ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، އެމްއެންޔޫގެ މަލްޓި ޕާޕަސް ބިލްޑިންގެ ބިންގާ އަޅައިފިއެވެ.
މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މަލްޓި ޕާޕަސް ބިލްޑިންގެ ބިންގާ ރަސްމީކޮށް އަޅުއްވައިދެއްވީ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ، ޑރ. މަޙްމޫދު ޝައުގީ އާއި ވައިސް ޗާންސެލަރ، ޑރ. އާއިޝަތު ޝެހެނާޒް އާދަމެވެ.
އެމްއެންޔޫ މަލްޓިޕާޕަސް ބިލްޑިންގއަކީ އިންސާނީ ވަސީލަތްތައް ބިނާކުރުމަށާއި، ޢިލްމު ފެތުރުމަށާއި، ޤައުމީ ތަރައްޤީއަށްޓަކައި ކުރެވޭނެ އަގުހުރި އިންވެސްޓްމަންޓެެއްކަމަށް އެމްއެންޔޫއިން ފާހަގަކުރައްވައެވެ.
މިޢިމާރާތް ފަރުމާކޮށްފައިވަނީ ދަރިވަރުންނާއި މުވައްޒަފުންނަށް ބޭނުންވާ ޒަމާނީ އެންމެހައި ވަސީލަތްތައް ފުރިހަމައަށް ލިބޭނެ ގޮތަށެވެ. އެގޮތުން، ކެންޓީނާއި، ރެސްޓޯރެންޓުގެ އިތުރުން ދަރިވަރުންގެ އިޖުތިމާޢީ ހަރަކާތްތަކަށް ޚާއްޞަ ޖާގަތަކާއި، މަލްޓިޕާޕަސް ހޯލާއި، ކްލާސްރޫމްތަކާއި، ސެމިނާރ ރޫމްތަކުގެ އިތުރުން ޢަމަލީ ތަމްރީނުތަކަށް ބޭނުންވާ މަރުކަޒުތައް މިއިމާރާތުގައި ހިމެނެއެވެ. މީގެއިތުރުން، ސެންޓަރ ފޯ ސެކިއުރިޓީ އެންޑް ސްޓްރެޓީޖިކް ސްޓަޑީޒް' އަށް ބޭނުންވާ ޚާއްޞަ ޖާގައާއި، ދިރާސާކުރުމަށް ބޭނުންވާ ޒަމާނީ ލެބޯޓްރީތަކާއި އެކަށީގެންވާ މާޙައުލެއް މި ޢިމާރާތުގައި ވަނީ ތަރައްޤީކޮށްފައެވެ.
ވަކިން ޚާއްޞަކޮށް ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ފެކަލްޓީތަކަށް މިއިމާރާތުގެ ސަބަބުން ލުއި ލިބޭނެކަމަށް އެމްއެންޔޫއިން ބުނެއެވެ. އެގޮތުން މިއިމާރާތުގައި އިދާރީ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ އޮފީސްތަކާއި ޕާކިންގގެ ޚިދުމަތްވެސް ހުންނާނެއެވެ.
މިއިމާރާތުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، މިއީ ދަރިވަރުންނާއި މުވައްޒަފުންގެ ބޭނުންތަކަށް ޚާއްޞަ އިސްކަމެއް ދީގެން ފަރުމާކުރެވިފައިވާ ތަނަކަށްވުން ކަމަށާއި، މީގެ ސަބަބުން އުނގަންނައިދިނުމާއި، ގުޅިގެން މަސައްކަތްކުރުމާއި، ލީޑަރޝިޕް ހުނަރުތައް ތަރައްޤީކުރުމުގެ އިތުރުން، އިލްމީ ދިރާސާކުރުމުގެ ފުރުޞަތުތައް ބޮޑުތަނުން ފުޅާވެގެންދާނެކަން އެމްއެންޔޫއިން ފާހަގަކުރެއެވެ. އަދި މިހާރު ކުރިއަށްދާ ޕްރޮގްރާމްތައް އިތުރަށް ތަރައްޤީކޮށް، އައު ދާއިރާތަކުން ޤައުމަށް ޚިދުމަތްކުރުމުގެ ޤާބިލުކަން މި މަޝްރޫޢުގެ ސަބަބުން އިތުރުވެގެންދާނެ ކަމަށާއި، މީގެ އިތުރުން، ހުޅުމާލޭގައި ޤާއިމުކުރުމަށް އިޢުލާނުކުރެވިފައިވާ މެޑިކަލް ސްކޫލާއި ޓީޗިންގ ހޮސްޕިޓަލްގެ މަސައްކަތް ނިމެންދެން، ސްކޫލް އޮފް މެޑިސިންގެ ކިޔެވުން މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށް މި އިމާރާތުގެ ސަބަބުން ބޮޑު ފަސޭހައަކަށް ވެގެންދާނެކަމަށްވެސްވަނީ ފާހަގަކޮށްފައެވެ.
މިއީ ނިސްބަތުން ބޮޑު މަޝްރޫޢަކަށް ވާތީ، މި މަސައްކަތް ކުރިއަށް ގެންދިއުމަށް ރާވާފައިވަނީ އެކި މަރުޙަލާތަކަކަށް ބަހާލައިގެންކަމަށް އެމްއެންޔޫއިން މައުލޫމާތު ދިފައިވެއެވެ.
ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ އެ ޔުނިވަރސިޓީން ފާހަގަކުރަމުންދަނީ ތާރީޚީ ގޮތުން ނުހަނު މުހިންމު ތިން ކަމެއްކަމަށެވެ. އެއީ ޔުނިވަރސިޓީ ކައުންސިލްގެ 400 ވަނަ ބައްދަލުވުމުގެ މުނާސަބަތާއި، އެމްއެންޔޫ މަލްޓިޕާޕަސް ބިލްޑިންގގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ އިތުރުން، ޔުނިވަރސިޓީގެ ތާރީޚު ތަދުވީނުކުރުމަށް ކައުންސިލުން ނިންމެވި ނިންމެވުމެވެ.
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ ކައުންސިލްގެ 400 ވަނަ ބައްދަލުވުމަކީ ވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި އެމުއައްސަސާގެ އަމާޒުތައް ކަނޑައަޅުއްވައި، ރާއްޖޭގެ މަތީ ތަޢުލީމީ ދާއިރާ ހަރުދަނާކުރުމަށްޓަކައި ކައުންސިލް މެންބަރުންނާއި، ޗާންސެލަރުންނާއި، ވައިސް ޗާންސެލަރުންގެ އިތުރުން މުވައްޒަފުންނާއި، ދަރިވަރުން އަދި މި މުއައްސަސާއަށް އެކި ގޮތްގޮތުން އެހީތެރިވެދެއްވި އެންމެހައި ފަރާތްތަކުން ކުރެއްވި އިޚްލާޞްތެރި މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ބާއްވާ މުނާސަބަތެކެވެ.