ޚަބަރު

އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގެ ވޯޓުލާ ވަގުތު އިތުރުކޮށްފި


  • ވޯޓުލާ ވަގުތު އިތުރުކޮށްފައިވަނީ މިރޭ 9އާ ހަމައަށް

  • މި އިންތިޚާބުގައި 241 ވޯޓު ފޮށި ބަހައްޓާފައިވޭ

މިއަދު ކުރިޔަށްދާ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގައި ވޯޓުލާ ވަގުތު އިތުރުކުރުމަށް އެޕާޓީގެ އިންތިޚާބާބެހޭ ކޮމިޓީއިން ނިންމައިފިއެވެ.

އެ ޕާޓީން ކުރިން އިއުލާންކޮށްފައިވާ ގޮތުގައި އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ މިއަދު މެންދުރު 14:30 އިން ރޭގަނޑު 8:30 އާ ހަމައަށެވެ. ނަމަވެސް މޫސުން ގޯސްވެ ދަތިތަކެއް ދިމާވެ ބައެއް ފޮށިތަކުގެ ވޯޓުލުން ކުރިއަށް ގެންދިއުން ލަސްވުމާއި ގުޅިގެން ވޯޓުލުން މިރޭ 9:00 އާއި ހަމައަށް ވަގުތު އިތުރުކުރުމަށް ޕާޓީގެ އިންތިޚާބާބެހޭ ކޮމިޓީއިން ވަނީ ނިންމާފައެވެ.

އެމްޑީޕީގެ ޗެއަރޕާސަންކަމުގެ މަޤާމަށް ވާދަކުރައްވަނީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމް އަދި އިބްރާހިމް މުޙައްމަދުއެވެ.

މި އިންތިޚާބުގައި އެމްޑީޕީން 241 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. މީގެ ތެރެއިން 240 ވޯޓުފޮށި ބަހައްޓާފައިވަނީ، ރާއްޖޭގައެވެ. ލަންކާގައި ބަހައްޓާފައިވަނީ، އެންމެ ވޯޓެކެވެ.

މިފަހަރުގެ އިންތިޚާބުގައި ރަށްރަށާއި މާލޭގައިވެސް ވޯޓުފޮށިތައް ބަހައްޓާފައިވަނީ ސްކޫލުތަކުގައެވެ. މާލޭގައި ވޯޓުފޮށިތައް ބަހައްޓަނީ 10 ސްކޫލެއްގައެވެ. އެއީ، ހުރަވީ ސްކޫލާއި، ދަރުމަވަންތަ ސްކޫލާއި، މަޖީދިއްޔާ ސްކޫލާއި، އަމީނިއްޔާ ސްކޫލާއި، ކަލާފާނު ސްކޫލާއި، އިސްކަންދަރު ސްކޫލާއި، މާފަންނު މަދުރަސާއާއި، ގަލޮޅު ސްކޫލާއި، މުހިއްޔިއްދީން ސްކޫލުގެ އިތުރުން ކާމިލްދީދީ ސްކޫލުގައެވެ.

މިއަދުގެ އިންތިޚާބު ކުރިޔަށްދިޔައިރު ބައެއް ރަށްރަށުގައި ވަނީ ހަމަނުޖެހުންތައް ހިނގާފައެވެ. އެގޮތުން ބައެއް ރަށްރަށުގައި ހަމަނުޖެހުން ހިންގައި ވޯޓުފޮށި ފަޅާލާފައިވެއެވެ. އަދި ބައެއް ރަށްރަށުގައި ވޯޓުފޮށިތައް ހުރިތަނުން އެހެން ތަނަކަށް ގެންގޮސްފައިވެސްވެއެވެ.

އެމްޑީޕީއަކީ، މިވަގުތު ރާއްޖޭގައި ދެވަނައަށް އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީއެވެ. އިލެކްޝަންސް ކޮމިޝަންގެ އެންމެ ފަހުގެ ދަފުތަރުން ދައްކާ ގޮތުގައި އެ ޕާޓީގައި ތިބީ، 43,784 މެންބަރުންނެވެ. ނަމަވެސް މިއަދު ބާއްވާ އިންތިޚާބުގައި 48،912 ވޯޓުލުމުގެ ޙައްގު ލިބޭކަމަށް އެމްޑީޕީން ނެރެފައިވާ ދާއިމީ ވޯޓާސް ލިސްޓުން ދައްކައެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމު ހުސްވެފައިވަނީ، އެ މަޤާމުގައި ހުންނެވި ފައްޔާޒު އިސްމާޢީލް އެ މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެ މަޤާމާ ވަގުތީގޮތުން ހަވާލުވެ ހުންނެވީ، ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާއެވެ.