލްޑް ކަޕްގައި ވާދަކުރާ ސްޕެއިންގެ ޓީމު ކޮންމެ މެޗެއްގައިވެސް މޮޅަށް ކުޅެ މުބާރާތުގެ ތައްޓާއި ހަމައަށް ދަތުރު ކުރުމެވެ.

މެރީނޯ ބުނީ ސްޕެއިން އޮތީ މިފަހަރު މުބާރާތަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށެވެ. އޭނާ ހާމަކުރިގޮތުގައި މިފަހަރުގެ ޓީމުގައި މިމުބާރާތް ކާމިޔާބު ކުރުމުގެ އަޒުމާއި ހިތްވަރު ހުރި ތަޖްރިބާކާރު ކުޅުންތެރިންނާއި ޒުވާން ހުނަރުވެރިން ދާދި ހަމަގޮތަކަށް ހިމެނިފައިވާކަމަށެވެ. އަދި ދުވަހުން ދުވަހަށް ސްޕެއިން ޓީމުގެ ތެރޭގައި އާއިލީ ވަންތަކަށް ފެންނަމުންދާކަމަށާއި އެއް ކުޅުންތެރިއެއް އަނެއް ކުޅުންތެރިޔަކަށް ކުރާ އިތުބާރު އިތުރުވަމުން އަންނަ ކަންވެސް އޭނާ ފާހަގަ ކުރިއެވެ. އެހެން ކަމުން މިހާރު މިޓީމު މިފަހަރުގެ ވާރލްޑް ކަޕަށް ފުރިހަމައަށް ތައްޔާރުވެފައިވާކަމަށް ބުނެވިދާނެކަމަށްވެސް މެރީނޯ ހާމަކުރިއެވެ.

މެރީނޯ ހާމަކުރިގޮތުގައި ސްޕެއިންގެ ޓީމުގައި ހުނަރުން ފުރިފައިވާ ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ކަމަށާއި ނަމަވެސް މިޓީމު ވަރުގަދަ ވެގެންދަނީ އެހުނަރު ހުރުމާއި އެކު ހުރިހާ ކުޅުންތެރިން މެޗުތަކުގައި އެކަތި ގަނޑެއްގެގޮތުގައި ކުޅޭތީކަމަށެވެ. އަދި ސްޕެއިންގެ ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ ކުރި އެންމެ ރަނގަޅު ކަމަކީ އަމިއްލަ މީހާއަށް އިސްކަން ދިނުމުގެ ބަދަލުގައި ޓީމަށް އިސްކަންދޭ ކުޅުންތެރިންގެ ޓީމެއް އެކުލަވާލައިފާވުމެވެ.

އޭނާ ބޭނުންވީ އަމިއްލަ ހުނަރުން ޓީމު މޮޅުކޮށްދޭނެ ކުޅުންތެރިންނަށް ވުރެ އެކުޅުންތެރިޔަކަށް ލިބިފައިވި ހުނަރާއި އެކު ޓީމެއްގެގޮތުގައި ކުޅެ ކާމިޔާބީ ހާސިލްކުރުމަށް އިސްކަންދޭނެ ކުޅުންތެރިންގެ ޓީމެއް ބިނާކުރުމަށެވެ.

މެރީނޯ ބުނީ ވާރލްޑް ކަޕްގައި ކުޅުމަކީ ކޮންމެ ކުޅުންތެރިޔަކުވެސް ދެކޭނެ ހުވަފެނެއް ކަމަށާއި އެހެން ކަމުން އޭނާގެ އުމުރުން 30 އަހަރުގައި ވާރލްޑް ކަޕްގައި ކުޅުމުގެ ފުރުސަތު ލިބުމަކީ އޭނާ ވަރަށް އުފާކުރާ ކަމެއް ކަމަށެވެ. އަދި ފީފާ ވާރލްޑް ކަޕެއްގައި އަމިއްލަ ޤައުމު ތަމްސީލް ކޮށްލުމުގެ ފުރުސަތު ލިބުމަކީ ކުޅުންތެރިޔަކަށް ލިބިގެންދާނެ އެންމެ ބޮޑު ޝަރަފު ކަމަށްވެސް އޭނާ ފާހަގަ ކުރިއެވެ.

މިފަހަރުގެ މުބާރާތުގައި ސްޕެއިން ހިމެނިފައިވަނީ ކާބޯ ވާޑޭ، ސައުދީއަރަބިއާ އަދި އުރުގުއާއީ އާއި އެކު ގްރޫޕް އެޗްގައެވެ. އަދި ފުރަތަމަ މެޗުގައި މިމަހުގެ ފަނަރަ ވަނަ ދުވަހު ނިކުންނާނީ ކާބޯ ވާޑޭ އާއި ދެކޮޅަށެވެ.