ޚަބަރު

ދ.މީދޫ ކައުންސިލް ރައީސް އިންތިޚާބު: ވޯޓުފޮށި ބަންދުކޮށްފި


  • ތިނެއް ޖެހުމާ ހަމައަށް ވޯޓުލީ 890 މީހުން

  • އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު 1049 މީހުންނަށް

ދ. މީދޫ ކައުންސިލް ރައީސް ހޮވުމަށް ބާއްވާ އިންތިޚާބުގެ އިތުރު ބުރުގެ ވޯޓުފޮށިތައް ބަންދުކޮށްފިއެވެ. މި އިންތިޚާބުގައި ބަހައްޓާފައިވާ ހުރިހާ ވޯޓު ފޮއްޓެއްވެސް ވަނީ ގަޑިއަށް ބަންދުކޮށްފައެވެ.

ދ. މީދޫ ކައުންސިލް އިންތިޚާބުގެ އިތުރު ބުރުގެ ވޯޓުލުމަށް އިލެކްޝަންސް ކޮމިޝަނުން ތިން ފޮށި ބަހައްޓާފައިވެއެވެ. މި އިންތިޚާބުގައި އެރަށުގައި ވޯޓުލުން ކުރިއަށް ދިޔައީ، ދ. އަތޮޅު މަދުރަސާގައެވެ. އަތޮޅު މަދުރަސާގައި ދެ ފޮށި ބަހައްޓާފައިވެއެވެ. އަދި މާލޭގައި ވޯޓުލުމަށް ދަރުމަވަންތަ ސްކޫލުގައި ވޯޓު ފޮއްޓެއް ބަހައްޓާފައިވެއެވެ. މި އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ، ހެނދުނު 8:00 އިން 4:00 އަށެވެ.

އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު 1049 މީހުންނަށް ލިބިގެންވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. އެގޮތުން ދ. މީދޫއަށް މި އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ލިބިގެންވާ މީހުންގެ ތެރެއިން ވޯޓުލާނީ 587 މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ. އަދި މާލެއަށް ވޯޓުލުމަށް 462 މީހުން ވަނީ ރަޖިސްޓްރީކޮށްފައެވެ.

ދ. މީދޫ ކައުންސިލް ރައީސްގެ މަޤާމުގެ އިތުރުބުރެއް ނެގުމަށް ނިންމާފައިވަނީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026ގައި އެރަށުގައި ބެހެއްޓި ދ.މީދޫ-2 ނަންބަރު ވޯޓު ފޮށީގެ މީދޫ ދާއިރާގެ 1 ވޯޓު ކަރުދާސް ސައްޙަ ކަމަށް ކަނޑައަޅައި ޙުކުމްކުރުމާއި ގުޅިގެން ކައުންސިލް ރައީސްގެ މަޤާމަށް އިންތިޚާބު ކުރަންޖެހޭ މެންބަރުންގެ ޢަދަދަށްވުރެ ގިނަ އަދަދެއްގެ ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓު އެއްވަރުވެފައިވާތީއެވެ.

މި އިންތިޚާބުގައި ދެ ކެނޑިޑޭޓުން ވާދަކުރެއެވެ. އެއީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ ކެނޑިޑޭޓަކާއި، މޯލްޑިވިއަން ޑިވެލޮޕްމެންޓް އެލަޔަންސް، އެމްޑީއޭގެ ކެނޑިޑޭޓެވެ.