ކުޅިވަރު

ހުން އައިސް ހުއްޓައި ކުޅެވުނީ މެޑިކަލް ޓީމުގެ މޮޅުކަމުން: ކޮރެޔާގެ ފޯވަޑް


ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ޗެކިއާ އަތުން 2-1އިން ކޮރެޔާ މޮޅުވިއިރު މެޗުގައި ކޮރެޔާގެ ފުރަތަމަ ގޯލު ޖެހި ފޯވަޑް އޮހައިގް ޔޫ މެޗަށް ފަހު މެޑިކަލް ޓީމަށް ޝުކުރު އަދާކޮށްފި އެވެ.

"އަހަރެންގެ އިހުސާސްތައް ބުނެދޭކަށް ވެސް ނޭނގެ. އަހަރެންގެ ބޮޑީ ޓެމްޕަރޭޗަރ މިއަދު ވެސް ހުރީ 38 ޑިގްރީގައި. ސަބަބަކީ އަހަރެންގެ ހާލަތު އެހާ ރަނގަޅެއް ނޫން. އަހަރެން ހުރީ ކަންބޮޑުވެފައި އަހަރެންނަށް ކުޅެވިދާނެ ކަމާ މެދު ވެސް. އަހަރެންނަށް ކުޅެވުނީ މެޑިކަލް ޓީމުގެ ސަބަބުން. ވޯލްޑް ކަޕުގައި ކުޅުމަކީ ވަރަށް ހާއްސަ ކަމެއް. އަހަރެން މިކަމަށްޓަކައި މެޑިކަލް ޓީމަށް ޝުކުރު އަދާ ކުރަން ޖެހޭ،" އޮހައިގް ބުންޏެވެ.

މެޗަށް ފަހު ކޮރެޔާގެ ކޯޗު ހުން މިޔުންގް ބޯ ބުނީ މެޗު އެއްވަރު ނުވާނެ ކަމުގެ ޔަގީން އޮތް ކަމަށް ބުނެފި އެވެ.
މެޗު ނިމެން ބާކީ 10 މިނިޓަށްވެފައި ވަނިކޮށް ޖެހި ގޯލުން ކޮރެޔާ މޮޅުވިއިރު އެންމެ ފަހުން ވޯލްޑް ކަޕުގައި އެ މީހުން މޮޅުވި ފަސް މެޗު ދިޔައީ މިފަދަ ގޮތަކަށެވެ.

"މިއީ އަހަރުމެންގެ ފުރަތަމަ މެޗު. ވަރަށް އުނދަގޫ މެޗެއް. މި މެޗުން މޮޅުވުމުން އަހަރެން މިހުރީ އުފަލުން. އެކަމަކު އެއަށްވުރެ ބޮޑަށް އުފާވަނީ ކުޅުންތެރިން ދޫނުދީ ކުޅެގަތުމުން. އަހަރެންނަށް އެނގޭ އަހަރުމެން 1-1އިން މެޗު އެއްވަރުވާ ވަރަށްވުރެ މޮޅަށް ކުޅުނުކަން. ކުޅުންތެރިން ފަހަތުން އަރައި މޮޅުވާން ކުރި ހިތްވަރަށް ސާބަސް،" ކޯޗު ބުންޏެވެ.

ގްރޫޕް އޭގައި ހިމެނެނީ ކޮރެޔާ އާއި މުބާރާތް ބާއްވާ ތިން ގައުމުގެ ތެރެއިން މެކްސިކޯ އާއި ދެކުނު އެފްރިކާ އާއި ޗެކިޔާ އެވެ.