މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަން ނިންމައި، އެންމެހާ ދިވެހިން ރާއްޖެ އައީ މިދިޔަ އަންގާރަ ދުވަހުއެވެ. ޙައްޖުގެ އެންމެހާ އިންތިޒާމްތައް މިއަހަރު ވަރަށް ފުރިހަމަކަން ޙައްޖުވެރިން ވަނީ ފާހަގަކޮށްފައެވެ. އަދި އެކަން އިސްލާމީ ކަންތައްތަކާ އައުޤާފާއި ބެހޭ ވުޒާރާއާއި ޙައްޖުވެރިންނަށް އެންމެހާ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުންވެސް ފާހަގަކުރެއެވެ.
ދިވެހިރާއްޖެއިން މިއަހަރުވެސް ޙައްޖުގެ އަޅުކަމަށް ހާހެއްހާ ދިވެހިން ވަނީ ގޮސްފައެވެ. މީގެތެރޭގައިގައި އާއްމު ކޯޓާގެ ދަށުން ޙައްޖަށް ދިޔަ ޙައްޖުވެރިންނާއި، ސަރުކާރުން ފަގީރުންނަށް ފަހިކޮށްދޭ ފުރުޞަތުގައި ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރި މީހުން ހިމެނެއެވެ.
ޙައްޖުގެ އަޅުކަމަށް ދިވެހިން މައްކާއަށް ދިޔައީ ޖޫން މަހުގެ 15ވަނަ ދުވަހުއެވެ. ޙައްޖުވެރިން މައްކާއަށް ދިއުމަށް މޯލްޑިވިއަންގެ ދެ ފްލައިޓާއި ސައުދިއާގެ ދެ ފްލައިޓް ބާއްވާފައިވެއެވެ. މައްކާ ރޫޓް އިނީޝިއޭޓިވްއާއެކު، ޙައްޖުވެރިން ޖިއްދާ އެއަރޕޯޓްގައި މަޑުކުރަން ނުޖެހި، ދަތުރުފަތުރުގެ ފަސޭހަ ޚިދުމަތެއް މިއަހަރުވެސް ވަނީ ލިބިގެންގޮސްފައެވެ.
ޙައްޖުވެރިން މިއަހަރުވެސް ތިބީ، މިދިޔަ ދެ އަހަރުވެސް ދިވެހިން ތިބި، ބަލަދްއައްޠައްޔިބް އަޖިޔާދް ހޮޓެލްގައެވެ. މިއީ ހިނގާފައި ފަނަރަވަރަކަށް މިނިޓުން ޙަރަމަށް ދެވޭހާ ކައިރީގައި ހުރި ހޮޓަލެކެވެ.
ޙައްޖުވެރިން ތިބުމާއި، ކެއުމާއި ދީނީ ދަރުސްތަކާއި އަދި އެންމެހާ ޚިދުމަތްތައް ދިނީ މި ހޮޓަލުގައެވެ.
މިއަހަރުގެ ޙައްޖުގެ އަޅުކަމަށް މަޝާޢިރަށް ޙައްޖުވެރިން މިނާއަށް ދަތުރުކުރީ ޖޫން 24ވަނަ ދުވަހުގެ ރެއެވެ. އަދި އަރަފާތު ދުވަހަށް ޙައްޖުވެރިން އަރަފާތަށް ދިޔައީ، ޖެހިގެން އައި ދުވަހުގެ ރެއެވެ.
އަރަފާތު ދުވަހު، އިރުއޮއްސުމާއި ހަމައަށް ޙައްޖުވެރިން އަރަފާތުގެ މާތް ބިމުގައި އަޅުކަމާއި ދުޢާ ކުރުމުގައި ވަގުތު ހޭދަކުރިއެވެ. އަދި އެއަށްފަހު އެރޭ، މުޒްދަލިފާގައި ވަގުތުކޮޅެއް ހޭދަކުރުމަށްފަހު ފަތިހު އެނބުރި މިނާއަށް ދިޔައެވެ.
ބޮޑު ޖަމްރާޢަށް ހިލަ އުކަން ދިޔައީ ޢީދު ދުވަހު ހެނދުނުއެވެ. އަދި އެއަށްފަހު ފުރަތަމަ ތަޙައްލުލުވެ އިޙުރާމް ކެނޑިއެވެ.
އައްޔާމުއްތަޝްރީޤްގެ ދެ ދުވަހު 3 ޖަމުރާޢަށް ހިލައުކުމަށްފަހު، ޙައްޖުވެރިން ޖަމްރާއިން މައްކާ ހޮޓަލަށް ދިޔައީ ފައި މަގުގައި، 29ވަނަ ދުވަހުއެވެ.
ޙައްޖުގެ އެންމެހާ އިންތިޒާމްތަކާއި ޚިދުމަތްތައް ވަރަށް ފުރިހަމައަށް ހަމަޖައްސާފައިވާކަން ޙައްޖުވެރިން ފާހަގަކުރިއެވެ.
"ތިބުމުގެ ކަންކަން، އަޅުކަމުގެ ކަންކަން ވަރަށް ރަނގަޅު އިރުޝާދުތަކާއެކު ތަރުތީބުން ކުރިއަށްދިޔައީ. ހުރިހާ ކަމެއްގެ އިންތިޒާމްތައްވެސް ކޯޕަރޭޝަނުން ވަރަށް ފުރިހަމައަށް ހަމަޖެއްސި. ޙައްޖުވެރިންނަށް ބޭނުންވާ އެންމެހާ އެހީތެރިކަން ކޮންމެ ވަގުތަކުވެސް ލިބުނު." ޙައްޖުވެރިން ފާހަގަކުރިއެވެ.
ޙައްޖުގެ އަޅުކަމަށްފަހު ޙައްޖުވެރިން ދެން ދަތުރުކުރީ މަދީނާއަށެވެ. މަދީނާއަށް ދަތުރުކުރީ ހައި ސްޕީޑް ޓްރެއިންގައެވެ.
މަދީނާގައި ޙައްޖުވެރިން ދެ ދުވަހު މަޑުކޮށް، މުހިންމު ބިނާތަކަށް ޒިޔާރަތްކުރިއެވެ. އެގޮތަށް ރަޢުޟާއާއި ޤުބާ މިސްކިތާއި އުޙުދުގެ މައިދާނަށް ޒިޔާރަތްކޮށް، އެ ބިނާތަކާއި ޙާދިސާތަކާއި ގުޅޭ މުހިންމު މަޢުލޫމާތު ހޯދާފައިވެއެވެ.
ޙައްޖުގެ މާތް ދަތުރަށްފަހު ޙައްޖުވެރިން އެނބުރި ރާއްޖެ ދަތުރުކުރީ މިމަހުގެ، 5، 7، 8 އަދި 9 ވަނަ ދުވަހުއެވެ. އެއީ ސައުދިއާ އެއަރގެ ދެ ފްލައިޓާއި މޯލްޑިވިއަންގެ ދެ ފްލައިޓްގައެވެ.
ކުދިކުދި ޞިއްޙީ މައްސަލަތައް ކުރިމަތިވިނަމަވެސް ޖުމުލަކޮށް އެންމެހާ ޙާޖީންގެ ޙާލުވެސް ރަނގަޅެވެ. ޙައްޖުވެރިންނަށް 24 ގަޑިއިރު، ޞިއްޙީ އެހީތެރިކަން ދިނުމަށް ޑޮކްޓަރުންނާއި ނަރުހުންގެ ޓީމް ހަރަކާތްތެރިވިއެވެ.
ޙައްޖު ދަތުރުގެ އެންމެހާ ކަންކަން މިއަހަރު ވަރަށް އަމާންކަމާއި އޮމާންކަމާއެކު ވަނީ ކުރިއަށްގެންގޮސްފައެވެ.