ޚަބަރު

"ހަމަޖެހުމާއި ސުލްޙައަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެ"


  • ދެ ޤައުމުގެ ގުޅުން އެކި ދާއިރާތަކުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވި

  • ވަޒީރު ވަނީ އެގްޒިބިޝަން ބައްލަވާލައްވާ، ދިވެހި ވިޔަފާރިވެރިންގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވާފައި

ސަރަޙައްދުގެ ހަމަޖެހުމާއި ސުލްޙަ މަސަލަސްކަން ކުރިއެރުވުމަށް ދިވެހިރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެކަމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، 7 ވަނަ ޗައިނާ-ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމް އަދި 10 ވަނަ ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ތަޤުރީރުކުރައްވަމުންނެވެ.

މި ރަސްމިއްޔާތުގައި ތަޤުރީރުކުރައްވަމުން ވަޒީރު އިރުތިޝާމް ވަނީ، ބައިނަލްއަގުވާމީ ސުލްޙައާއި ހަމަޖެހުން ޤާއިމްކުރުމުގައި މަޝްވަރާއާއި ޑިޕްލޮމަސީގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ. އަދި މި ކަމުގައި ސަރަޙައްދީ ގުޅުމުގެ މުހިއްމުކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، ބައިނަލްއަގުވާމީ މުޖްތަމަޢުއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުން މުހިންމުކަމަށެވެ.

2024 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ސަބަބުން، ރާއްޖޭއާއި ޗައިނާއާ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ދެ ޤައުމުގެ ގުޅުން އެކި ދާއިރާތަކުން އިތުރަށް ބަދަހިކުރުމަށް ދިވެހިރާއްޖެއިން އަބަދުވެސް މަސައްކަތް ކުރައްވާނެކަމަށް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ. އަދި ސަރަޙައްދުގެ ހަމަޖެހުމާއި ސުލްޙަ މަސަލަސްކަން ކުރިއެރުވުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.

ވަޒީރު އިރުތިޝާމް ވަނީ 10 ވަނަ ޗައިނާ–ސައުތު އޭޝިއާ އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން އެގްޒިބިޝަން ބައްލަވާލައްވާ، އެކްސްޕޯގައި ބައިވެރިވާ ދިވެހި ވިޔަފާރިވެރިންގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވާފައެވެ.

ވަޒީރުގެ އަރިހުގައި، ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަޒީލް ނަޖީބާއި، އެޑިޝަނަލް ސެކްރެޓަރީ އަމީން ޖާވިދު ފައިޒަލް، އަދި ޑިރެކްޓަރ މަރްޔަމް ބައްސާމާ ފާރޫޤާއި، ޗައިނާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ސެކަންޑް ސެކްރެޓަރީ މިޒްނާ ވަހީދު ބައިވެރިވެވަޑައިގެންނެވިއެވެ.