ކުޅިވަރު

ވޯލްޑް ކަޕް ކުޅުމަކީ ޖޯޑަން އަށް ފަހުރެއް، ހުރީ ޔޫރަޕުގައި ކުޅޭ އެންމެ ކުޅުންތެރިއެއް


ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކުޅުމަކީ އެ ގައުމަށް ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށާއި މިހެންވެ މުބާރާތުގެ ފުރަތަމަ މެޗަށް ނުކުންނައިރު މާބޮޑު ޕްރެޝަރެއް ނެތް ކަމަށް ޖޯޑަންއިން ބުނެފި އެވެ.

ޓީމުގެ ކެޕްޓަން އިހްސާން ހައްދާދު މެޗުގެ ކުރިން ވާހަކަ ދައްކަމުން ބުނީ ހުރިހާ ކުޅުންތެރިންނަށް އާޖެންޓީނާ އާއި އަލްޖީރިއާ އާއި އޮސްޓްރިއާ ހިމެނޭ ގްރޫޕުގެ ވަރުގަދަކަން އެނގޭތީވެ، އެކަމާ ވިސްނައި ފިކުރު ކުރުމަށްވުރެ ބޮޑަށް މުޅި ޓީމަށް ވެރިވެފައިވަނީ ފަހުރުވެރިކަން ކަމަށެވެ.

"އަހަރުމެން ވޯލްޑް ކަޕް މި ކުޅެނީ އަލަށް. މިއީ އަހަރުމެންނަށް ވަރަށް ބޮޑު ފަހުރެއް. ޕްރެޝަރަށްވުރެ އެ ފަހުރުވެރިކަން މާބޮޑު. އެހެންވީމާ މި އުފާވެރިކަމާއެކު އަހަރުމެންނަށް މުބާރާޓުގައި ދެއްކެ ކުޅުން ބަލާލަން ފުރުސަތުދީ. އަހަރުމެން އަމިއްލަ ނަފްސަށް އިތުބާރު ކުރަން. އިޓަލީ ފެދަ ޓީމުތައް ވޯލްޑް ކަޕުގައި ނެތި އަހަރުމެން ކުޅޭތީވެ އަހަރުމެން ފަހުރުވެރިވިޔަސް މުބާރާތަށް މިއައީ ހަމައެކަނި ބައިވެރިވާކަށް ނޫން،" ހައްދާދު ބުންޏެވެ.

ޖޯޑަން ޓީމުގައި ހުރީ ޔޫރަޕުގައި ކުޅޭ އެންމެ ކުޅުންތެރިއެކެވެ. އެއީ ފްރާންސްގެ ރޭނީސް އަށް ކުޅޭ މޫސާ އަލް ތަމާރީ އެވެ. ދެންތިބި ހުރިހާ ކުޅުންތެރިން ކުޅެނީ އަމިއްލަ ގައުމުގަ އާއި ޖޯޑަން ހިމެނޭ މެދުއިރުމަތީގެ ގައުމުތަކުގަ އެވެ.

"މި ޓީމާއެކު ނެތަސް ޖޯޑަންގައި މޮޅު ކުޅުންތެރިން އުފެދުނު. މި ޓީމުގައި ތިޔަ ބުނާހެން ޔޫރަޕިގައި ކުޅޭ ކުޅޭ ކުޅުންތެރިންތަކެއް ނެތުމަކީ އަހަރުމެންނަށް ލިބޭ ހިތްވަރެއް. އަހަރުމެން ރަނގަޅު ވާދައެއް ކުރާނަން. 90 މިނިޓްގެ ތެރޭގައި އަހަރުމެންގެ ގޭމް ޕްލޭން ތަންފީޒު ކުރެވޭތޯ ބަލާނީ ކެތްތެރިކަމާއެކު،" ހައްދާދު ބުންޏެވެ.

ޖޯޑަންގެ ކޯޗު ޖަމާލް ސެއްލާމީ ބުނީ އޮސްޓްރިއާ ޓީމުގެ އެންމެ ވަރުގަދައީ މެދުތެރެ އާއި މަތިން ކުޅޭ ބޯޅަތައް ކަމަށެވެ.

"މިކަމާ ކުރިމަތިލާން އަހަރުމެންގެ ހާއްސަ ޕްލޭނެއް އެބައޮތް. އޭޝިޔާގެ ޓީމުތައް މުބާރާތުގައި ނެރެމުން އަންނަ ރަނގަޅު ނަތިޖާތަކަކީ އަހަރުމެންނަށް ލިބޭ ހިތްވަރެއް. ކޮރެޔާ އާއި ޖަޕާނާއި އޮސްޓްރޭލިޔާގެ ކުޅުންތެރިންގެ ދެއްކި ކުޅުމަކީ އަހަރުމެންގެ ޓީމަށް ނަމޫނާއަކަށް ވާނެ،" ކޯޗު ބުންޏެވެ.

މި މެޗު ފަށާނީ މާދަމާ ހެނދުނު ނުވައް ޖަހާއިރު އެވެ.