ޕްލާސްޓިކްގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ ބޮޑު މައްސަލައެކެވެ. ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށާއި ސިއްޙަތަށްވެސް ނޭދެވޭ އަސަރުކުރެއެވެ. އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ސަބަބުން މިމައްސަލަވަނީ ބޮޑުވެފައެވެ. އެހެންކަމުން ސަރުކާރުންވަނީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ މައްސަލައަށް ހައްލެއް ގެނައުމަށް މަސައްކަތް ފަށާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން 2022 ވަނަ އަހަރު އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވަނީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބާވަތްތަކުގެ ތެރެއިން 13 ބާވަތެއް ޕްލާސްޓިކް ރާއްޖެއަށް އެތެރެކޮށް ބޭނުންކުރުމާއި އުފެއްދުން މަނާކޮށްފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ އެޤަރާރު ދަމަހައްޓަވާ، ލިސްޓަށް ސުޕާރީ ޕެކެޓު ފިޔަވައި އެހެނިހެން ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ ސުޕާރީ ލިސްޓަށް އިތުރުކުރައްވާ، 14 ބާވަތާއެކުވަނީ 2023 ވަނަ އަހަރު ޤަރާރެއް ނެރުއްވާފައެވެ. އެފަހުން ލިސްޓުގައި ހިމެނޭ 1 ލީޓަރަށްވުރެ ކުދި ފެން ފުޅި ރާއްޖޭގައި އުފެއްދުން މަނާކުރާ ތާރީޚު 2027 ވަނަ އަހަރަށް އަދި ބާޒާރަށް ނެރުން މަނާކުރާ ތާރީޚު 2028 އަށްވަނީ ފަސްކުރައްވާފައެވެ.
"ސިންގްލް ޔޫސް ޕްލާސްޓިކް މަދުކުރުމާ ގުޅޭ ގަވާއިދު" މިހާރު ތިމާވެއްޓާ ބެހޭ ވުޒާރާއިންވަނީ އާންމުކޮށްފައެވެ. މިގަވާއިދުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން މަނާކޮށްފައިވާ ބާވަތްތައް އެތެރެކޮށް ވިއްކާ އަދި ބޭނުންކުރާނަމަ ފިޔަވަޅު އެޅުމަށްވަނީ ހަމަޖެހިފައެވެ.
ސިންގަލް-ޔޫސް ޕްލާސްޓިކު މަދުކުރުމާ ގުޅޭ ގަވާއިދު ގެޖެޓުކުރުންhttps://t.co/BM5pY2W6pl pic.twitter.com/GvDh6t3Lo2
— Min. of Climate Change, Environment and Energy, MV (@MoEnvmv) June 12, 2026
ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިފަދަ ބާވަތެއް ބޭނުންކޮށް ވިއްކާ، އަދި އުފައްދާ ފުރަތަމަ ފަހަރުނަމަ ނަސޭޙަތްދިނުމަށްފަހު ދޫކޮށްލާނެއެވެ. އަދި ދެވަނަ ފަހަރުނަމަ ނަސޭޙަތްތެރިވުމާއެކު، އެތެރެކޮށްފައިވާ ނުވަތަ އުފައްދާފައިވާ ނުވަތަ ބާޒާރަށް ވިއްކަން ނެރޭ އެއްޗެއްގެ ޢަދަދަށް ބަލައި ކޮންމެ އެއްޗަކަށް 150 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. މިގަވާއިދުގެ ދަށުން ޖޫނިމަނާކުރެވޭނެ އެންމެ މަތީ ޢަދަދަކީ 1 ލައްކަ ރުފިޔާއަށްވުރެ ގިނަ ނުވާނެ އަދަދެކެވެ.
އެއްފަހަރު ބޭނުންކޮށްފައި އުކާލާ ބާވަތްތަކުގެ ތެރެއިން ރާއްޖޭގައި އެންމެ އާންމުކޮށް ބޭނުންކުރާ އެއްކައްޗަކީ، ޕްލާސްޓިކް ކޮތަޅެވެ. ގަވާއިދުގައި ބަޔާންކުރާގޮތުން 30 ސެންޓިމީޓަރުގެ ޕްލާސްޓިކް ކުދިކޮތަޅު ބޭނުންކުރުމަކީ މަނާކަމެކެވެ. އެހެންކަމުން މިއަހަރުގެ ސެޕްޓެމްބަރު މަހު ގަވާއިދު ތަންފީޒުކުރަން ފެށުމުން މިސައިޒުގެ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ކޮތަޅު ބާޒާރުކުރުމުގައި ބޭނުންކުރުމަކީ މަނާކަމެކެވެ.
ސަރުކާރުންދަނީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ރާއްޖޭގައި ބޭނުންކުރުން ހުއްޓުވުމަށް މަސައްކަތް ކުރަމުންނެވެ. އަދި މިފަދަ ތަކެތީގެ ބަދަލުގައި ބޭނުންކުރެވޭނެ ބާވަތްތައްވެސް ބާޒާރަށް ނެރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.
ޕްލާސްޓިކްގެ ސަބަބުން ނުރައްކާތެރި އެތައް ބައްޔަކަށް މީހާ ހުށައެޅިގެންދާއިރު އެކަމުން ރައްކާތެރިވުމަށް ފަރުދީގޮތުންވެސް ޕްލާސްޓިކާ ދުރަށް ދާންޖެހެއެވެ.