ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޙައްމަދު މުޢިއްޒުއާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދު ނިލަންދެ އަތޮޅު ދެކުނުބުރީ މީދޫއަށް ވަޑައިގަންނަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދ.މީދުއަށް ވަޑައިގެންނެވުމުން އެރަށުގެ ބަނދަރު ސަރަހައްދުން އެކި އުމުރުފުރާތަކުގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ މަރުޙަބާ ދަންނަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް، ޑރ.މުޢިއްޒު ދ. މީދޫއަށް ވަޑައިގަންވާފައި މިވަނީ އިއްޔެ ބޭއްވި އެރަށު ކައުންސިލް ރައީސް އިންތިޚާބު ޕީއެންސީގެ ކެނޑިޑޭޓު ކާމިޔާބުކުރެއްވުމާއި ގުޅިގެން އެކަމުގެ ކާމިޔާބީ ފާހަގަކުރެއްވުމަށެވެ. އެގޮތުން މިރޭ އެ ރަށުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕީއެންސީގެ ޖަލްސާގައި ރައީސް މުޢިޢްޒު ބައިވެރިވެވަޑައިގަންނަވާނެއެވެ.
އިލެކްޝަންސް ކޮމިޝަނުން ޢާއްމުކޮށްފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގެ، ދ.މީދޫ ކައުންސިލްގެ އިތުރު ބުރުގެ ވޯޓުގެ ރަސްމީ ނަތީޖާ އިން ދައްކާ ގޮތުން، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހިމް އެ އިންތިޚާބު ކާމިޔާބުކުރައްވާފައި ވަނީ އިންތިޚާބުގައި ވޯޓުލީ މީހުންގެ %54.09 ވޯޓު ހޯއްދަވައިގެންނެވެ.